އާ އަހަރު ފާހަގަކުރަން މި މަހު 31 ވަނަ ދުވަހުގެރޭ ހުޅުމާލޭގައި ބާއްވާ މިއުޒިކް ޝޯ ގައި ބޮލީވުޑުގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަންކިތު ތިވާރީ ލަވަކިޔަން ހަމަޖެހިފައިވާކަމަށް ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.
މަހުލޫފު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ މިމަހުގެ 31 ވަނަ ދުވަހުގެ ރޭ އާ އަހަރު ފެށުން ފާހަގަކުރުމަށް "މަރުހަބާވީސް"ގެ ނަމުގައި މިއުޒިކް ޝޯއެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. މި ޝޯ އޮންނާނީ ހުޅުމާލޭ ދުވާ ޓްރެކް ސަރަހައްދުގައެވެ. މި ޝޯގައި ދިވެހި ފަންނާނުން ވެސް ލަވަކިޔާނެއެވެ.
މި ޝޯއަކީ ޔޫތު މިނިސްޓްރީ އާއި ޓޫރިޒަމް މިނިސްޓްރީ ގުޅިގެން އުރީދޫ، ދިރާގު، މޯލްޑިވިއަން، ފެނަކަ ކޯޕަރޭޝަން، އެމްޓީސީސީ، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޑަބްލިއުއެސްސީ، ސްޓެލްކޯ އަދި އެސްޓީއޯ ގުޅިގެން ކުރިއަށް ގެންދާ ޝޯއެކެވެ.
އަންކިތްއަކީ އިންޑިއާގައި މަޝްހޫރު ލަވަކިޔުންތެރިއެއްގެ އިތުރުން ކުޅަދާނަ މިއުޒިކް ޕްރޮޑިއުސަރެކެވެ. އޭނާ ބޮލީވުޑްގެ ކެރިއަރު ފަށާފައިވަނީ ޕްރަޑީޕް ޝަރްދަކަރްއާ އެކުއެވެ.
އޭނާ ކިޔާފައިވާ ލަވަތަކުގެ ތެރެއިން އެންމެ މަޝްހޫރުވެފައިވާ އެއް ލަވައަކީ 2014 ވަނަ އަހަރު "އޭކް ވިލެން" އަށް ކިޔައިދީފައިވާ "ގަލިޔާން" ލަވައެވެ. އެ ލަވަ ވަނީ ފިލްމްފެއާ އެވޯޑްސްގެ ދެ ނޮމިނޭޝަންއަކަށް ހޮވިފައެވެ. އެލަވައިން އޭނާއަށް ވަނީ އެ އަހަރުގެ ބޮލީވުޑްގެ އެންމެ މޮޅު ފިރިހެން ލަވަކިޔުންތެރިޔާގެ އެވޯޑުވެސް ލިބިފައެވެ.
މީގެ އިތުރުން އަންކިތް "އާޝިގީ 2" އަކަށް ކިޔައިދީފައިވާ ލަވަތައް ވެސް ވަނީ ގިނަ ބައެއްގެ މެދުގައި މަގުބޫލުވެފައެވެ. އޭނާ ވަނީ "އާޝިގީ 2" އަދި "އޭކް ވިލެން" ގެ ލަވަތައް ޕްރޮޑިއުސްކޮށްފައެވެ. އަދި 2014 ވަނަ އަހަރު ވަނީ ފިލްމްފެއާ އެވޯޑްސްގެ އެންމެ މޮޅު އަލްބަމްގެ އެވޯޑް "އާޝިގީ 2" އަށް ލިބިފައެވެ.
މީގެ އިތުރުން "ރޯއީ" އަށް ކިޔައިދީފައިވާ "ތޫހޭ ކޭ ނެހީ" އާއި "ސިންގަމް ރިޓާންސް" ގެ ކުޗް ތޯ ހުވާ ހޭ" ކީވެސް އޭނާގެ ފާހަގަކޮށްލެވޭ ލަވައެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު