އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެންބަރުން ވަކި ކުރުމުގެ ކަންތައްތައް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީން ކުރިއަށް ގެންގޮސްފައިވާ ގޮތުން، އެކަން ކޮށްފައި ވަނީ އޭސީސީގެ މައްޗަށް ނުފޫޒު ފޯރުވުމަށާއި އެ މުއައްސަސާގެ މިނިވަންކަމަށް ބުރޫ އަރާނެ ފަދަ އަމަލު ހިންގުމަށް މަގުފަހި ކުރުމަށް ކަމަށް ބެލުމުގެ ފުރުސަތު އެބައޮތް ކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ބުނެފިއެވެ.
ޓްރާންސްޕޭރެންސީ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، އޭސީސީ މެންބަރުން ވަކި ކުރަން ކޮމިޓީން ކުރި ކަންތައްތަކުގައި ވަރަށް ބޮޑެތި މައްސަލަތައް އެބަހުރި ކަމަށެވެ.
އޭގެ ތެރޭގައި އެ ފަރާތްތައް ވަކި ކުރުމުގައި ކޮމެޓީން ބެލި ޕާފޯމަންސް އޮޑިޓް ރިޕޯޓަކީ ޖެނުއަރީ 2015 އިން ޖުލައި 2020 އަށް ފަސް އަހަރާއި ހަ މަސް ދުވަހުގެ ރިޕޯޓަކަށް ވާއިރު، އެ މުއްދަތުގެ ތެރެއިން މެންބަރުން ކޮމިޝަންގައި ހިދުމަތް ކޮށްފައިވަނީ އެންމެ 10 މަސްދުވަހުގެ މުއްދަތަކަށް ކަމަށް ބުނެފައިވެއެވެ. އެ އޮޑިޓް ރިޕޯޓުގައި ހިމަނާފައިވާ ގިނަ މަސައްކަތްތަކަކީ އެ މެންބަރުން ކޮމިޝަނާ ހަވާލުވުމުގެ ކުރީގެ މަސައްކަތްތަކެއް ކަމަށާއި، އެ މެންބަރުން ކޮމިޝަނަށް ވަޑައިގެން ކުރެއްވި މަސައްކަތްތަކަށް ޖުމުލަކޮށް އަދި ވަކިވަކިންވެސް އެ ރިޕޯޓިގައި އަލި އަޅުވާލާފައި ނުވާ ކަމަށްވެސް ވަނީ ފާހަގަ ކޮށްފައެވެ.
މިނިވަން މުއައްސަސާތަކުގެ ހިންގުމާއި މަސައްކަތްތަކަށް ސީދާ ގޮތުން ނުފޫޒު ފޯރުވައި، ކޮމިޝަންތަކުގެ މިނިވަންކަމާއި މުސްތަގިއްލުކަން ގެއްލުވައިލަން މަސައްކަތް ކޮށްފައިވާ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.
ފާއިތުވެދިޔަ އަހަރު ތަކުގައި މިނިވަން މުއައްސަސާތަކުން މެންބަރުން ވަކިކޮށް، ވަކި ސިޔާސީ ފިކުރަކަށް ނިސްބަތްވާ ފަރާތްތައް މިނިވަން މުއައްސަސާތަކުގެ މެންބަރުންނަށް އައްޔަން ކުރުމުގެ ނަތީޖާއަކީ، މިނިވަން މުއައްސަސާތަކުގެ މިނިވަންކަން އަދި މުސްތަގިއްލުކަމާމެދު ސުވާލު އުފެދި، އެ މުއައްސަސާތަކުގެ މަސްއޫލިއްޔަތު އަދާ ކުރުގައި ފަސްޖެހި އިހުމާލުވުން ކަމަށްވެސް ބުނެފައިވެއެވެ.
އެގޮތުން އޭސީސީގެ މެންބަރުންނަށް ބިރުދައްކައި ވަކި ކުރުމުގެ މަރުހަލާގެ ކަންކަން ހިނގާފައި ވަނީ އޭސީސީގެ މައްޗަށް ނުފޫޒު ފޯރުވުމަށާއި އެ މުއައްސަސާގެ މިނިވަން ކަމަށް ބުރޫ އަރާނެފަދަ އަމަލު ހިންގުމަށް މަގުފަހި ކުރުމަށް ކަމަށް ބެލުމުގެ ފުރުސަތު އެބައޮތް ކަމަށްވެސް ބުނެފައިވެއެވެ.
"އޮޑިޓް ރިޕޯޓުގައި ފާހަގަ ކޮށްފައިވާ މައްސަލަތައް ހައްލު ކުރުމުގެ ބަދަލުގައި، އަދި އޭސީސީއަށް އެ މައްސަލަތައް ހައްލު ކުރުމަށް ފުރުސަތު ނުދީ، އަދި ހައްލު ކުރުމަށް ބޭނުންވާ އެއްބާރުލުމާއި ބަޖެޓު އަދި ވަސީލަތްތައް ފޯރުކޮށް ނުދީ، ކޮމިޝަންގެ މެންބަރުން ވަކިކޮށް މުޅި ކޮމިޝަން އެއްކޮށް ބަދަލުކުރި ނަމަވެސް، އޭސީސީއަށް ކުރިމަތިވެފައިވާ ނިޒާމީ ގޮންޖެހުންތަކަށް އެދެވޭ ބަދަލެއް ނުގެނެވޭހާ ހިނދަކު އޭސީސީގެ މަސައްކަތްތައް އެންމެ ފުރިހަމަކޮށް އަދި އެންމެ މިނިވަންކޮށް ކުރުމުގެ ފުރުސަތު ކުޑަ،" ޓްރާންސްޕޭރެންސީން ބުނެފައިވެއެވެ.
ޓްރާންސްޕޭރެންސީ މޯލްޑިވްސް
ޓްރާންސްޕޭރެންސީ މޯލްޑިވްސް
ޓްރާންސްޕޭރެންސީ މޯލްޑިވްސް