ލޯންޗަކާއި ޑިންގީއެއް ޖެހި ބަޔަކަށް އަނިޔާވެއްޖެއެވެ.

ފުލުހުން ބުނީ މިއަދު އިރުއޮއްސި 6:50 ގައި ވިލިމާލެ ދެކުނު ފަރާތުން ލޯންޗަކާއި ޑިންގީއެއް ޖެހިފައިވާ ކަމަށާއި އެކްސިޑެންޓަށްފަހު ޑިންގީ އަޑިއަށް ގޮސްފައިވާ ކަމަށެވެ.

އެ އެކްސިޑެންޓުގައި ދެ ފިރިހެނަކަށް އަނިޔާވެ އަންނަނީ އައިޖީއެމްއެޗުގައި ފަރުވާދެމުންނެވެ. "ވަން" އަށް މައުލޫމާތުދެއްްވަމުން އައިޖީއެމްއެޗުގެ އޮފިޝަލު ވިދާޅުވީ، އަނިޔާވެގެން ފަރުވާދެމުން އަންނަނީ 39 އަހަރުގެ ފިރިހެނަކަށާއި 37 އަހަރުގެ ފިރިހެނަކަށް ކަމަށެވެ. އަދި އެ ދެމީހުންގެ ހާލު ރަނގަޅު ކަމަށްވެސް ވިދާޅުވިއެވެ.

އެކްސިޑެންޓް ހިނގި ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުން އަންނަ އިރު، އެ ސަރަހައްދު ކަނޑުތެރެއަށް ޑިންގީ އަޑިއަށް ގޮސްފައިވާތީ އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން ސަމާލުވާން ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.