ރާއްޖޭގައި މަތީ ތައުލީމު ފޯރުކޮށްދެމުން އަންނަ އެންމެ ބޮޑު އަމިއްލަ އެއް ކޮލެޖު ކަމަށްވާ އެވިޑް ކޮލެޖުގެ 2020 ވަނަ އަހަރާއި 2021 ވަނަ އަހަރުގެ ގްރެޖުއޭޝަން ބާއްވައިފިއެވެ.

އެވިޑު ކޮލެޖުން ބުނީ، އެ ދެ އަހަރުގެ ގްރެޖުއޭޝަން ބާއްވާފައިވަނީ ދެ ދަންފަޅިއަކަށް ބަހާލައިގެން އިއްޔެ ހެނދުނާއި ރޭގަނޑު ކަމަށެވެ. ގްރެޖުއޭޝަން ރަސްމިއްޔާތު ބޭއްވީ ހުރަވީ ސްކޫލުގެ ހޯލުގައެވެ.

ގްރެޖުއޭޝަންގެ ފުރަތަމަ ދަންފަޅި ޝަރަފުވެރި ކޮށްދެއްވާފައިވަނީ ޑރ. ރަޝީދު މުހައްމަދު ދީދީއެވެ. ދެ ވަނަ ދަންފަޅި ޝަރަފުވެރި ކޮށްދެއްވީ އިސްލާމިކް އޯގަނައިޒޭޝަން ފޯ ކަލްޗާ އެންޑް އިސްލާމިކް ޔުނިވާސިޓީގެ ކުރީގެ ޗާންސެލާ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުއެވެ.

ރަސްމިއްޔާތުގައި ދަރިވަރުންގެ ސެޓްފިކެޓުތައް ހަވާލުކުރުމުގެ އިތުރުން މީގެ އަހަރުތަކެއް ކުރިން އެވިޑު ކޮލެޖުގެ ޗެއާމަން އަބްދުﷲ މުޝްތާފު ފެއްޓެވި މި މަސައްކަތާއެކު ޗެއާމަން މުޝްތާގުގެ މޭސްތިރިކަމުގެ ދަށުން މިއަދާއި ހަމައަށް އެ ކޮލެޖުން ހާސިލުކޮށްފައިވާ ކާމިޔާބީތަކަށް އަލި އަޅުވާލައި ތައްޔާރުކޮށްފައިވާ ވީޑިއޯ ރިޕޯޓެއް ވަނީ ގެނެސްދީފައެވެ.

ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މުޝްތާގު ވިދާޅުވީ، އެ ކޮލެޖުން މާސްޓާ ޑިގްރީ ހާސިލުކުރި ދަރިވަރުން އެވިޑު ކޮލެޖުން ހިންގާ ތަފާތު ރިސާޗުތަކުގައި ބައިވެރިވުމަކީ އެދިވަޑައިގަންނަވާ ކަމެއް ކަމަށެވެ. އެވިޑްގެ ހަރަކާތްތަކުގައި އެ ކޮލެޖުގެ ދޮރުން ނުކުންނަ ދަރިވަރުންނަށް ބައިވެރިވެވެ، ތަޖުރިބާ ހޯދުމުގެ ފުރުސަތު ފަހިވެފައިވާކަމަށް ވެސް މުޝްތާގު ވިދާޅުވިއެވެ.

އެވިޑްގެ ތައުލީމީ ދަތުރު ސިފަކުރައްވަމުން މުޝްތާގު ވިދާޅުވީ، އެ ދަތުރު ސިފަކުރައްވަނީ ބޮޑު އާގު ބޯޓެއްގައި ގަދަ ކަނޑެއްގައި ގިނަ މައްސަލަތަކެއް ހިފައިގެން ކުރި ދަތުރެއްގެ ގޮތުގައެވެ. ބައެއް ހަމަލާތަކުން ރެކެން ޖެހޭ ހާލަތު މެދުވެރިވި ނަމަވެސް އެއްވެސް ހުއްޓުމެއްނެތި މިއަދާ ހަމައަށް މަސައްކަތް ކުރެއްވީ އަމާޒަށް ވާސިލުވުމަށް ކަމަށް މުޝްތާގު ވަނީ ފާހަގަކުރައްވައިފައެވެ.

މި ރަސްމިއްޔާތުގައި އެވިޑުގެ ފެކަލްޓީތަކުން ދަސްވެނިމުނު ދަރިވަރުންނަށް ސެޓްފިކެޓު ސަނަދު ހަވާލުކޮށްފައިވާއިރު، ފެކަލްޓީތަކުގެ އެކިއެކި ޕްރޮގްރާމްތަކުން އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންނަށް އެވިޑުކޮލެޖުގެ މަތީ އަރުތަވެރިންގެ އެވޯޑު ވެސް ވަނީ އަރުވައިފައެވެ.

އެވިޑު ކޮލެޖުގެ ތަސައްވަރަކީ އަބަދުވެސް އެ ކޮލެޖަކީ ބައިނަލްއަގުވާމީ ގުޅުންތަކާއެކު ރާއްޖޭގެ މަތީ ތައުލީމުދޭ އެންމެ އިސް މުއައްސަސާއަށް ހެދުން ކަމަށް އެ ކޮލެޖުން ބުންޏެވެ.