ޚަބަރު

1.8 ޓަނުގެ މަސްތުވާތަކެތި ނައްތައިލެވިއްޖެ، މަގުމަތީ އަގަކީ 1.8 ބިލިއަން ރުފިޔާ: އިމްރާން

މި ސަރުކާރު އައި ފަހުން 1.8 ޓަނުގެ މަސްތުވާތަކެތި ނައްތައިލެވިފައިވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުالله ވިދާޅުވެއްޖެއެވެ.

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި 314 ކިލޯގެ މަސްތުވާތަކެތި ނައްތައިލުމަށް މިއަދު ދޫނިދޫގައި ކުރިއަށްދިޔަ ހަރަކާތަށްފަހު މިނިސްޓަރު އިމްރާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ, މިއަދު ނައްތައިލެވުނު މަސްތުވާތަކެއްޗާއެކު މި ސަރުކާރު އައިފަހުން 1.8 ޓަނުގެ މަސްތުވާތަކެތި ނައްތައިލެވިފައިވާ ކަމަށެވެ. މަގުމަތީ އަގުން އެއީ 1.8 ބިލިއަން ރުފިޔާގެ މަސްތުވާތަކެތި ކަމަށް ވިދާޅުވިއެވެ.

"މަސްތުވާތަކެތީގެ ސަޕްލައި ރިޑަކްޝަން މި މިންވަރަށް ހަލުވި ކުރެވުނީ އަވަށްޓެރި އަދި އެކުވެރި ގައުމުތަކުގެ އެހީ ބޮޑުކޮށް ލިބޭތީ," މިނިސްޓަރު އިމްރާން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ, ގައުމަށް ދިމާވެފައިވާ މިފަދަ ބޮޑު ވަބާއެއް ނައްތައިލުމަށް ކުރާ މަސައްކަތް ހުއްޓުވުމަށް ސިޔާސީ އެކިއެކި ޝިއާރުތަކުގެ ދަށުން މަސައްކަތް ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އެއީ ބަލައިގަނެވިގެން ވާނެ ކަމެއްވެސް ނޫން ކަމަށް ވިދާޅުވިއެވެ.

ރާއްޖެއިން މިފަހުން ވަނީ 215 ކިލޯގެ ހެރޮއިންއާއި 100 ކިލޯގެ ހެރޮއިން އަތުލައިގެންފައެވެ. އަދި އެ މައްސަލަތަކުގައި ބައިވެރިވާ މީހުންގެ މައްޗަށް ދައުވާވެސް ވަނީ އުފުލައިފައެވެ.