މާލޭ ސިޓީ ކައުންސިލުން މިރޭ ބާއްވަން އުޅުނު ޕާކިން ސްލޮޓް ތަކުގެ ގުރު ނެގުން ފަސްކޮށްފިއެވެ.
މިއަދު މާލޭ ސިޓީ ކައުންސިލުން ބުނީ، މާލޭގައި ތަރައްގީކޮށްފައިވާ 211 ޕާކިން ސްލޮޓުގެ ގުރުއަތުލުން މިރޭ ބޭއްވުމަށް ހަމަޖެހިފައިވީ ނަމަވެސް އިދާރީ ގޮތުން ނިންމަން ޖެހޭ ކަންކަން ނިންމުމަށްފަހު އަންނަ ޖެނުއަރީގެ ފަސް ވަނަ ދުވަހު ބޭއްވުމަށް ލަސްކުރެވިފައިވާ ކަމަށެވެ.
މާލޭގައި އަގު ދައްކައިގެން ހަތަރު ފުރޮޅުލީ އުޅަނދުފަހަރު ޕާކުކުރުމަށް ހާއްސަކޮށް ހުޅުވާލި 211 ޖާގައަށް ކުރިމަތިލީ މީހުންގެ މެދުގައި މިމަހު ފަސް ވަނަ ދުވަހު ނެގި ގުރުއަތުލުމުގެ ކަންކަން ހުއްޓާލައި އަލުން އެކަން ކުރިއަށް ގެންދަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން އެންގުމުން އަލުން ގުރު ނެގުމަށް މާލޭ ސިޓީ ކައުންސިލުން ނިންމީ މިރެއަށެވެ.
ޕާކިން ސްލޮޓުތައް ދޫކުރުމުގެ ގުރު ނެގުމުގެ ކަންކަން ކުރިއަށްގެންދިޔަ ގޮތާ މެދު ކަންބޮޑުވުން ފާޅުކޮށް އެމްޑީޕީ ކައުންސިލަރުން މީގެ ކުރިން ނެރުނު ބަޔާނުގައި ބުނެފައިވަނީ 211 ސްލޮޓަށް ކުރިމަތިލީ 969 ފަރާތުގެ ތެރެއިން އެ ގުރު ނަގާތަން ލޮލުން ދެކި، އަތުން ހިފުމަށް އެދޭ ފަރާތްތަކަށް އެ ފުރުސަތު އޮންނަންވާނެ ކަމަށާއި ގުރެއް ނަގާއިރު ގުރުގައި ބައިވެރިވާ ފަރާތްތަކަށް ހާޒިރު ނުވެވޭ ގޮތަށް އެކަން ކުރުމަކީ އައިބު ކަމެއް ކަމަށެވެ.
ގުރުއަތުލުން ކުރިއަށް ގެންދިޔައީ އެ މަސައްކަތް ކުރުމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އެކުލަވައިލި ކޮމިޓީއަށް ނޭނގި، އެ ކޮމިޓީގެ ބައިވެރިވުން ނެތި ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ. މި މައްސަލަ އޭސީސީއަށް ވެސް ހުށަހެޅީ އެމްޑީޕީގެ ފަރާތުންނެވެ.
ކުރިން ސަންގުޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނީ ގުރުއަތުލުމުގެ ކަންކަން ކުރިއަށް ގެންދެވުނީ އެންމެ ރަނގަޅުގޮތަށް ނޫން ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު