އދ. ގެ އާންމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.

ޝާހިދު ދާދި ދެންމެއަކު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމަނިކުފާނު މިއަދު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށާއި މިވަގުތު ހުންނެވީ ގޭގައި ކަރަންޓީނުވެވަޑައިގެން ކަމަށެވެ. އަދި ވިދާޅުވީ ކޮވިޑުގެ ބައެއް އަލާމާތްތައް މަދުން ނަމަވެސް ފެނިފައިވާ ކަމަށެވެ. ޝާހިދު މިވަގުތު ހުންނެވީ އެމެރިކާގެ ނިއުޔޯކްގައެވެ.

ޝާހިދު ވިދާޅުވީ އެމަނިކުފާނު ކޮވިޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރައްވާފައިވާ ކަމަށާއި އަދި ބޫސްޓާ ޑޯޒްވެސް ޖައްސަވާފައިވާ ކަމަށެވެ.

ޝާހިދު ވަނީ ކޮވިޑުގައި ތަހަންމަލު ކުރަމުންދާ ފަރާތްތަކަށް ދުއާ ދަންނަވާ ކަމަށް ވިދާޅުވެފައެވެ. އަދި ކޮވިޑް ވެކްސިން ނުލިބޭ ފަރާތްތަކަށްވެސް ދުއާ ދަންނަވާ ކަމަށް ވިދާޅުވެފައެވެ. އެމަނިކުފާނު ވަނީ ވެކްސިން އިކުއަލިޓީ ހޭޝްޓެގް ބޭނުންކުރައްވައި ވެކްސިން ހަމަހަމައަށް ފޯރުކޮށްދިނުމަށް ގޮވާލައްވައިފައެވެ.

އދ. ގެ އާންމު މަޖިލީހުގެ ރައީސް ކަމަށް އިންތިހާބުވެ، އެމަގާމާ ހަވާލުވެވަޑައިގެންނެވުމަށްފަހު ޝާހިދު ދިރިއުޅުއްވަމުން ގެންދަވަނީ ނިއުޔޯކްގައެވެ. އެމަނިކުފާނު އެންމެ ފަހުން ރާއްޖެ ވަޑައިގެންފައިވަނީ މިދިޔަ އޮކްޓޯބަރު މަހުގެ ހަވަނަ ދުވަހުއެވެ.