ކުޅިވަރު

ބެންޒެމާގެ ދެ ގޯލާއެކު ރެއާލްއަށް ބޮޑު ލީޑެއް

ސްޕެނިޝް ލަލީގާގައި ރޭ ރެއާލް މެޑްރިޑުން އެތުލެޓިކް ބިލްބާއޯއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، ތާވަލުގެ އެއްވަނައިގައި އަށް ޕޮއިންޓް ލީޑަކާއެކު އަހަރު ނިންމާލައިފިއެވެ.

ރަށުންބޭރުގައި ރޭ ކުޅުނު މެޗު ރެއާލްއިން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ. ރޭގެ މެޗުގައި ރެއާލްގެ ދެ ގޯލުވެސް ޖަހައިދިނީ ކެޕްޓަން ކަރިމް ބެންޒެމާއެވެ. އެ ދެ ގޯލާއެކު ފްރާންސް ފޯވަޑް ބެންޒެމާ ވަނީ މިހާތަނަށް ސީޒަންގައި 20 ގޯލު ހަމަކޮށްފައެވެ.

ސްޕެނިޝް ލީގު ފިނި މޫސުމުގެ ބްރޭކް ދިޔައިރު، އެއް ވަނައިގައި ރެއާލް އޮތީ 19 މެޗުން 46 ޕޮއިންޓާ އެކުއެވެ. ދެ ވަނައިގައި އޮތް ސެވިއްޔާއަށް ލިބިފައި ވަނީ 18 މެޗުން 38 ޕޮއިންޓެވެ. ތިން ވަނައިގައި އޮތް ރެއާލް ބެޓިސްއަށް 18 މެޗުން 33 ޕޮއިންޓް ލިބިފައިވާއިރު، ހަތަރު ވަނައިގައި އޮތް ރަޔޯ ވަޔެކާނޯ އަށް ވަނީ 18 މެޗުން 30 ޕޮއިންޓް ލިބިފައެވެ. ބާސެލޯނާ އޮތީ 18 މެޗުން 28 ޕޮއިންޓާއެކު ހަތް ވަނައިގައެވެ.

ރޭގެ މެޗު ފެށިގެން ހަތް މިނެޓު ތެރޭގައި ރެއާލްއިން ދެ ގޯލުގެ ލީޑެއް ނެގިއެވެ. ފުރަތަމަ ގޯލު، މެޗުގެ ހަތަރު ވަނަ މިނިޓްގަ ބެންޒެމާ ޖެހީ ޓޯނީ ކްރޫސް ދިން ބޯޅައަކުންނެވެ. އޭގެ ތިން މިނިޓް ފަހުން ބެންޒެމާ އިތުރު ގޯލެއް ޖަހައި ލީޑު ފުޅާކުރިއެވެ.

ރެއާލުން ދެ ގޯލުގެ ލީޑެއް ނެގިތާ ތިން މިނިޓް ފަހުން ބިލްބާއޯގެ އޮއިހާން ސަންކޭޓް ވަނީ އެ ޓީމަށް ގޯލެއް ޖަހައިދީ އުއްމީދެއް ހޯދައިދީފައެވެ. އޭގެ ފަހުން ދެވަނަ ހާފަށް ނުކުމެ ރެއާލްއިން ކުޅުނު ރަނގަޅުކުރިއެވެ. ރެއާލުން ތިން ވަނަ ގޯލެއް ޖަހަން އެޑެން ހަޒާޑާއި ކްރޫސް ފޮނުވާލި ހަމަލާތައް ބިލްބާއޯގެ ކީޕަރު ހުލެން އަގިރެއްޒަބަލާ ވަނީ މަތަކޮށްފައެވެ.