މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) އިން ހުއްދަ ނުދޭ ބޭރުގެ ބައެއް ކޮލެޖުތަކުގެ ކޯސްތައް ތަކުރާރުކޮށް އެވިޑް ކޮލެޖުން ހިންގާތީ އެކޮލެޖާ ދެކޮޅަށް އެމްކިއުއޭ އިން ފިޔަވަޅު އަޅައިފި އެވެ.
އެކަން އިއުލާނުކޮށް އެމްކިއުއޭއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ސްރީ ލަންކާގެ "އެމަޒޯން ކޮލެޖު" އާއި "އަލްޒެޓް ޔުނިވާސިޓީ (ވަކި ގައުމެއްކަން ނޭނގޭ)"ގެ ކޯސްތަކެއް އެމްކިއުއޭގެ ގަވާއިދުތަކާ ހިލާފަށް ހިންގާފައިވާ ކަމަށެވެ. އަދި އެ ކޯސްތަކުުގެ ދަރިވަރުންނަށް ސަނަދުވެސް ދީފައިވާ ކަމަށެވެ.
"މިކަން ފާހަގަކުރެވިފައިވަނީ، އެވިޑް ކޮލެޖުން ހިންގުމަށް ހުއްދަ ދީފައިވާ ބައެއް ޕުރޮގުރާމް، ސްރީލަންކާގެ "އެމަޒޯން ކޮލެޖު" އަދި "އަލްޒެޓް ޔުނިވާސިޓީ" ގައި ހިންގައި، އެ ފަދަ ޕުރޮގުރާމުތައް ފުރިހަމަކޮށް ގްރެޖުއޭޓްވެގެން ހޯދާފައިވާ އެވިޑް ކޮލެޖްގެ ސަނަދުތަކުގެ ސައްހަކަން ކަށަވަރުކުރުމަށް ދަރިވަރުންނާއި، އެކި ގައުމުތަކުގެ ކޮލިފިކޭޝަންސް އެޖެންސީތަކުންނާއި އަދި އެވިޑް ކޮލެޖުން މި އޮތޯރިޓީއަށް ހިއްސާކޮށްފައިވާ މައުލޫމާތުތަކުންނެވެ."
އެމްކިއުއޭއިން ބުނީ އެނޫންވެސް އެހެން ބައެއް ކޮލެޖުތަކުގެ ކޯސްތައް ގަވާއިދާ ހިލާފަށް އެވިޑުން އިޝްތިހާރުކޮށްފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި އެތަންތަނަކީ ސްރީލަންކާގެ TVEC، UGC އަދި މިނިސްޓްރީ އޮފް އެޑިޔުކޭޝަން، ހަޔާ އެޑިޔުކޭޝަން އެންޑް ވޮކޭޝަނަލް އެޑިޔުކޭޝަން" ގައި މަތީ ތައުލީމު ދިނުމަށް ރަޖިސްޓަރީކޮށްފައިވާ ތަންތަން ނޫން ކަމަަަށެވެ.
އެ ތަންތަނަކީ:
- ޗެސްޓާ ކޮލެޖް އޮފް ހަޔާ އެޑިޔުކޭޝަން
- އިމްޕީރިއަލް ވިސްޑަމް ގްރެޖުއޭޓް ކެމްޕަސް
- އިނޮވޭޓަސް ކެމްޕަސް
- ސިލޯން ކޮލެޖް އޮފް އެޕްލައިޑް ސްޓަޑީޒް
- ބިޓްވިން ކެމްޕަސް
9 އޮގަސްޓު 2024 އިން ފެށިގެން އެމްކިއުއޭ އިން އެކްރެޑިޓޭޝަން ދީފައިވާ ޕްރޮގްރާމްތައް އެ އެކްރެޑީޓޭޝަން ދިން ގޮތާ ހިލާފަށް ނުހިންގުމަށް ތަކުރާރުކޮށް އެވިޑް ކޮލެޖަށް އަންގައި ނަސޭހަތްތެރިވަމުންދިޔަ ނަމަވެސް ތަކުރާރުކޮށް އެ އެންގުންތަކާ ހިލާފުވަމުންދާކަން އެމްކިއުއޭއިން އެއްކުރި މައުލޫމާތުތަކުން ދެނެގަނެވިފައިވާ ކަމަށެވެ.
މަތީ ތައުލީމު ދޭ މަރުކަޒުތަކަށް އެކްރެޑިޓޭޝަން ދީފައިވާ ޕްރޮގްރާމްތައް ރާއްޖެއިން ބޭރުގައި މި އޮތޯރިޓީގެ ހުއްދަ ނުހޯދާ ނުހިންގުމަށް ހުރިހާ މަރުކަޒުތަކަށް މިދިޔަ އަހަރުގެ ފެބްރުއަރީ 17 ގައި ސިޓީއަކުން އިލްތިމާސްކޮށް ފެބްރުއަރީ 18ގައި މިކަމާ ގުޅިގެން އާންމު އިއުލާނެއް ކޮށްފައިވާނެ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.
"އެހެންކަމުން، [އެ ގަވައިދުގެ] ދަށުން، އަޅާ ފުރަތަމަ ފިޔަވަޅެއްގެ ގޮތުގައި އެވިޑް ކޮލެޖަށް ނަސޭހަތްތެރިވުމާ އެކު މިކަން އާންމުކޮށް އިއުލާން ކުރީމެވެ." އެމްކިއުއޭގެ ބަޔާން ނިންމާލަމުން ބުނެފައިވެ އެވެ.
މީގެ ކުރިން ވެސް އެވިޑް ކޮލެޖުން ގަވައިދާ ހިލާފުވެގެން ފިޔަވަޅު އަޅައި ފަހުން އެ ފިޔަވަޅުތައް އޮގަސްޓު 2024ގައި ނަގާފައިވެއެވެ.
އާއިޝަތު މާހާ
ވިޔަފާރި
ބޭރު ކުޅިވަރު
ކުށް
ކުށް