މުނިފޫހިފިލުވުން

ދުނިޔޭގެ ރީތީގެ ރާނީ، ސުޝްމީތާ އަދި ރަހްމާންގެ ގުޅުން ނިމުމަކަށް

ކުރީގެ މިސް ޔުނިވާސް އަދި ބަތަލާ ސުޝްމީތާ ސެން ގިނަ ދުވަސްތަކެއް ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުނު އޭނާގެ ލޯބިވެރިޔާ ފެޝަން މޮޑެލެއް ކަމަށްވާ ރަހްމާން ޝޯލް އާ ރުޅިވެއްޖެއެވެ.

2018 ވަނަ އަހަރުން ފެށިގެން ލޯބީގެ ގޮތުން ގުޅިގެން އުޅުނު މި ދެމީހުންގެ ގުޅުން ނިމިފައިވާ ކަމުގެ އަޑުތަކެއް ފެތުރިގެން ދިއުމާ ގުޅިގެން ސުޝްމިތާ ވަނީ އޭނާގެ އިންސްޓަގްރާމުގައި އެ ހަބަރު ޔަގީންކޮށްދީފައެވެ. ސުޝްމީތާ ކުރި ޕޯސްޓުގައި ބުނެފައިވަނީ އޭނާއާއި ރަހްމާންގެ ލޯބީގެ ގުޅުން އެތައް ދުވަހެއް ކުރިން ނިމިއްޖެ ކަމަށާއި ނަމަވެސް ދެމީހުންގެ ރަހުމަތްތެރިކަން އަބަދުވެސް އޮންނަ ކަމަށެވެ.

ސުޝްމީތާ އަދި ރަހްމާންގެ ގުޅުމަށް މީގެ ކުރިން ސަމާލުކަން ހުއްޓިގެން ގޮސްފައިވަނީ ސުޝްމިތާ އަށްވުރެ ރަހްމާން އެތައް ތަނެއް އުމުރުން ހަގު ވުމުންނެވެ. މި ދެމީހުންގެ މެދުގައި 15 އަހަރުގެ ތަފާތު ހުރެއެވެ.

މި ދެތަރިން ކައިވެނިކުރުމާ މެދު ވިސްނުން ހުރީ ކިހިނެއްތޯ މީގެ ކުރިން މީޑީއާއިން ރަހްމާން އާ ސުވާލު ކުރުމުން ބުނެފައިވަނީ ސުޝްމީތާ އަދި ސުޝްމީތާގެ ދެކުދީންނާއެކު ރަނގަޅު އާއިލީ ގުޅުމެއް އޮންނަ ކަމަށާއި ކައިވެނީގެ މަޝްވަރާތައް ނުކުރާ ކަމަށެވެ.

ސުޝްމީތާގެ އެންމެފަހުގެ މަސައްކަތްތަކަށް ބަލާއިރު ސުޝްމީތާގެ ކާމިޔާބު ވެބް ސީރީސް ''އާރްޔާ''ގެ ދެ ވަނަ ބައި ވަނީ ވަރަށް ފަހުން ނުކުމެފައެވެ. އަދި އެ ސީރީސް އިން ސުޝްމިތާ ވަނީ އިންޓަނޭޝަނަލް އެމީ އެވޯޑަށް ވެސް ނޮމިނޭޓް ވެފައެވެ.