މާލޭ ސިޓީ ކައުންސިލުން ޕާކިން ސްލޮޓްތައް ދޭނެ ފަރާތްތައް ކަނޑައަޅާފައި ވަނިކޮށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން އަންގައިގެން އަލުން ގުރުއަތުލުން ނަގަން ނިންމި ނިންމުމަށް، މާދަމާ ރޭ ގުރުއަތު ނެގުން ބާއްވަން ނިންމައިފިއެވެ.

މާލޭގައި އަގު ދައްކައިގެން ހަތަރު ފުރޮޅުލީ އުޅަނދުފަހަރު ޕާކުކުރުމަށް ހާއްސަކޮށް ހުޅުވާލި 211 ޖާގައަށް ކުރިމަތިލީ މީހުންގެ މެދުގައި މިމަހު ފަސް ވަނަ ދުވަހު ނެގި ގުރުއަތުލުމުގެ ކަންކަން ހުއްޓާލައި އަލުން އެކަން ކުރިއަށް ގެންދަން އޭސީސީން އެންގުމުން އަލުން ގުރުނެގުމަށް މާލޭ ސިޓީ ކައުންސިލުން ވަނީ ކުރިން ނިންމައިފައެވެ.

އެގޮތުން މާލޭ ސިޓީ ކައުންސިލުން ކުރިން ބުނީ އަލުން ގުރުއަތުލުމަށް ނިންމާފައިވާއިރު ކުރިން ނެގި ގުރުއަތުލުމުގެ ބައްދަލުވުމުގައި ހޮވިފައިވާ ފަރާތްތައް ކެންސަލު ކޮށްފައިވާ ކަމަށެވެ. ޕާކިން ސްލޮޓް ދޫކުރުމަށް އިދާރީ ގޮތުން ނިންމަން ޖެހޭ ކަންކަން ނިންމުމަށްފަހު އަލުން ގުރުއަތު ނެގުމުގެ ބައްދަލުވުން ބާއްވާނެ ދުވަހަކާއި ގަޑިއެއް ފަހުން އިއުލާނު ކުރާނެ ކަމަށް ސިޓީ ކައުންސިލުން ކުރިން ވަނީ ބުނެފައެވެ.

ސިޓީ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނީ ޕާކިން ސްލޮޓްގެ ގުރުއަތު ނެގުމުގައި ކުރިން ފާހަގަ ކުރެވުނު އިދާރީ މައްސަލަތައް ހައްލުކޮށް، ޕާކިން ސްލޮޓް ތަކުގެ ގުރުއަތުލުން މި މަހުގެ 21 ވާ އަންގާރަ ދުވަހުގެ ރޭ 9:00ގައި ކައުންސިލްގެ އާންމު ހިދުމަތްތަކާއި ބެހޭ ބައިގައި އޮންނާނެ ކަމަށެވެ. އަދި ޕާކިން ސްލޮޓްތަކަށް އެދި ފޯމު ހުށަހެޅި ހުރިހާ ފަރާތްތަކަށް އެ ގުރުއަތު ލުމުގައި އަމަލީ ގޮތުން ބައިވެރިވުމަށް ދައުވަތުވެސް ވަނީ ދީފައެވެ.

ޕާކިން ސްލޮޓުތައް ދޫކުރުމުގެ ގުރު ނެގުމުގެ ކަންކަން ކުރިއަށްގެންދިޔަ ގޮތާ މެދު ކަންބޮޑުވުން ފާޅުކޮށް އެމްޑީޕީ ކައުންސިލަރުން މީގެ ކުރިން ނެރުނު ބަޔާނުގައި ބުނެފައިވަނީ 211 ސްލޮޓަށް ކުރިމަތިލީ 969 ފަރާތުގެ ތެރެއިން އެ ގުރު ނަގާތަން ލޮލުން ދެކި، އަތުން ހިފުމަށް އެދޭ ފަރާތްތަކަށް އެ ފުރުސަތު އޮންނަންވާނެ ކަމަށާއި ގުރެއް ނަގާއިރު ގުރުގައި ބައިވެރިވާ ފަރާތްތަކަށް ހާޒިރު ނުވެވޭ ގޮތަށް އެކަން ކުރުމަކީ އައިބު ކަމެއް ކަމަށެވެ.

ގުރުއަތުލުން ކުރިއަށް ގެންދިޔައީ އެ މަސައްކަތް ކުރުމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އެކުލަވައިލި ކޮމިޓީއަށް ނޭނގި، އެ ކޮމިޓީގެ ބައިވެރިވުން ނެތި ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ. މި މައްސަލަ އޭސީސީއަށް ވެސް ހުށަހެޅީ އެމްޑީޕީގެ ފަރާތުންނެވެ.

ކުރިން ސަންގުޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނީ ގުރުއަތުލުމުގެ ކަންކަން ކުރިއަށް ގެންދެވުނީ އެންމެ ރަނގަޅުގޮތަށް ނޫން ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.