ފިލިޕީންސްއަށް އެރި ބާރުގަދަ ތޫފާނުގައި، އެގައުމުގައި ކިޔަވަމުން އަންނަ ދިވެހި ދަރިވަރުންނަށް ލިބިފައިވާ ގެއްލުންތައް ބަލައި އެކަން ހައްލުކުރުމަށް މަސައްކަތް ކުރަން ރައްޔިތުންގެ މަޖިލީހުގެ ހާރިޖީ ގުޅުންތަކާބެހޭ ކޮމިޓީން ނިންމައިފިއެވެ.

އެގައުމުގައި ތިބި ދިވެހި ކިޔަވާކުދިންގެ ބެލެނިވެރިން ކޮމިޓީގެ ސަމާލުކަމަށް އެކަން ގެނައުމާ ގުޅިގެން ހާރިޖީ ގުޅުންތަކާބެހޭ ކޮމިޓީން ވަނީ އެކަމާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ބައްދަލުވުމެއް ބާއްވައިފައެވެ.

އިއްޔެ ބޭއްވި މި ބައްދަލުވުމުގައި، ހާލުގައި ޖެހިފައިވާ ކުދިންގެ ހާލަތު ބެލުމަށް މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އާއި ކަމާ ގުޅޭ އިދާރާތަކާ ގުޅިގެން ގާތުން މަސައްކަތް ކުރުމަށް ވަނީ ނިންމައިފައެވެ. އަދި އެ ފަރާތްތަކުން ދޭ މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށް ހާލަތު ރަނގަޅު ކުރުމަށް ކުރެވިދާނެ ކަންތައްތައް ބަލައި އެކަންތައްތަކައިގެން ކުރިއަށް ދިއުމަށް ކޮމެޓީން ވަނީ ނިންމައިފައެވެ.

ކޮމިޓީގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މައްޗަންގޮޅީ ދެކުނު ދއިރާގެ މެންބަރު އަހުމަދު ހައިތަމް ވިދާޅުވީ، ހާލުގައި ޖެހިފައި ތިބި ދިވެހި ބައެއް ދަރިވަރުންގެ ބެލެނިވެރިންނާ ވާހަކަ ދައްކަވާފައިވާ ކަމަށެވެ.

އެ ކުދިން ތިބީ ވަރަށް ހާލުގައި ކަމަށާއި އެއީ ބޮޑު ޑިޒާސްޓާއަކަށް ވުމުން ކަމާބެހޭ ފަރާތްތަކަށް ކުއްލިއަކަށް އެ ހިސާބަށް ވާސިލު ވުމަށް އުނދަގޫތަކާ ކުރިމަތި ވެފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

މި މައްސަލައިގައި އިތުރަށް ކަންކަން އޮޅުން ފިލުވުމަށް ފޮރިން މިނިސްޓްރީގެ އިސް ބޭފުޅުންނާ ބައްދަލުކުރަންވެސް ކޮމިޓީން ވަނީ ނިންމައިފައެވެ.