ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު، އަދި މަޝްހޫރު ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރު ހައްޔަރުކޮށްގެން ސިވިލް ކޯޓަށް ގެންދިޔުމަށްފަހު ދޫކޮށްލައިފިއެވެ.
"ވަން" އިން މިއަދު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އެ ކޯޓުގެ މީޑިއާ އޮފިޝަލު ވިދާޅުވީ، ހައްޔަރުގައިގައި ބަހައްޓައިގެން ޖާބިރު ކޯޓަށް ހާޒިރުކުރުމަށްފަހު ދޫކޮށްލާފައިވާ ކަމަށެވެ. މީޑިއާ އޮފިޝަލު ވިދާޅުވީ، ޖާބިރު ހައްޔަރުކުރުމުގެ އަމުރެއް އެ ކޯޓުން ނެރުނީ، ކޯޓަށް ހާޒިރު ކުރަން ނެރެފައިވާ އަމުރެއް ތަންފީޒު ކުރުމުގެ ގޮތުންނެވެ.
ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމުގެ އަމުރު ނެރެނީ ކޯޓުން އަންގައިގެން ހާޒިރު ނުވުމުންނެވެ. ނުވަތަ ޗިޓް ހަވާލު ނުކުރެވުމުންނެވެ.
މިއަދު ސިވިލް ކޯޓުގައި ޖާބިރުގެ ކުންފުންޏެއް ކަމަށްވާ ޔޮޓް ޓުއާސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް ސިޓީ އިންވެސްޓުމަންޓްސް ޕްރައިވެޓް ލިމިޓެޑްއިން ދައުވާކުރާ ހުކުމް ތަންފީޒު ކުރުމުގެ މައްސަލައިގެ އަޑުއެހުމެއް ވެސް އެބަ އޮތެވެ. މިއީ 2020 ވަނަ އަހަރު އެ ކޯޓަށް ހުށަހެޅި މައްސަލައެކެވެ.
ޖާބިރު މިއަދު ހައްޔަރު ކުރި އިރު އޭނާ ހުންނެވީ ހުވަދުއަތޮޅުގެ ކޮންމެވެސް ރަށެއްގަ އެވެ. އެހެން ނަމަވެސް އެއީ ސީދާ ކޮން ރަށެއް ކަން އަދި ވަނީ ޔަގީން ކުރެވޭ ގޮތް ނުވެފަ އެވެ.
ސިވިލް ކޯޓެއްގެ އަމުރެއްގެ ދަށުން ޖާބިރު ހައްޔަރު ކުރި އިރު، އޭނާއާ ގުޅޭ ގިނަ ޝަކުވާތަކެއް ސޯޝައަލް މީޑިއާގައި އެކި ފަރާތްތަކުން އަންނަނީ ކުރަމުންނެވެ. އޭނާއާ ގުޅޭ ބައެއް މައްސަލަތައް ކޯޓު ތަކަށާއި ފުލުހުންނަށް ވެސް ހުށަހަޅާފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު