ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ގޮނޑިއަށް މެންބަރަކު އިންތިހާބުކުރުމަށް ބާއްވާ ބައި އިލެކްޝަންގައި އެމްޑީޕީން ވާދަކުރާ ކެންޑިޑޭޓް ކަނޑައަޅައިިފިއެވެ.
އެމްޑީޕީން ބުނީ ކޮމަންޑޫ ދާއިރާ މަޖިލިސް އިންތިހާބުގެ ބައި އިލެކްޝަންގައި އެމްޑީޕީން ވާދަކުރާ ކެންޑިޑޭޓް ކަނޑައެޅުމަށް ޕްރައިމަރީއަށް ހުޅުވާލުމުން ކުރިމަތިލީ އެންމެ ކެންޑިޑޭޓެއް ކަމަށެވެ.
ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ބާއްވަން އެމްޑީޕީން ނިންމާފައި އޮތީ މިމަހުގެ 27 ވަނަ ދުވަހުއެވެ. ޕްރައިމަރީގައި ބައިވެރިވާން އެދޭ ކެންޑިޑޭޓުން ފޯމު ހުށަހެޅުމަށް މިދިޔަ ހޮނިހިރު ދުވަހު ހުޅުވާލި ފުރުސަތު މިދިޔަ ހޯމަ ދުވަހަށް ހަމަވެފައިވާ އިރު، ފޯމު ހުށަހަޅާފައިވަނީ ށ. ފޯކައިދޫ، މުހައްމަދު ރާޝިދު އެކަންޏެވެ.
އެމްޑީޕީން ބުނީ، އިތުރު މީހަކު ކުރިމަތިނުލާތީ އެމްޑީޕީގެ ޕްރައިމަރީ ނޯންނާނެ ކަމަށެވެ.
ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ބާއްވަން އިލެކްޝަން ކޮމިޝަން (އީސީ)އިން ނިންމާފައިވަނީ އަންނަ ފެބްރުއަރީ މަހުގެ ފަސްވަނަ ދުވަހުއެވެ. އީސީން މިހާރު ވަނީ ބައި އިލެކްޝަންގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓު އާންމުކޮށް ޝަކުވާއަށް ހުޅުވާލައިފައެވެ. ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅޭނީ އަންނަ މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށެވެ.
އީސީން ބުނެފައިވާ ގޮތުގައި ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވޯޓު ނެގުން އޮންނާނީ ފެބްރުއަރީ ފަސްވަނަ ދުވަހުގެ ހެނދުނު 8:00 އިން ހަވީރު 4:00 އަށެވެ. މި އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާން ކުރުމަށް ހަމަޖެހިފައިވަނީ ފެބުރުއަރީ ދިހަވަނަ ދުވަހުއެވެ.
ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ބާއްވަނީ، އެ ދާއިރާގެ މެންބަރު ހުސައިން ވަހީދު ކެންސަރުގެ އާލާސްކަންފުޅަށް ފަރުވާ ހޯއްދަވަނިކޮށް އަވަހާރަވުމާ ގުޅިގެންނެވެ. ހުސައިން ވަހީދު އަވަހާރަވުމުން އެ ދާއިރާއަށް ހުސައިންގެ ދަރިކަނބަލުން ނަޝާ ހުސައިން ވާދަކޮށްދިނުމަށް ބަޔަކު އެދިފައިވެއެވެ. ނަމަވެސް ނަޝާ ވަނީ ބައި އިލެކްޝަންގައި ވާދަ ނުކުރަން ނިންމައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު