ކޮވިޑް 19ގެ ކަންކަމުގައި ޕްރިމިއާ ލީގުގެ ކޯޗުންނާއެކު ޕްރިމިއާ ލީގުން ބޭއްވި ބައްދަލުވުމަކީ ބޭކާރު ވަގުތުތަކެއް ހޭދަވި ބައްދަލުވުމެއް ކަމަށް ޓޮޓެންހަމްގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނެފިއެވެ.
ޕްރިމިއާ ލީގުގައި ކޮވިޑްގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާ އިރު، ފުރަތަމަ ލީގުގެ ބޯޑު މެންބަރުން މިދިޔަ ހޯމަ ދުވަހު ބޭއްވި ބައްދަލުވުމުގައި ނިންމާފައި ވަނީ ކުރިއަށް އޮތް ބޮކްސިން ޑޭގައިވެސް މެޗުތައް ކުރިއަށް ގެންދިޔުމަށެވެ. އެކަމާ މެދު ޓީމުތަކުގެ ކޯޗުން ވަނީ ހިތްހަމަ ނުޖެހުން ފާޅުކޮށްފައެވެ. ހާއްސަކޮށް ޓީމުތަކުގައި ކޮވިޑް 19ގެ ކޭސްތައް ގިނަވެ، މެޗުތައް ކެންސަލް ކުރަން ޖެހޭ ޖެހުމާއެކު ލީގު މެދު ކަނޑާލަން ކްލަބުތަކުން ވަނީ އެދިފައެވެ.
އެ ހުރިހާ ކަމަކާ ގުޅިގެން އިއްޔެ ހާއްސަ ބައްދަލުވުމެއް ބާއްވާފައިވާ އިރު، އެ ބައްދަލުވުމުގައި މާ އެދެވޭ ވާހަކަތަކެއް ނުދެއްކޭ ކަމަށް ކޮންޓޭ ވަނީ ފާހަގަ ކޮށްފައެވެ.
"މީޓީންއަކީ ބޭކާރު ވަގުތުތަކެއް. ބައްދަލުވުމުގައި ކޯޗުންނަށް އިހުސާސް ކުރެވުނީ ފާރަކާ ވާހަކަ ދެއްކި ކަހަލަ އިހުސާސެއް. އެއްވެސް ކުރިއެރުމެއް އެއްވެސް ކަމެއްގައި ނުލިބުނު،" ކޮންޓޭ ބުންޏެވެ.
ޕްރިމިއާ ލީގުގެ އެންމެ ބުރަ ބޮޑު ދުވަސްވަރަށް އައިސްފައިވާ އިރު، މެޗަކަށްފަހު މެޗެއް ދަނީ ފަސްވެސް ކުރަމުންނެވެ. ޑިސެންބަރު 26 ވަނަ ދުވަހު އޮތް ތިން މެޗެއްވެސް މިހާރު ފަސް ކޮށްފައިވާ އިރު، މިދިޔަ ދެ ހަފުތާ ތެރޭގައިވެސް 13 މެޗެއް ނުކުޅެވި ފަސްކުރަން ޖެހިފައިވެއެވެ. އެއީ ޓީމުތަކުގައި ކޮވިޑް 19 ގެ ކޭސްތައް ވަރަށް ބޮޑަށް އިތުރުވުމުންނެވެ. މިދިޔަ ހަފުތާ އެކަނިވެސް ޓީމުތަކުން 90 އަށްވުރެ ގިނަ ކޭސްތައް ވަނީ ފެނިފައެވެ.
ކޮންޓޭގެ ވާހަކަތަކަށް ލީގުން ވަނީ ޖަވާބުދާރީވެސް ވެފައެވެ. ޕްރިމިއާ ލީގުން ބުނެފައި ވަނީ ބައްދަލުވުންތަކުގައި ކޮންޓޭގެ ފަރާތުން އެއްވެސް އެއްބާރުލުމެއް ނުލިބޭ ކަމަށާއި، ކޮންޓޭގެ އެއްވެސް ހިޔާލެއް ހުށައަޅަން މަސައްކަތްވެސް ކޮށްފައި ނުވާ ކަމަށެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު