އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެންބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުއްވާލައިފިއެވެ.
އޭސީސީގެ މެންބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލާފައިވަނީ އެ ކޮމިޝަންގެ ގޮނޑިއެއް ހުސްވެފައިވާތީއެވެ. އޭސީސީގެ މެންބަރުކަމުގެ ގޮނޑިއެއް ހުސްވީ، އެ ކޮމިޝަންގެ މެންބަރުކަމުން އިބްރާހިމް ޝަކީލް މިދިޔަ ހަފުތާގައި އިސްތިއުފާދެއްވުމާ ގުޅިގެންނެވެ.
ރައީސް އޮފީހުން ބުނީ، އޭސީސީގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފައިވަނީ މިއަދުން ފެށިގެން މިމަހުގެ 30 ވަނަ ދުވަހުގެ 12:30ގެ ނިޔަލަށް ކަމަށެވެ.
އޭސީސީގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމާއި އިގުރާރާއި ކުށުގެ ރެކޯޑް ފޯމު ދޫކުރުމާއި ފޯމުތަކާއި އިގުރާރުތައް ބަލައިގަތުމަށް ހަމަޖައްސާފައިވަނީ، މިމަހުގެ 29 އަދި 30 ވަނަ ދުވަހުގެ ހެނދުނު 09:30 އިން މެންދުރު 12:30 އަށް ރައީސް އޮފީހުންނެވެ. ރައީސް އޮފީހުގެ ވެބްސައިޓް https://presidency.gov.mv އިން ފޯމާއި އިގްރާރު ޑައުންލޯޑް ކުރެވޭނެއެވެ.
ޝަކީލް އިސްތިއުފާ ދެއްވާފައިވަނީ، އޭސީސީގެ މަސައްކަތްތައް އެކަށީގެންވާ ގޮތަށް ކުރިއަށް ނުދާކަމަށް، އޮޑިޓް އޮފީހުން ހެދި ޕާފޯމެންސް އޮޑިޓް ރިޕޯޓުން ހާމަވާތީ، އޭސީސީގެ މެންބަރުން މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފާސްކޮށް މަޖިލީހުގެ ތަޅުމަށް ހުށަހެޅުމުން އެކަމަށް ގޮތެއް ކަނޑައެޅުމަށް ދައުރުން ބޭރުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ކުރިއަށް ދަނިކޮށެވެ.
މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި އެ ޖަލްސާގައި ޝަކީލް ހިމެނޭހެން އޭސީސީގެ ހަތަރު މެންބަރަކު ވަކިކުރަން މަޖިލީހުން އޮތީ ނިންމައިފައެވެ. ނަމަވެސް ޖަލްސާ ކުރިއަށް ދަނިކޮށް ޝަކީލްގެ އިސްތިއުފާގެ ސިޓީ މަޖިލީހުގެ އިދާރާއަށް ލިބުމުން މަޖިލީހުން ވަކިކުރަން ޖެހެނީ މިހާރު ކޮމިޝަންގައި ތިއްބެވި ތިން މެންބަރުން ކަމަށްވާ އެ ކޮމިޝަންގެ ރައީސް މަރިޔަމް ޝިއުނާ އާއި ނާއިބު ރައީސް ފާތުމަތު އަނޫލާ އާއި މެންބަރު އާއިޝަތު އަބުދުﷲ ކަމަށްވެސް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، ޖަލްސާގައި ވިދާޅުވިއެވެ.
އެ ދުވަހުގެ ޖަލްސާގައި އޭސީސީގެ މެންބަރުން ވަކިކުރުމުގެ މައްސަލަ އިއުލާން ކުރުމަށްފަހު ގަވާއިދުގައިވާ ގޮތުގެ މަތިން އެ މައްސަލަ އިތުރަށް ދިރާސާ ކުރުމަށްމިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވިއެވެ. ހަމަ އެ ދުވަހު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ނިންމީ ލިޔުމުން ޖަވާބުދާރީވުމަށް އެ ތިން މެންބަރުންނަށް ފަސް ދުވަހުގެ މުއްދަތެއް ދިނުމަށެވެ.
ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ އޭސީސީގެ މެންބަރުކަމުން އަލީ އަޝްރަފު ވަނީ ޕާފޯމަންސް އޮޑިޓު ހެދުމާ ގުޅިގެން މިމަހުގެ ދެވަނަ ދުވަހު އިސްތިއުފާ ދެއްވައިފައެވެ. އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިމަހުގެ ފަސްވަނަ ދުވަހުން ފެށިގެން 16ގެ ނިޔަލަށް ފުރުސަތު ހުޅުވާލާފައިވެއެވެ. ނަމަވެސް މަޖިލީހުން އަދި އެ ގޮނޑިއަށް މެންބަރަކު އައްޔަންކޮށްފައެއް ނުވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު