ހުޅުމާލޭގައި އިދިކޮޅު ޕީޕީއެމުން/ޕީއެންސީ ކޯލިޝަނުން މިއަދު ކުރިއަށް ގެންދިޔަ "އިންޑިއާ އައުޓް" މުޒާހަރާ ހުއްޓުވައި، ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.
އިދިކޮޅު ކޯލިޝަންގެ ތަރުޖަމާދު ހީނާ ވަލީދު މިއަދު ވިދާޅުވީ ޕީޕީއެމްގެ ހުޅުމާލެ ސްޓިއަރިން ކޮމެޓީގެ ފަރާތުން ކުރިއަށް ގެންދިޔަ "އިންޑިއާ އައުޓް" ހަރަކާތަށް ފުލުހުން ހުރަސް އަޅައި ހުއްޓުވާފައިވާ ކަމަށެވެ. އަދި އެހަރަކާތުގައި ބައިވެރިވި ހަތަރު މީހަކު ހައްޔަރުކޮށްފައި ކަމަށެވެ.
ހީނާ ވިދާޅުވީ މުޒާހަރާ ކުރިއަށް ގެންދާނެ ފުރުސަތު ނުދިނީ "އިންޑިއާ އައުޓް" ޖަހާފައިވާ ޓީޝާޓު ލައިގެން މުޒާހަރާކުރަމުން ދާތީ ކަމަށް ފުލުހުން ބުނެފައިވާ ކަމަށެވެ. އަދި ވިދާޅުވީ މުޒާހާރައި ބައިވެރިވި ބައެއް މީހުންގެ ސައިކަލް ވެސް ފުލުހުން ޓޯ ކޮށްފައިވާ ކަމަށެވެ.
"ފުލުހުން އަންގަނީ އިންޑިއާ އައުޓް ޓީޝާޓު ލައިގެން މަގުމައްޗަށް ނުނުކުމެވޭނެ ކަމަށް" ހީނާ ވިދާޅުވިއެވެ.
ނަމަވެސް މިކަމާ ގުޅޭ ގޮތުން ފުލުހުންގެ ބަހެއް ލިބޭ ގޮތް ވަނީ ނުވެފައެވެ.
"އިންޑިއާ އައުޓް" ކެމްޕޭނަކީ ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައިގެން ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ އެގައުމަށް ފޮނުވާލުމަށް ފަށާފައިވާ ކެމްޕޭނެކެވެ.
ކުރިން މާލޭގައި ކުރިއަށް ގެންދިޔަ މި ކެމްޕޭނު، ރާއްޖޭގެ އެކި ހިސާބުތަކުގައި ފުޅާ ކުރުމުގެ މަސައްކަތް ރައީސް ޔާމީން ވަނީ ފަށައިފައެވެ. އެގޮތުން އެންމެ ފުރަތަމަ އެ ކެމްޕޭނުގެ ހަރަކާތް ބޭއްވީ ފުވައްމުލަކު ސިޓީގައެވެ. އެފަހުން ކ. ގުރައިދޫ އާއި ކ. ތުލުސްދޫ އަދި ފ. ނިލަންދޫގައި މި ކެމްޕޭން ވަނީ ރައީސް ޔާމީންގެ ބައިވެރިވުމާއެކު ކުރިއަށް ގެންގޮސްފައެވެ.
މިއަދު އިންޑިއާ ސިފައިން ގާއިމުވެ ތިބޭ އައްޑޫ ސިޓީގައި ވެސް ވަނީ "އިންޑިއާ އައުޓް" ކެމްޕޭން ކުރިއަށް ގެންގޮސްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު