ޚަބަރު

އަރަބިއްޔާ ވަގުތީ ގޮތުން ފޮރިން މިނިސްޓްރީ ހިންގި އިމާރާތަށް ބަދަލުކުރަން ރައީސް ނިންމަވައިފި

އަރަބިއްޔާ ސްކޫލު ވަގުތީ ގޮތުން ކުރިން ފޮރިން މިނިސްޓްރީ ހިންގި އިމާރާތަށް ބަދަލުކުރަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވައިފިއެވެ.

ރައީސް އޮފީހުން މިރޭ ބުނީ އަރަބިއްޔާގެ ޕީޓީއޭ އިން ރައީސްއާ ބައްދަލުކުރައްވައި، އެ ބޭފުޅުންގެ ހުރި ކަންބޮޑުވުންތައް ހިއްސާކުރައްވާފައިވާ ކަމަށާއި އެ ބައްދަލުވުމުގައި ރައީސް ވަނީ އެ ކަންބޮޑުވުންތަކަށް ހައްލެއް ހޯއްދަވައިދެއްވާނެ ކަމަށް ވިދާޅުވެފައި ކަމަށެވެ.

އަރަބިއްޔާ ވަގުތީގޮތުން ފޮރިން މިނިސްޓްރީގެ ކުރީގެ ވަގުތީ އިމާރާތަށް ބަދަލުކުރުމަށް ރައީސް މިއަދު ނިންމަވާފައިވާ ކަމަށާއި އެ އިމާރާތް ހަވާލުކުރެވޭ އިރު ކްލާސްރޫމު ފަދަ ތަންތަން ވެސް ސަރުކާރު ހަދައިދިނުމަށް ނިންމަވާފައިވާ ކަމަށެވެ. އަދި ސްކޫލު ހިންގޭނެ ވަރަށް އެ އިމާރާތުގެ ކަންކަން ސަރުކާރުން އިންތިޒާމުކޮށްދިނުމަށް ވެސް ރައީސް ނިންމަވާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އަރަބިއްޔާ ސްކޫލަށް ދިމާވެފައިވާ ޖާގައިގެ މައްސަލައިގެ ދާއިމީ ހައްލަކަށް މިހާރުގެ ބާ ޖަމާލުއްދީން ހުރި ގޯތި ތެރޭގައި ޖާގައިގެ ގޮތުން މިހާރަށްވުރެ ތަނަވަސް އާ އިމާރާތެއް އެޅުމަށް ރައީސް ވަނީ ނިންމަވައިފައެވެ.

އަރަބިއްޔާ ސްކޫލުގެ އިމާރާތަށް ބޮޑެތި ގެއްލުންތަކެއް ލިބި، ތަން ބޮލަށް ވެއްޓިދާނެ ކަމުގެ ބިރު އޮތުމުން އެޑިއުކޭޝަން މިނިސްޓްރީން މީގެ ކުރިން ނިންމީ އެ ސްކޫލުގެ ދަރިވަރުން ވަގުތީ ގޮތުން އިއްޒުއްދީން ސްކޫލަށް ބަދަލުކޮށް، ހުޅުމާލޭގައި މިހާރު ހަދަމުން އަންނަ އެއް ސްކޫލު އަރަބިއްޔާއަށް ހާއްސަކުރުމަށެވެ.

ނަމަވެސް އެޑިއުކޭޝަން މިނިސްޓްރީގެ އެ ނިންމުމަކީ އަރަބިއްޔާ ސްކޫލުގެ ދަރިވަރުންގެ އަރަބި އިސްލާމީ މަންހަޖުގެ ތައުލީމު ފުނޑުފުނޑުވާނެ ކަމެއް ކަމަށް ބުނެ، އެ ނިންމުމާ އެއްގޮތަށް އަމަލު ކުރެވެން ނެތް ކަމަށް ބެލެނިވެރިން ވަނީ ބުނެފައެވެ. އަދި އެކަމާ ދެކޮޅަށް އަރަބިއްޔާ ސްކޫލުގެ ބެލެނިވެރިން ވަނީ އިހުތިޖާޖު ވެސް ކޮށްފައެވެ.