އޮންލައިންކޮށް ބޭއްވި ޝަރީއަތެއްގައި ފަރުދާގެ ފުރަގަހުގައި ހުރެގެން ފުލުހަކު އިރުޝާދު ދިނުމުން އެކަން ތަކުރާރު ނުކުރުމަށް ނަސޭހަތްތެރިވެ ގާޒީ އިންޒާރުދެއްވައިފިއެވެ.

އިއްޔެ ކުރިމިނަލް ކޯޓުގައި ބޭއްވި ވައްކަމުގެ މައްސަލައެއްގެ ޝަރީއަތުގައި ފުލުހުންގެ ފަރާތުން ބައިވެރިވެފައި ވަނީ އިންވެސްޓިގޭޝަން އޮފިސަރެއް އެކަންޏެވެ. ނަމަވެސް ވީޑިއޯއަށް ނާރާ ގޮތަށް އިތުރު މީހަކު އިންވެސްޓިގޭޝަން އޮފިސަރަށް ކަން ކުރާނެ ގޮތް ކިޔައިދެމުންދާކަން ގާޒީގެ ސަމާލުކަމަށް އައިސްފައިވެއެވެ. އެކަމާ ގުޅޭ ގޮތުން ސުވާލުކޮށް ވީޑިއޯއަށް ނާރާ ގޮތަށް ސީނިއާ އޮފިސަރަކު އިންނެވި ކަމަށް ގާޒީ ވިދާޅުވިއެވެ.

ގާޒީ އެދުނީ އެ ޕޮލިސް އޮފިސަރު ކެމެރާގެ ކުރިމައްޗަށް އެރުމަށެވެ. ގާޒީ އެދުނު ގޮތަށް ޕޮލިސް އޮފިސަރު ކެމެރާގެ ކުރިމައްޗަށް އައުމުން ގާޒީ ވަނީ އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސިން މެދުވެރިކޮށް ކޯޓުތަކުގެ އަޑުއެހުންތަކާއި ޝަރީއަތްތައް ކުރިއަށް ގެންދިޔުމާ ބެހޭ ގަވާއިދުގެ 14 ވަނަ މާއްދާގައި ކިޔައިދެއްވައިފައެވެ. އެ މާއްދާގައި ބަޔާންކޮށްފައި ވަނީ ޝަރީއަތުގެ ހުއްދައެއް އަދި އެނގުމެއްނެތި މީހުން ނުވެއްދޭނެ ކަމަށެވެ.

އެއަށްފަހު ގާޒީ ވަނީ އެ މާއްދާ ޕޮލިސް އޮފިސަރަށް އެނގޭތޯ ސުވާލުކުރައްވައިފައެވެ. އޮފިސަރު ވަނީ އެ މާއްދާގައި އެގޮތަށް ބަޔާންކޮށްފައިވާކަން އެގޭ ކަމަށް ވިދާޅުވެފައެވެ. އޭނާ އިތުރަށް ވިދާޅުވީ ސިއްރުން ޝަރީއަތަށް ނާންގައި އެފަދަ ގޮތަކަށް ކަންތައް ކުރަން ޖެހުނީ ބަންދުގެ މަޖިލީހުގައި އިންނެވި އިންވެސްޓިގޭޝަން އޮފިސަރު އެފަދަ އަޑުއެހުމެއްގައި ބައިވެރިވަނީ ފުރަތަމަ ފަހަރަށް ކަމަށާއި އެހެންވެ އޭނާއަށް އެހީވުމުގެ ގޮތުން ފަހަތުގައި އިންނެވީ ކަމަށެވެ.

އެ ޖަވާބާމެދު ހިތްހަމަނުޖެހުން ފާޅުކޮށް ގާޒީ ވިދާޅުވީ އެކަން ކުރެއްވޭނެ ރީތި ގޮތް އެބައޮތް ކަމަަށެވެ. އެއީ ޝަރީއަތަށް ފެންނަ ގޮތަށް ދެ އޮފިސަރުން އެކުގައި އިނދެ މަޝްވަރާ ކުރުމަށްފަހު ޝަރީއަތުގެ މަޖިލީހުގައި ވާހަކަ ދެއްކުން ކަމަށެވެ. ގާޒީ އެގޮތަށް ވިދާޅުވުމުން އޮފިސަރު ވަނީ މައާފަށް އެދި އެކަން ތަކުރާރު ނުކުރާނެ ކަމަށް ވިދާޅުވެފައެވެ.

އޮފިސަރުގެ މައާފު ގާޒީ ބަލައިގަންނަން ނިންމި ނަމަވެސް ފުލުހުންނަކީ ގާނޫނާ އެއްގޮތަށް އަމަލުކުރަންޖެހޭ އަދި ގާނޫނު ތަންފީޒުކުރާ މުއައްސަސާއަކަށްވާއިރު, އެގޮތަށް އަމަލުކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވެފައެވެ. އަދި އެއީ އެފަދަ އަމަލެއް ފުލުހުންގެ ފަރާތުން ފާހަގަވި ފުރަތަމަ ފަހަރު ނޫން ކަން ފާހަގަކުރައްވައި ގާޒީ ވަނީ އިތުރަށް އެ އަމަލު ތަކުރާރުކޮށްފިނަމަ ކޯޓުގެ ހުރުމަތް ކެނޑިކަމަށް ބަލައި ފުލުހުންނަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދެއްވައިފައެވެ.