މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބަލަހައްޓަމުން އަންނަ މާލޭ ޓީޖެޓީ, މާލޭ ސިޓީ ކައުންސިލާ ހަވާލު ނުކުރި މައްސަލަ ކޯޓަށް ވައްދަން ނިންމާފައިވާ އެ ކައުންސިލުން ބުނެފިއެވެ.
ޓީޖެޓީ އެމްޕީއެލްއާ ހަވާލުކޮށް, އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ އެއިރުގެ ހައުސިން މިނިސްޓަރު ކަމުގައި މާލެ ސިޓީ ކައުންސިލުގެ މިހާރުގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ހުންނަވައިގެން 2015 ވަނަ އަހަރެވެ.
މާލެ ސިޓީ ކައުންސިލުން ވަނީ ޓީޖެޓީ ހުސްކުރަން އަންގައި އެމްޕީއެލްއަށް 90 ދުވަސް ދީފައެވެ. އެ މުއްދަތު އިއްޔެ ހަމަވެފައިވާ އިރު, މާލޭ ސިޓީ ކައުންސިލުގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް އިސްވެ ހުންނަވައިގެން ސިޓީ ކައުންސިލުގެ ޓީމެއް މިއަދު ވަނީ އެތަނާ ހަވާލުވާން ގޮސްފައެވެ.
އެތަނުގައި ހުންނަވައިގެން މީޑިއާއަށް މައުލޫމާތު ދެއްވަމުން ނަރީޝް ވިދާޅުވީ, ޓީޖެޓީއާ ހަވާލުވާން ދިޔަ ނަމަވެސް އެތަނުން އެމްޕީއެލްގެ އެއްވެސް އިސްވެރިޔަކާ ބައްދަލުވެފައި ނުވާ ކަމަށެވެ. އަދި ޖެޓީގެ މަސައްކަތްތައް ހުއްޓިދާނެތީ, ގަދަކަމުން އެތަނާ ހަވާލުވާން ބޭނުން ނުވީ ކަމަށް ވިދާޅުވިއެވެ.
"މާލޭގެ ރައްޔިތުންނަށް, މާލޭ ސިޓީ ކައުންސިލުގެ ފަރާތުން ދޭން ބޭނުންވާ ޔަގީންކަމަކީ އަންނަ ހަފުތާގައި މި މައްސަލައިގައި ކޯޓަށް ވަންނާނަން. މާލޭ ރައްޔިތުންގެ ހައްގު ހޯދަ ދިނުމަށް ކޯޓަށް ވަންނާނަން. އެކަމަށް ވާން ޖެހޭ ތައްޔާރީތައް ގާތްގަނޑަކަށް ވެ ނިމިއްޖެ," ނަރީޝް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ, މާލޭގެ ރައްޔިތުންނަށް އެއްވެސް ފައިސާއެއް ނުލިބޭ ގޮތަށް މާލޭގެ އެއްވެސް ބިމެއް ދޫވެގެން ދިއުމަކީ ކައުންސިލުގެ އެއްވެސް މެންބަރަކު ބޭނުންވާ ގޮތެއް ނޫން ކަމަށެވެ. އަދި މާލޭގެ ރަޖިސްޓްރީގައި ހުރި ބިންތައް ހޯދަން ކައުންސިލުން މަސައްކަތް ކުރާނެ ކަމަށް ވިދާޅުވިއެވެ.
މިކަމާ ގުޅިގެން އެމްޕީއެލްގެ އޮފިޝަލަކު މީގެ ކުރިން "ވަން" އަށް ވިދާޅުވީ, ޓީޖެޓީ ސަރަހައްދަކީ ހައުސިން މިނިސްޓްރީން އެ ކުންފުންޏާ ހަވާލުކޮށްފައިވާ ތަނެއް ކަމުން އެ ކުންފުނީގެ އަތުން އެތަން ނެގުމުގެ ބާރުވެސް އޮންނާނީ މިނިސްޓްރީއަށް ކަމަށެވެ. އަދި ހައުސިން މިނިސްޓްރީއާއެކު ސޮއިކޮށްފައިވާ އެއްބަސްވުމުގައި ވަކި މުއްދަތެއް ބަޔާން ކޮށްފައި ނެތް ކަމަށްވެސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު