ޚަބަރު

ހިޔާ ފްލެޓު ސަރަހައްދުން ކޮންމެ 15 މިނިޓަކުން ބަސް ދަތުުކުރަން ފަށައިފި

މުހައްމަދު އިޝާން

ހިޔާ ފްލެޓް ސަރަހައްދުން ކޮންމެ 15 މިނެޓަކުން ބަސް ދަތުރުތައް ކުރަން ފަށައިފިއެވެ.

އެމްޓީސީސީއިން މިއަދު ބުނީ، ހެނދުނުން ފަށައިގެން ކޮންމެ 15 މިނެޓަކުން ހިޔާ ފްލެޓު ސަރަހައްދުން ބަސް ނައްޓާލާނެ ކަމަށެވެ. މީގެ ކުރިން އެސަރަހައްދުން ބަސްތައް ދަތުރު ކުރަނީ ކޮންމެ 30 މިނެޓަކުންނެވެ. އެމްޓީސީސީން ބުނީ، އަލަށް ގެނައި ބަދަލާއެކު ދަތުރުކުރާ މީހުންނަށް ބަހުން ޖާގަ ލިބުމުގައި ފަސޭހަތަކެއް ލިބިގެން ދާނެކަމަށެވެ.

އެމްޓީސީސީން ބުނީ، ހުޅުމާލެ ދެ ދެވަނަ ފޭހުގެ ބަސްސްޓޮޕުން ފުރަތަމަ ބަސް ދަތުރު ފަށާނީ ފަތިހު 05:45 ގައި ކަމަށެވެ. އެއަށްފަހު ކޮންމެ 15 މިނެޓަކުން ބަސް ދަތުރެއް އޮންނާނެއެވެ. އަދި އެންމެ ފަހު ބަސް ދަތުރު ފަށާނީ ރޭގަނޑު 00:15 ގައި ކަމަށެވެ.

ހިޔާ ފްލެޓުތަކުގައި މިހާރު ގިނަ އަދަދެއްގެ ބަޔަކު ދިރިއުޅެން ފަށާފައިވާއިރު، އެ ސަރަހައްދުގައި ބަސް ދަތުރުތަކަށް ބާރު ބޮޑުވުމުގެ ޝަކުވާ އެ ފަރާތްތަކުން ވަނީ ކޮށްފައެވެ. ހާއްސަކޮށް ހެނދުނު ސްކޫލްތައް ހުޅުވާ ގަޑިއާއި އޮފީސްތައް ހުޅުވާ ގަޑިއާ ދިމާކޮށް ގިނަ ބަޔަކު ބަހުގައި ދަތުރު ކުރަން ޖެހެމުގެ ސަބަބުން ބަހަށް ބާރު ބޮޑުވެއެވެ.

އެހެންކަމުން އަވަސް އަވަހަށް ބަސް ދަތުރު ހަމަޖައްސައިދިނުމަށް އެދި ހިޔާ ޔޫނިއަންގެ ފަރާތުން ވަނީ އެމްޓީސީސީއާ މަޝްވަރާކޮށްފައެވެ. އެ ޝަކުވާތަކަށް ހައްލު ހޯދައިދޭނެ ކަމަށް ވެސް އެމްޓީސީސީއިން ވަނީ ބުނެފައެވެ.

ހިޔާ ފްލެޓްތަކުގައި މީހުން ދިރިއުޅެން ފެށިތާ ފަސް ވަރަކަށް މަސް މިހާރު ވަނީ ވެފައެވެ. ހިޔާ ފްލެޓްތަކުގެ ހުރިހާ ފްލެޓަކަށް މީހުން ބަދަލުވެ ނިމޭއިރު އެސަރަހައްދުގައި 35000 މީހުން ދިރިއުޅޭނެ އެވެ.