ރާއްޖޭގެ ރަށްތަކަށް ހުޅުވާލައިގެން ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖު 2022 ގެ ޓައިޓަލް ސްޕޮންސަރަކަށް ސޮނީ ސްޕޯޓްސް ހަމަޖައްސައިފިއެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ޓައިޓަލް ސްޕޮންސަރަކަށް ސޮނީ ސްޕޯޓްސް ހަމަޖެހިފައިވާ ކަމަށް ގޯލްޑަން ފުޓްސަލް މުބާރާތް ބާއްވާ، ގޯލްޑަން ފުޓްސަލް އެސޯސިއޭޝަންގެ ރައީސް ރިލުވާން މޫސާ ވަނީ އިއުލާން ކުރައްވައިފައެވެ. ރޭ ރާއްޖެ ޓީވީގެ "ކުޅިވަރު ފައިލް" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ރިލުވާން ވިދާޅުވީ ސޮނީ ސްޕޯޓްސްއަކީ އަބަދުވެސް މުބާރާތުގެ އެންމެ ބޮޑު ޕާޓްނަރު ކަމަށާއި، މިފަހަރުވެސް ޓައިޓަލް ސްޕޮންސަރަކީ ސޮނީ ސްޕޯޓްސް ކަމަށެވެ.
"ކުރިންވެސް އަޅުގަނޑުމެންނަށް ހުރިހާ މުބާރާތްތަކެއްގައިވެސް ވަރަށް ބޮޑު އެހީތެރިކަމެއް ލިބުނު ބައެއް އެއީ ސޮނީ ސްޕޯޓްސް. މި ފުރުސަތުގައި ފާހަގަކޮށްލަން މިއަހަރު މުބާރާތުގެ ޓައިޓަލް ސްޕޮންސާ މިހާރު ސޮނީ ސްޕޯޓްސްއިން ވަނީ ނަގައިފައި. އެއާއެކު ޓީމެއް އެކުލަވައިލަންވެސް ފަސޭހަ ވެގެން ދާނެ،" ރިލުވާން ވިދާޅުވިއެވެ.
މީގެ ހަ އަހަރު ކުރިން 2015 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ ގޯލްޑަން ފުޓްސަލް ޗެލެންޖަކީ މިހާރު ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތެވެ. އޭރުން ފެށިގެންވެސް ސޮނީ ސްޕޯޓްސްއަކީ މުބާރާތުގެ މުހިއްމު ޕާޓްނަރެއްގެ ގޮތުގައި ފާހަގަވެފައިވާ އިރު، 2018 ވަނަ އަހަރުވެސް ސޮނީން ވަނީ މުބާރާތުގެ ޓައިޓަލް ސްޕޮންސަރު ކަން ނަގައިފައެވެ.
ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން ރާއްޖޭގެ ހުރިހާ ރަށަކަށް ހުޅުވާލައިގެން ބާއްވާ ގޯލްޑަން ފުޓްސަލް ޗެލެންޖް ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ އަހަރު ފެބްރުއަރީ މަހުގެ 19 ވަނަ ދުވަހުއެވެ. ކޮވިޑް 19ގެ ސަބަބުން މިއަހަރުގެ މުބާރާތް ނުބޭއްވި ދިޔަ ނަމަވެސް، އެންމެފަހުން ބޭއްވި މުބާރާތުގައި 65 ޓީމަކުން ބައިވެރިވެފައިވާ އިރު، އެ އަހަރު ޖުމުލަ 120 މެޗު ކުޅެފައިވެއެވެ. މިފަހަރުގެ މުބާރާތް ކުރިއަށްދާނީ 91 ޓީމާއެކުގައެވެ. ޖުމުލަ 177 މެޗު ކުޅެވިގެން ދާނެއެވެ. މެޗުތައް އޮންނާނީ ހުޅުމާލޭގެ ޓާފް ދަނޑުގައެވެ.
ރޭގެ "ކުޅިވަރު ފައިލް" ޕްރޮގްރާމްގައި ރިލުވާން އެންމެ ބޮޑަށް ފާހަގަކުރެއްވީ މުބާރާތުގެ މެޗުތައް ލައިވް ކުރެވޭނެ އިންތިޒާމަށް ވިސްނަވަމުން ގެންދަވާ ކަމަށެވެ. އެގޮތުން ހުރިހާ މެޗެއް، ގޯލްޑަން ފުޓްސަލް އެސޯސިއޭޝަންގެ ފަރާތުން ލައިވްކުރަން ނިންމައި، އެކަމަށް ތައްޔާރުވެފައިވާ ކަމަށްވެސް ރިލުވާން ވިދާޅުވިއެވެ. ރަށް ރަށުގައި ތިބި ފަރާތްތަކަށް މެޗުތައް ބެލޭނެ އިންތިޒާމް ފަސޭހައިން ހަމަޖެއްސުމަށް މެޗުތައް ލައިވްކުރުމަށް މިހާރު ބޮޑު ޓީމެއް އެކުލަވައިލަން މަސައްކަތް ކުރާ ކަމަށް ރިލުވާން ފާހަގަކުރެއްވިއެވެ.
މިފަހަރުގެ މުބާރާތްވެސް ކުރިއަށްދާނީ ކުރިންވެސް މުބާރާތް ކުރިއަށް ގެންދިޔަ އުސޫލުންނެވެ. އެގޮތުން އަތޮޅު ބުރަކަށްފަހު ޒޯން ބުރު ނިންމައި ގަދަ 16 ކުޅެ މުޅި ރާއްޖޭގެ ޗެމްޕިއަނުން ހޮވާނެއެވެ.
މިއަހަރުވެސް މާލެ އަދި ފުވައްމުލަކު ސިޓީ ފިޔަވައި ކޮންމެ ރަށަކުންވެސް އެރަށަކަށް ނިސްބަތްވާ އެއް ޓީމު މުބާރާތުގައި ބައިވެރިކުރުމަށް ފުރުސަތު ދީފައިވެއެވެ. މާލެ އާއި ފުވައްމުލަކުގެ ކޮންމެ އަވަށަކަށް ޓީމެއް ބައިވެރިކުރުމަށް ވަނީ ފުރުސަތު ދީފައެވެ.
އަތޮޅު ބުރުގެ މެޗުތައް ކުޅުމުގައި ބަލާނީ އެ އަތޮޅަކުން ޓީމުތައް ބައިވެރިވެފައިވާ ނިސްބަތަށެވެ. އަތޮޅު ބުރުގައި ފަސް ޓީމަށްވުރެ މަދުން ބައިވެރިވެފައިވާ އަތޮޅު ތަކުގައި ކުޅޭނީ ލީގު އުސޫލުން ނަމަވެސް، ހަ ޓީމަށްވުރެ ގިނައިން ބައިވެރިވެފައި ވާނަމަ އެ އަތޮޅެއްގެ މެޗުތައް ކުޅޭނީ ދެ ގުރޫޕަކަށް ބަހާލައިގެންނެވެ. ދެ ގުރޫޕުގެ އެއް ވަނަވެސް ޒޯން ބުރަށް ދާއިރު، އަތޮޅު ޗެމްޕިއަން ޓީމު ހޮވަން ކުޅޭނީ ފައިނަލް މެޗެކެވެ.
މުބާރާތުގެ ޝެޑިއުލް ކުރިއަށް އޮތް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އިއުލާން ކުރެވޭނެ ކަމަށްވެސް ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުން ވަނީ މައުލޫމާތު ދީފައެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު