ސިވިލް ކޯޓެއްގެ އަމުރެއްގެ ދަށުން ކާށިދޫ ދާއިރާގެ ރައްޔިތުން މަޖިލިސް މެންބަރު އަބްދުﷲ ޖާބިރު ހައްޔަރު ކުރީ މުވައްޒަފަކަށް ދޭން ޖެހޭ މުސާރަ ނުދީގެން ކަމަށް އެ ކޯޓުން ބުނެފިއެވެ.
ކޯޓުގެ މީޑިއާ އޮފިޝަލު "ވަން" ވިދާޅުވީ، ޖާބިރު ހައްޔަރުކުރީ ޔޮޓް ޓުއާސް ކުންފުނީގައި މަސައްކަތް ކުރި މުވައްޒަފަކަށް މުސާރަ ނުދިން މައްސަލައެއްގައި ކަމަށެވެ. އެ މައްސައަކީ ޔޮޓް ޓުއާސްގައި މަސައްކަތް ކުރި ޅ. ނައިފަރު، ފަތަނގުމާގެ، އަލީ މުހައްމަދަށް ލިބެން ޖެހޭ 700،000 އަށްވުރެ ގިނަ ރުފިޔާ ނުދީ އޮތުމުން ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ކޮށްފައިވާ ހުކުމެއް ތަންފީޒު ކުރުމަށް ޓަކައި ހުށަހެޅި މައްސަލައެއް ކަމަށް ވެސް މީޑިއާ އޮފިޝަލު ވިދާޅުވިއެވެ.
ޖާބިރު ހައްޔަރުކޮށްފައިވަނީ މިއަދު ހެނދުނު 10:00 ގަތް އޮތް އަޑުއެހުމަކަށް ހާޒިރު ކުރުމަށެވެ. ނަމަވެސް އެ މައްސަލައިގެ އަޑުއެހުން ކެންސަލް ވުމުންނާއި، މައްސަލައިގެ އަޑުއެހުމުގައި އޮންލައިން ކޮށް ބައިވެރިވާނެ ކަމަށް ޖާބިރު ވިދާޅުވުމުން އޭނާ ވަނީ ދޫކޮށްލައިފައެވެ.
ޔޮޓް ޓުއާސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް ސިޓީ އިންވެސްޓުމަންޓްސް ޕްރައިވެޓް ލިމިޓެޑް އިން ދައުވާކުރާ ހުކުމް ތަންފީޒު ކުރުމުގެ މައްސަލައިގެ އަޑުއެހުމެއް ވެސް މިއަދު ސިވިލް ކޯޓުގައި އެބަ އޮތެވެ. މިއީ 2020 ވަނަ އަހަރު އެ ކޯޓަށް ހުށަހެޅި މައްސަލައެކެވެ.
ފުލުހުން ޖާބިރު ހައްޔަރު ކުރީ އޭނާ ގދ. ތިނަދޫގައި ހުންނަވަނިކޮށެވެ. އޭރު އޭނާ ހައްޔަރުކުރީ ކޮން މައްސަލައަކާ ގުޅިގެންކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ.
ޖާބިރާ ގުޅޭ ބައެއް މައްސަލަތައް ވަނީ ފުލުހަށް ވެސް ހުށަހަޅައިފައެވެ. އޭގެ ތެރޭގައި އއ. މަތިވެރިއަށް ޖާބިރު ވަޑައިގެން ހިންގި ހަމަނުޖެހުމަކާއި ޕާކު ކޮށްފައިވާ ސައިކަލުތަކަކަށް ގެއްލުން ދިން މައްސަލައެއް ހިމެނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު