ޕްރޮގްރާމް އެކްރެޑިޓޭޝަން ގަވައިދާ ހިލާފުވުމުން އެވިޑް ކޮލެޖަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އިން އެޅި ފިޔަވަޅުތައް އުވާލައިފިއެވެ.
މިދިޔަ މަހުގެ 28 ގައި އެވިޑް ކޮލެޖަށް އެމްކިޔުއޭ އިން ފިޔަވަޅު އެޅީ އެ ކޮލެޖުން ހިންގަމުން އަންނަ ގިނަ ޕްރޮގްރާމްތަކަކާ ބެހޭގޮތުން އެ އޮތޯރިޓީއަށް ގިނަ އަދަދެއްގެ ޝަކުވާ ލިބުމުންނެވެ.
އެމްކިޔުއޭ އިން ޝަކުވާތައް ބަލައި، އެވިޑް ކޮލެޖަށް "އީ-ލާނިން މޮޑަލިޓީ"ގައި އެކްރެޑިޓޭޝަން ދީފައިވާ ޕްރޮގްރާމްތަކުގެ ސްޓޭޓަސް "ކޮންޑިޝަނަލީ އެކްރެޑިޓް"އަށް ބަދަލުކޮށް، އީ-ލާނިން މޮޑަލިޓީގެ ދަށުން ހުއްދަދީފައިވާ އެއްވެސް ޕްރޮގްރާމެއް އިޝްތިހާރުކޮށްގެން އިތުރަށް ހިންގޭނީ އަލުން "ފުލީ އެކްރެޑިޓޭޝަން ސްޓޭޓަސް"އަށް ހުއްދި ދިނުމުން ކަމަށް ނިންމިއެވެ.
ގައުމީ ސަަނަދުތަކުގެ އޮނިގަނޑާއި ޕްރޮގްރާމް އެކްރެޑިޓޭޝަނާ ހިލާފަށް ހިންގާ ކަންކަން ރަނގަޅުކުރުމަށް އެވިޑް ކޮލެޖަށް އަންގައި، އެ ކޮލެޖަށް އިތުރު ޕްރޮގްރާމްތަކަށް އެކްރެޑިޓޭޝަނާއި ހިންގުމުގެ ހުއްދަ ނުދިނުމަށް ވެސް އެމްކިޔުއޭ އިން އެއިރު ނިންމިއެވެ.
އެމްކިޔުއޭ އިން މިއަދު ބުނީ، އެވިޑް ކޮލެޖަށް އެޅި ފިޔަވަޅުތައް މުރާޖާކުރުމަށް މި މަހުގެ 18 ވަނަ ދުވަހު އެ ކޮލެޖާއެކު ބައްދަލުވުމެއް ބާއްވައިފައިވާ ކަމަށެވެ. އަދި އެ ބައްދަލުުވުމަށް ފަހު މިދިޔަ އަންގާރަ ދުވަހު އެމްކިޔުއޭގެ ޓީމުން އެވިޑް ކޮލެޖަށް ޒިޔާރަތްކޮށް، ކުރިން ފިޔަވަޅު އެޅި ކަންކަން ބެލި ކަމަށާއި އެ ކަންކަން އެވިޑުން ރަނގަޅު ކޮށްފައިވާތީ އެ ކޮލެޖަށް އެޅި ފިޔަވަޅުތައް އުވާލައިފައިވާ ކަމަށެވެ.
އެމްކިޔުއޭ އިން އެއިރު އެވިޑަށް ފިޔަވަޅު އެޅީ، ދަރިވަރުންގެ އިމްތިހާން ކަރުދާސްތައް ބައެއް ލެކްޗަރާއިން މާކް ނުކުރުމުގެ ސަބަބުން ޕްރޮގްރާމްގެ މުއްދަތު އިތުރުވެފައިވާ މައްސަލަތަކާ ގުޅިގެންނެވެ.
އެވިޑް ކޮލެޖަށް ފިޔަވަޅު އެޅި އިރު، އެމްކިޔުއޭ އިން ވަނީ ކްލިކް ކޮލެޖަށް ވެސް ފިޔަވަޅު އަޅައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު