ބަންގުލަދޭޝްގެ ބޮޑުވަޒީރު ޝެއިހް ހަސީނާ ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅާ ގުޅިގެން މާދަމާ ވަކި ވަގުތުތަކެއްގައި މާލޭގެ ބައެއް ސަރަހައްދުތައް ބަންދުކުރުމަށް ނިންމައިފިއެވެ.

ފުލުހުން މިއަދު ބުނީ ޝެއިހް ހަސީނާގެ ދަތުރުފުޅާ ގުޅިގެން މާދަމާ މާލޭގައި ކުރިއަށްދާ ރަސްމީ ހަރަކާތްތަކާ ގުޅިގެން އެ ހަރަކާތްތަކަށް މާލޭގެ ހަތަރު ސަރަހައްދެއް ބަންދުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ބަންދުކުރުމަށް ހަމަޖެހިފައިވާ ހަތަރު ސަރަހައްދަކީ ޖުމްހޫރީ މައިދާން ސަރަހައްދާއި ރައީސް އޮފީސް ހިމެނޭ ސަރަހައްދާއި ހޮޓެލް ޖެން ހިމެނޭ ސަރަހައްދާއި ރައްޔިތުންގެ މަޖިލިސްކުރާގެ ހިމެނޭ ސަރަހައްދެވެ. އެ ސަރަހައްދުތައް މާދަމާ ހެނދުނު 7:00 އިން ރޭގަނޑު 8:00 އަށް އެ ހަރަކާތްތަކަށް އެކި ވަގުތުތަކުގައި އާންމު ދަތުރުފަތުރަށާއި ފައިމަގުގައި އުޅޭ މީހުންނަށް ބަންދުކުރެވޭނެ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ފުލުހުން ބުނީ އެ ސަރަހައްދުތަކުގައި ހިމެނޭ ޕާކިން ޒޯންތަކުގައި މިރޭ 8:00 އިން ފެށިގެން މާދަމާ ރޭ 8:00 އާ ހަމައަށް ޕާކް ނުކުރެވޭނެ ކަމަށާއި އެ ވަގުތުތަކުގައި އެ ސަރަހައްދުތަކުގައި ހުރި ޕާކިން ޒޯންތަކުގައި ހުރި އުޅަނދެއްވާނަމަ، ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން އެ އުޅަނދުތައް ޓޯ ކުރުމުގެ މަސައްކަތް ކުރަމުންދާނެ ކަމަށެވެ.

އޭގެ އިތުރުން މިއަދު ހަވީރު 6:00 އިން ފެށިގެން އިއްޒުއްދީން ފާލަން ހިމެނޭ ސަރަހައްދުގެ ފަޅުތެރެއަށް އޮޑިދޯނި ފަހަރާއި ލޯންޗު، ޑިންގީ ފަދަ ތަކެތި ވަނުމަކީ މަނާކަމެކެވެ. އެހެންކަމުން އެ ސަރަހައްދު ބޭނުންކުރާ ފެރީތަކުން ދަތުރުކުރާ މީހުން ފެރީދަތުރު ރާވާ އެޖެންޓުން މެދުވެރިކޮށް ލަފާ ފުރާ ސަރަހައްދަށް އައިސްފައިވާ ބަދަލު އޮޅުންފިލުވައި، ކަނޑައަޅާ ސަރަހައްދުތަކަށް ދިއުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

ފުލުހުން ބުނީ ބަންގުލަދޭޝްގެ ބޮޑުވަޒީރުގެ އެ ދަތުރުފުޅާ ގުޅިގެން ސިނަމާލެ ބުރިޖުގެ އޮޕަރޭޝަނަށް އެއްވެސް ބަދަލެއް ގެނެސްފައިނުވާ ކަމަށާއި ކުރިއެކޭ އެއްގޮތަށް އާއްމު ދަތުރުފަތުރަށް ބުރިޖު ބޭނުންކުރެވޭނެ ކަމަށެވެ. އޭގެ އިތުރުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)އަށް ދަތުރުކުރާ ފަރާތްތަކުން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ކަނޑައަޅާފައިވާ ގޮތަށް އަމަލުކުރުމަށް ވެސް ފުލުހުން އިލްތިމާސްކުރިއެވެ.

ރަސްމީ ހަރަކާތްތައް ކުރިއަށްދާ ވަގުތުތަކުގައި ވެލާނާ ބިލްޑިން، ހުރަވީ ބިލްޑިން، ގާޒީ ބިލްޑިން އަދި ބަންދުކުރެވޭ ސަރަހައްދުގައި ހިމެނޭ އޮފީސްތަކުގެ މުވައްޒަފުން އެ ސަރަހައްދަށް ވަދެވޭނީ ބަންޑާރަކޮށްޓާއި ހުކުރު މިސްކިތުގެ އުތުރުން އޮންނަ ޝަހީދު އާދަމް ނަސީރު ހިނގުމުން އެ ސަރަހައްދުގައި ހަރަކާތްތެރިވާ ފުލުހުންގެ ބެލުމުގެ ދަށުން ފުލުހުން އަންގާ ގޮތެއްގެ މަތިން ކަމަށާއި މުވައްޒަފުން ދުރާލައި ބަންދުކޮށްފައިވާ ސަރަހައްދުތަކުގެ ބޭރުން އުޅަނދުތައް ޕާކުކުރުމަށް އިލްތިމާސްކުރާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން އިތުރަށް ބުނީ ރަސްމީ ހަރަކާތްތަކަށް ދައުވަތު ލިބިވަޑައިގެން، ފާހާއެކު ހަރަކާތްތަކަށް ވަޑައިގަންނަވާ ބޭފުޅުންނަށް ވަދެވަޑައިގެންނެވޭނީ ބަންޑާރަކޮށީގެ ހުޅަނގުން، އިސްލާމީ މަރުކަޒާ ވީފަޅިންނާއި އިރުމަތީ ފަރާތު ކޯސްޓްގާޑް ބިލްޑިން ކައިރިން ގާއިމުކުރެވިފައިވާ ގޭޓުތަކުން ސްކްރީން ކުރެވިގެން ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ދައުވަތަކަށް ބަންގުލަދޭޝްގެ ބޮޑުވަޒީރު ޝައިހް ހަސީނާ ރާއްޖެ ވަޑައިގެންފައިވަނީ މިއަދު މެންދުރުފަހުގެ ވަގުތެއްގައެވެ. ހަތް ދުވަހުގެ މި ދަތުރުފުޅުގައި ރަސްމީ ހަރަކާތްތައް އޮންނާނީ މާދަމާއެވެ. އެގޮތުން ރައީސް ސޯލިހާ ބައްދަލުކުރައްވާނެއެވެ. އަދި ދެ ގައުމުގެ ދެމެދު ރަސްމީ މަޝްވަރާތައް ބޭއްވުމަށްފަހު، ދެ ލީޑަރުން ގުޅިފައިވާ ބަޔާނެއް ދެއްވުމަށް ވަނީ ނިންމައިފައެވެ.

އޭގެ އިތުރުން ރައްޔިތުންގެ މަޖިލީހުގައި އެކަމަނާ މާދަމާ ތަހުގީރު ކުރައްވަން ވަނީ ހަމަޖެހިފައެވެ. އެ ޖަލްސާ އޮންނާނީ މާދަމާ ހަވީރު 4:00 ގައެވެ.

މި ދަތުރުފުޅުގައި ރާއްޖެ އާއި ބަންގުލަދޭޝްއާ ދެމެދު ހަތަރު އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ނިންމައިފައެވެ. އެއީ އެއް ގައުމުން އަނެއް ގައުމަށް އެތެރެކުރާ މުދަލުން ދެ ފަހަރު ޓެކްސް ނެގުން އުވާލުމާ ގުޅޭ އެއްބަސްވުމަކާއި ކުށްވެރިން ބަދަލުކުރުމުގެ އެއްބަސްވުމެއްގެ އިތުރުން ޒުވާނުންނާއި ކުޅިވަރުގެ ދާއިރާ ކުރިއެރުވުމާ ގުޅޭ އެއްބަސްވުމެއް އަދި ސިއްހީ ދާއިރާއިން ގުޅުން ބަދަހިކުރުމާ ގުޅޭ އެއްބަސްވުމެކެވެ.

އޭގެ އިތުރުން ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާނީ އެކުވެރިކަމުގެ ރަމްޒެއްގެ ގޮތުން ބަންގުލަދޭޝް އިން ރާއްޖެއަށް 13 އަސްކަރީ އުޅަނދު ހަދިޔާކުރަން ވަނީ ނިންމައިފައެވެ. ނަމަވެސް އެއީ ކޮން ކަހަލަ އުޅަނދުތަކެއް ކަމެއް އަދި އޭގެ ތަފުސީލެއް އަދި ދެގައުމުގެ ސަރުކާރަކުންވެސް އަދި ހާމައެއް ނުކުރެއެވެ.