ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު، އަދި މަޝްހޫރު ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރު ހައްޔަރުކޮށްގެން ސިވިލް ކޯޓަށް ހާޒިރު ކުރަން އަމުރު ނެރުނު ގާޒީއާ ދެކޮޅަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް މައްސަލަ ހުށަހަޅައިފިއެވެ.
އެކަމުގެ މައުލޫމާތު ހޯދަން "ވަން" އިން ޖޭއެސްސީގެ މީޑިއާ އޮފިޝަލު އިޒްމީރާ ޝިހާމަށް ގުޅުމުން ވިދާޅުވީ، ޖާބިރު ފޮނުއްވި ސިޓީ އެ ކޮމިޝަނަށް ލިބިފައިވާ ކަމަށެވެ. ކޮމިޝަނަށް ހުށަހަޅާ މައްސަލަތައް ރިވިއު ކުރަން، ޖޭއެސްސީގެ ކޮމިޓީއަށް ފަސް ދުވަހުގެ މުއްދަތެއް ގާނޫން ލިބިދޭ ކަމަށެވެ. އިޒްމީރާ ވިދާޅުވީ، އެ ފަސް ދުވަހުގެ ތެރޭގައި ކޮމެޓީން އެ މައްސަލަ ބެލުމާ މެދު ގޮތެއް ނިންމާނެ ކަމަށެވެ. އޭނާ ވިދާޅުވީ، ކޮމިޓީން ގޮތެއް ނުނިންމަނީސް މައްސަލައިގެ ތަފްސީލު ހާމަ ނުކުރައްވާނެ ކަމަށެވެ.
"ބައެއް ފަހަރު މައްސަލަ ހުށަހަޅާއިރު އެބަ ހުރޭ ގާޒީގެ ނަން، ނޫނީ ސެކްޝަންގެ ނަން ވެސް ނުބައިވެފަ، ކޮމެޓީން މައްސަލަ ރިވިއުކުރާއިރު އެކަހަލަ ކަމެއް ފާހަގަ ވާނަމަ މައްސަލަ ހުށަހެޅި ފަރާތަކަށް ގުޅާނެ، އެކަން ސާފުކުރަން. އެހެންވީމާ އަދި ތަފްސީލު ދެވޭކަށް ނެތް" އިޒްމީރާ ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ ގާނޫނުން ލިބިދޭ ފަސް ދުވަހުގެ ތެރޭގައި ހުށަހެޅުނު މައްސަލައަކާ މެދު ގޮތެއް ނިންމުމަށްފަހު އެކަން އާއްމުކުރާނެ ކަމަށެވެ.
މިއަދު ހެނދުނު ޖާބިރު ހައްޔަރުކޮށްފައިވަނީ ކޯޓަށް ހާޒިރު ކުރަން ނެރެފައިވާ އަމުރެއް ތަންފީޒު ކުރުމުގެ ގޮތުންނެވެ. އެ އަމުރު ނެރެފައިވަނީ ސިވިލް ކޯޓުގެ ގާޒީ މަރިޔަމް ވަހީދު އެވެ. ގާޒީ މަރިޔަމް ވަހީދަކީ ސިވިލް ކޯޓުގެ މުދަލާއި ފައިސާއާ ބެހޭ ކުދި މައްސަލަތަކާއި އަވަސްނިޔާގެ މައްސަލަތައް ބަލާ ޑިވިޝަނެއް ކަމަށްވާ B5-cr3 ސެކްޝަންގެ މައްސަލަ ބައްލަވާ ގާޒީ އެވެ.
ޖާބިރު ހައްޔަރުކޮށްފައި ވަނީ އޭނާގެ ކުންފުންޏެއް ކަމަށްވާ ޔޮޓް ޓުއާސް ކުންފުނީގައި މަސައްކަތް ކުރި މުވައްޒަފަކަށް މުސާރައިގެ ގޮތުގައި ދޭން ޖެހޭ 700،000 ރުފިޔާ ނުދިން މައްސަލައެއްގަ އެވެ.
ޖާބިރު ހައްޔަރުކޮށްފައިވަނީ މިއަދު ހެނދުނު 10:00 ގަތް އޮތް އެ މައްސަލައިގެ އަޑުއެހުމަށެވެ. ނަމަވެސް އެ މައްސަލައިގެ އަޑުއެހުން ކެންސަލް ވުމުންނާއި، މައްސަލައިގެ އަޑުއެހުމުގައި އޮންލައިން ކޮށް ބައިވެރިވާނެ ކަމަށް ޖާބިރު ވިދާޅުވުމުން އޭނާ މިހާރު ވަނީ ދޫކޮށްލައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު