އެސްޓޮން ވިލާގެ ކޯޗު ސްޓީވަން ޖެރާޑް ކޮވިޑް-19 އަށް ޕޮސިޓިވް ވެފައިވާ ކަމަށް އެ ކްލަބުން ބުނެފިއެވެ.
ޕްރިމިއާ ލީގުގައި ކޮވިޑް-19ގެ ކޭސްތައް އަދިވެސް އިތުރުވަމުންދާ އިރު، ގިނަ މެޗުތަކެއް މިހާރުވެސް ވަނީ ފަސްކުރަން ޖެހިފައެވެ. ކޮވިޑް ރާޅުގެ ތެރެއިންވެސް ލީގުގެ މެޗުތައް ކުރިއަށް ގެންދަން ބޯޑުން ނިންމާފައިވާ އިރު، "ބޮކްސިން ޑޭ" ގެ މެޗުތައް މިރޭ ފަށާނެއެވެ. ޖެރާޑް ޕޮސިޓިވް ވެފައިވާ ކަމަށް ރޭ ވިލާއިން އިއުލާން ކޮށްފައިވާ އިރު، "ބޮކްސިން ޑޭ"ގެ މެޗާއެކު އަދި އިތުރު އެއް މެޗު އޭނާއަށް ގެއްލޭނެއެވެ.
ވިލާ އިން މިރޭ ނުކުންނަން އޮތީ ޗެލްސީއާ ދެކޮޅަށެވެ. މިރޭގެ މެޗަށް އަމިއްލަ ދަނޑުގައި ވިލާއިން ނުކުންނަ އިރު، އަންނަ އަންގާރަ ދުވަހުގެ ރޭ ވިލާއިން ނުކުންނާނީ ލީޑްސްއާ ދެކޮޅަށެވެ.
މިއީ ކޮވިޑް ޖެހިގެން ޖެރާޑް އެކަހެރިވާން ޖެހުނު ދެވަނަ ފަހަރެވެ. އުމުރުން 41 އަހަރު ކޯޗު ޖެރާޑް ވަނީ މިދިިޔަ އަހަރު ޑިސެންބަރު ތެރޭގައިވެސް ކޮވިޑަށް ޕޮޒިޓިވް ވެ، އެކަހެރިވެފައިވެއެވެ. އޭރު އޭނާ ހުރީ ސްކޮޓިޝް ލީގުގެ ރޭންޖާސް ކޯޗު ކަމުގައެވެ.
ވިލާ ޓީމުގެ ތެރޭގައި ކޮވިޑްގެ ހާލަތު ވަނީ ގޯސްވެފައެވެ. މިދިޔަ ހަފުތާގައި އެޓީމުން ބާންލީއާ ދެކޮޅަށް ކުޅެން އޮތް މެޗުވެސް ފަސްކުރި އިރު، މި ހަފުތާގެ މެޗު ކުޅެން ނިންމީވެސް އިއްޔެގެ ނަތީޖާތަކަށް ބަލައިގެންނެވެ.
ޕްރިމިއާ ލީގުގައި މި ހަފުތާގައި ކުޅެން އޮތް މެޗުތަކުގެ ތެރެއިން ތިން މެޗެއް މިހާރުވެސް ވަނީ ފަސްކޮށްފައެވެ. އެއީ ލިވަޕޫލުން ލީޑްސްއާ ދެކޮޅަށް ކުޅެން އޮތް މެޗުގެ އިތުރުން ވުލްވްސްއިން ވޮޓްފޯޑާ ދެކޮޅަށް ކުޅެން އޮތް މެޗާއި ބާންލީން އެވަޓަންއާ ދެކޮޅަށް ކުޅެން އޮތް މެޗެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު