ޚަބަރު

އިންޑިއާ އައުޓް ގޮވަނީ އިންޑިއާއިން ދޭ އެހީތަކާ ހެދި ޔާމީންގެ ހިތަށް ކެތްނުވެގެން: އެމްޓީޑީ

މުހައްމަދު އިޝާން

އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން "އިންޑިއާ އައުޓް" ކެމްޕޭން ހިންގަނީ އިންޑިއާއިން ރާއްޖެއަށް ދޭ އެހީތަކުން ހިތްޕުޅަށް ކެތް ނުވެގެން ކަމަށް މޯލްޑިވްސް ތާޑްވޭ ޑިމޮކްރަޓިކް (އެމްޓީޑީ)ން ބުނެފި އެވެ.

ކުރީގެ ނައިބު ރައީސްކަން ކުރެއްވި އަހުމަދު އަދީބު އިސްވެ ހުންނަވައިގެން އުފެއްދި އެމްޓީޑީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އިދިކޮޅު ކޯލިޝަނުން ކުރިއަށް ގެންދާ އިންޑިއާ އައުޓް ކެމްޕޭނު ކުށްވެރިކުރާ ކަމަށެވެ. އަދި އެ ކެމްޕޭނުގެ މަގުސަދަކީ އިންޑިއާއާ މެދު ނަފުރަތު އުފައްދައި ކޮވިޑްގެ ދަތި ހާލުގައި ރާއްޖެއަށް ލިބޭ އެހީތަކާއި ވިޔަފާރިތަކާއި އިންވެސްޓްމަންޓްތައް ހުއްޓުވާލުން ކަމަށެވެ. އެ ކެމްޕޭނުން ގައުމަށް ލިބޭނީ ގެއްލުން ކަަމަށް އެމްޓީޑީ ބުންޏެވެ.

ކޮވިޑް ފެށުނީއްސުރެ މިއަދާ ހަމައަށް ރާއްޖެ ބަނގުރޫޓު ނުވެ މެނޭޖު ކުރެވުނީ އިންޑިއާގެ އެހީތެރިކަމުގެ ސަބަބުން ކަމަށެވެ. އަދި މުޅި ދުނިޔެ ބަންދުކޮށްފައި އޮއްވައި ޓްރެވަލް ބަބުލްއެއް ގާއިމުކޮށް އެގައުމުން ރާއްޖެއަށް ފަތުރުވެރިން އާދެވޭނެ ގޮތާއި ބޮޑެތި ބަލިތަކަށް ފަރުވާ ހޯދުމަށް އެގައުމަށް ދެވޭނެ އިންތިޒާމު ހަމަޖައްސައި ކޮވިޑުން ދިފާއުވުމަށް އެންމެ ފުރަތަމަ އެގައުމުން ވެކްސިން ހަދިޔާކުރީ ވެސް ރާއްޖެއަށް ކަމަށް އެމްޓިޑީން ބުންޏެވެ.

"މިހާތަނަށް ކޮވިޑްގެ ބަލިމަޑުކަމުގައި 261 ދިވެހި ރައްޔިތުން ނިޔާވެ، މުޅި ދުނިޔެއަށާއި ގައުމަށް ދިމާވެފައިވާ އިގުތިސޯދީ ގޮތުން ދަތި އުނދަގޫ ދުވަސްވަރު އެއްވެސް ޒިންމާދާރުކަމެއް ނެތި ސަރުކާރަށް އެއްވެސް އެއްބާރުލުމެއް ނުދީ މިއަދު ރައީސް ޔާމީނު ކުއްލިއަކަށް އިންޑިއާ އައުޓް ޖަހައިގެން މަސައްކަތް ކުރައްވަނީ އިންޑިއާއިން ރާއްޖެއަށް ދެމުން ގެންދާ އެހީތަކުގެ ސަބަބުން ހިތައް ކެތްނުވެގެން" ބަޔާނުގައިވެއެވެ.

ރާއްޖެއަކީ ފަތުރުވެރިކަމާއި އިގުތިސޯދީ އެތައް ރޮނގަކުން އަދިވެސް އިތުރަށް ކުރިއަށް ދިއުމުގެ ފުރުސަތު އޮތް ގައުމެއް ކަމަށާއި ރާއްޖެ ފަދަ ކުދި ގައުމުތައް މިހާތަނަށް ކުރިއަރާފައި ހުރީ އެހެން ގައުމުތަކާ އެކު ގުޅުން ބަދަހިކޮށްގެން ކަމަށް ވެސް އެމްޓިޑީ ބުންޏެވެ.

ރައީސް ޔާމީން ވެސް އެމަނިކުފާނުގެ ވެރިކަމުގައި އިންޑިއާއެކު ގުޅުން ބަދަހިކުރިކަން ފާހަގަކޮށް އެމްޓީޑީން ބުނީ އިންޑިއާގައި އެދިގެން ވެރިކަން ލިބުމުގެ ކުރިންނާއި ވެރިކަން ލިބުމުގެ ފަހުން ވެސް އެންމެ ފުރަތަމަ ރަސްމީ ދަތުރުފުޅެއްގައި ރައީސް ޔާމީން ވަޑައިގެންނެވީ އިންޑިއާއަށް ކަމަށެވެ. އަދި ރައީސް ޔާމީންގެ ސަރުކާރުން އިންޑިއާއެކު ފުރަތަމަ ސޮއިކުރި ޑިފެންސް އެގްރީމަންޓަކީ އެމަނިކުފާނު އެކަމަށް އެދި އެންޑޯސްކޮށްގެން އިންޑިއާ އިން ދެވަނަ ހެލިކޮޕްޓަރު ގެނައުމުގެ އެގްރީމެންޓު ކަމަށްވެސް ބުންޏެވެ.

އެމްޓީޑީން އިތުރަށް ބުނީ ރާއްޖެ އާއި އިންޑިއާއަކީ ޒަމާންވީ ތާރީހީ އެތައް ގުޅުމެއް އޮތް އެކުވެރި ދެ ގައުމު ކަމަށެވެ. ދެ ގައުމުގެ މެދުގައި ސިޔާސީ، އިގުތިސޯދީ އަދި ހާރިޖީ ގުޅުމާއި ދިފާއީ އެތައް ކަމެއްގައި ޒަމާނުއްސުރެ އެކީގައި މަސައްކަތްކޮށް އިންޑިއާ ކަނޑުގެ ސަލާމަތް ދެ ގައުމުން ދަމަހައްޓާފައިވާ ކަމަށް އެމްޓީޑީން ބުންޏެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ފޮރިން ޕޮލިސީ ބައްޓަންކޮށްފައިވާ ގޮތަށް ވެސް އެމްޓީޑީން ވަނީ ފާޑު ކިޔައިފައެވެ. އެގޮތުން އިންޑިއާ އާއި ޔޫރަޕިއަން ޔޫނިއަން އާއި އެމެރިކާ އަދި ކޮމަންވެލްތުން ސިޔާސީ ކުށްވެރިން ޖަލަށްލައިގެން އަނިޔާ ނުކުރުމަށާއި އިންސާނީ ހައްގު ހިމާޔަތްކުރަން އޭރު ގޮވާލުމާ އެކު އެކަން ރައީސް ޔާމީނަށް ގޯސްވި ކަމަށެވެ.

ރައީސް ޔާމީންގެ ވެރިކަން ނިމުނުއިރު ރާއްޖެ އޮތީ މުޅި ދުނިޔެއާ އެކަހެރިވެ ޔޫރަޕިއަން ޔޫނިއަނުން ވެސް ފިޔަވަޅު އަޅާ ހިސާބުގައި ކަމަށާއި މިހާރު އިދިކޮޅު ލީޑަރުގެ ހައިސިއްޔަތުން ވެސް ސަރުކާރު ޖަވާބުދާރީކުރުވާ މަންޒަރު ނުފެންނަ ކަމަށް އެމްޓީޑީން ބުންޏެވެ.

އިދިކޮޅު ކޯލިޝަނުން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ކެމްޕޭނު ކުށްވެރިކޮށް، އެމްޑީޕީ، ޖުމްހޫރީ ޕާޓީ، އަދާލަތު ޕާޓީ، އެމްއާރްއެމް، އަދި އެމްއެންޕީން ވެސް ވަނީ ބަޔާން ނެރެފައެވެ.