މިދުވަސްވަރު ޖައްވު ނުސާފު ވަނީ ރާއްޖެ މައްޗަށް އަރާ ހިރަފުހާއި ދުމުގެ ސަބަބުން ކަމަށާއި އެހެންކަމުން މިދުވަސްވަރު ވާރޭފެން ނަގައި ބޭނުންކުރުމުގައި ސަމާލުވުމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް އޮފީސް) އިން އިލްތިމާސްކޮށްފިއެވެ.
ވޭތުވެދިޔަ ހަފުތާއެއްހާ ދުވަހު ރާއްޖޭގެ އެކި ސަރަހައްދުތަކުގެ ޖައްވު ފެންނަނީ ވަރަށްވެސް ފުސްކޮށެވެ. މާލޭގައި ތިބޭ އިރު ހުޅުމާލެ އަދި ވިލިމާލޭގެ އިތުރުން ބަނދަރު ބޭރުގައި ހުންނަ ސަފާރީތައް ވެސް ފެންނަނީ ވަރަށް ފުސްކޮށެވެ.
މެޓް އޮފީހުން މިއަދު ބުނީ، އާންމުކޮށް މޫސުން ރަނގަޅު ދުވަސްވަރު، ދުރުފެންނަ މިންވަރު 10 ކިލޯމީޓަރަށްވުރެ އިތުރުވި ނަމަވެސް ބަނަފިނި ނުވަތަ ހޭޒްގެ ސަބަބުން މިދުވަސްވަރު އުތުރާއި މެދުރާއްޖެ ތެރޭގައި ދުރު ފެންނަ މިންވަރު ވަނީ 4-5 ކިލޯމީޓަރަށް ދަށްވެފައި ކަމަށެވެ.
މިދުވަސްވަރު އެކަން ދިމާވަނީ ހުޅަނގުން އިރުމައްޗަށް ވައި ބަދަލުވަމުންދާ އިރު، ހިމާލަޔަން ސަރަހައްދުން ހިރަފުހާއި ދުން، ވަޔާއެކު ބޭ އޮފް ބެންގަލް ހުރަސްކޮށް ރާއްޖެއާ ހަމައަށް ފޯރާތީ ކަމަށް ބުންޏެވެ.
މެޓް އޮފީހުން ބުނީ، އެކަން ބޮޑަށް ފާހަގަކުރެވެނީ ޑިސެމްބަރުން ފެށިގެން މާޗް މަހުގެ ނިޔަލަށް ކަމަށެވެ. އަދި މި ހިރަފުހުގެ ސަބަބުން، ހާއްސަކޮށް، ނޭވާލާ ނިޒާމުގެ މައްސަލަތައް ހުންނަ ފަރާތްތަކަށް އުދަނގޫވުން ގާތް ކަމަށާއި ވާރޭފެން ރައްކާކުރުމާއި ބޭނުންކުރުމުގައި ސާފުތާހިރުކަމަށް މިދުވަސްވަރު ހާއްސަ ސަމާލުކަން ދިނުން މުހިންމު ކަމަށް ބުންޏެވެ.
ނަކަތް ކަލަންޑަރުން ބަލާ ނަމަ, އިރުވައި މޫސުމުގެ ފުރަތަމަ ނަކަތް ކަމަށް ވާ މުލަ ނަކަތް މާދަމާ ނިމޭނެއެވެ. މުލަ ނަކަތް ގުނަނީ ޑިސެމްބަރު 10 އިން 22 އަށެވެ. ދެވަނަ ނަކަތް ކަމަށް ވާ ފުރަހަޅަ ފެށޭނީ ޑިސެމްބަރު 23ގައެވެ.