ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ދައުވަތަކަށް ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިހް ހަސީނާ ރަސްމީ ދަތުރުފުޅެއްގައި މިއަދު ރާއްޖެ ވަޑައިގެންފިއެވެ.
ބަންގްލަދޭޝްގެ ގައުމީ އެއާލައިން, ބިމާން ބަންގްލަދޭޝްގެ މަތިންދާބޯޓެއްގައި ޝައިހް ހަސީނާ ރާއްޖެ ވަޑައިގެންނެވީ މިއަދު މެންދުރުފަހު ތިނެއް ޖަހައި އެހާކަންހާއިރު އެވެ. އެކަމަނާއަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ރަތްދޫލައިގައި މަރުހަބާ ދެންނެވީ ފޮރިން މިނިސްޓްރީން ހިންގެވުމާ ހަވާލުވެވަޑައިގެން ހުންނެވި އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ހަލީލާއި ފޮރިން ސެކްރެޓަރީ އަބްދުލްގަފޫރު މުހައްމަދެވެ.
ހަތް ދުވަހުގެ މި ދަތުރުފުޅުގައި ރަސްމީ ހަރަކާތްތައް އޮންނާނީ މާދަމާއެވެ. އެގޮތުން ރައީސް ސޯލިހާ ބައްދަލުކުރައްވާނެއެވެ. އަދި ދެ ގައުމުގެ ދެމެދު ރަސްމީ މަޝްވަރާތައް ބޭއްވުމަށްފަހު, ދެ ލީޑަރުން ގުޅިފައިވާ ބަޔާނެއް ދެއްވުމަށް ވަނީ ނިންމައިފައެވެ.
އޭގެ އިތުރުން ރައްޔިތުންގެ މަޖިލީހުގައި އެކަމަނާ މާދަމާ ތަހުގީރު ކުރައްވަން ވަނީ ހަމަޖެހިފައެވެ. އެ ޖަލްސާ އޮންނާނީ މާދަމާ ހަވީރު ހަތަރެއް ޖަހާ އިރުއެވެ.
މި ދަތުރުފުޅުގައި ރާއްޖެ އާއި ބަންގްލަދޭޝްއާ ދެމެދު ހަތަރު އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ނިންމައިފައެވެ.
އެއީ އެއް ގައުމުން އަނެއް ގައުމަށް އެތެރެކުރާ މުދަލުން ދެ ފަހަރު ޓެކްސް ނެގުން އުވާލުމާ ގުޅޭ އެއްބަސްވުމަކާއި ކުށްވެރިން ބަދަލުކުރުމުގެ އެއްބަސްވުމެއްގެ އިތުރުން ޒުވާނުންނާއި ކުޅިވަރުގެ ދާއިރާ ކުރިއެރުވުމާ ގުޅޭ އެއްބަސްވުމެއް އަދި ސިއްހީ ދާއިރާއިން ގުޅުން ބަދަހިކުރުމާ ގުޅޭ އެއްބަސްވުމެކެވެ.
އޭގެ އިތުރުން ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާނީ އެކުވެރިކަމުގެ ރަމްޒެއްގެ ގޮތުން ބަންގްލަދޭޝް އިން ރާއްޖެއަށް 13 އަސްކަރީ އުޅަނދު ހަތިޔާކުރަން ވަނީ ނިންމައިފައެވެ. ނަމަވެސް އެއީ ކޮން ކަހަލަ އުޅަނދުތަކެއް ކަމެއް އަދި އޭގެ ތަފުސީލެއް އަދި ދެގައުމުގެ ސަރުކާރަކުންވެސް އަދި ހާމައެއް ނުކުރެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު