ކުރިއަށް އޮތް ދުވަސްތަކުގައި އެމްޓީސީސީއަށް ބުރިޖުވެސް އެޅޭނެ ކަމަށާއި ބައިނަލްއަގުވާމީ ބޮޑެތި މަޝްރޫއުތައްވެސް ހިންގޭނެ ކަމަށް އެކުންފުނީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
އެމްޓީސީސީއަށް 41 އަހަރު ފުރުން ފާހަގަކުރުމަށް މިރޭ ބޭއްވި ޖަލްސާގައި އާޒިމް ވިދާޅުވީ މި ސަރުކާރު އައި ފަހުން އެމްޓީސީސީއަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށެވެ. އެގޮތުން މީގެ ކުރިން މަދު މަޝްރޫއުތަކެއް ހިންގަމުން އައި އެމްޓީސީސީއަކީ މިއަދު ސަރުކާރުގެ އެންމެ ގިނަ މަޝްރޫއުތައް ހިންގަމުން އަންނަ ކުންފުނި ކަމަށެވެ.
އާޒިމް ވިދާޅުވީ އެމްޓީސީސީން މިހާރު ކުރިމަތިލާފައިވަނީ މުޅިން އެހެން މިސްރާބަކަށް ކަމަށާއި ކުންފުންޏަށް 50 އަހަރު ފުރޭ ރަން ޔޫބީލްގެ ތަސައްވުރު މިހާރު ކުރަހާފައިވާ ކަމަށެވެ. އެ ތަސައްވުރުގައި ވަނީ ކުރިއެރުން ކަމަށާއި އެގޮތުން އެމްޓީސީސީއަށް ބައިނަލްއަގުވާމީ މަަޝްރޫއުތަކާއި ބުރިޖުތައްވެސް އެޅޭނެ ކަމަށް ވިދާޅުވިއެވެ.
"މަނިކުފާނުގެ (ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު)ގެ ޒައާމަތުގައި މި ކުންފުނި (އެމްޓީސީސީ) އިން އަމާޒު ހިފާފައިވާ ކަންތައްތަކުގެ ތެރޭގައި، މި ކުންފުނިން ބުރިޖުވެސް އެޅޭނެ، ބައިނަލްއަގުވާމީ ބޮޑެތި މަޝްރޫއުތައްވެސް ހިންގޭނެ. އިންޓަނޭޝަނަލް ޑޮކްޔާޑްވެސް ގާއިމު ކުރެވޭނެ. ހައި ސްޕީޑް ފެރީތައްވެސް ގާއިމު ކުރެވެނީ" އާޒިމް ވިދާޅުވިއެވެ.
އާޒިމް އިތުރަށް ވިދާޅުވީ އެމްޓީސީސީގައި ތިބީ ގާބިލު އަދި މުރާލި މަސައްކަތަށް ފަރުވާތެރި މުވައްޒަފުން ކަމަށެވެ. އަދި އެމްޓީސީސީގައި މީގެ ތިން އަހަރު ކުރިން މަސައްކަތް ކުރަމުން އައީ 1،500 މުވައްޒަފުން ކަމަށާއި މިހާރު އެ އަދަދު 3،000 އަށް އިތުރުކުރެވިފައިވާ ކަމަށެވެ.
ކުރިއަށް އޮތް ދުވަސްތަކުގައި އެމްޓީސީސީއަށް ބުރިޖުވެސް އެޅޭނެ ކަމަށް އާޒިމް ވިދާޅުވެފައިވާ އިރު، މިރޭގެ ޖަލްސާގައި ރައީސް ސޯލިހުވެސް ވަނީ ބުރިޖާއި ކޯސްވޭތަކުން ރަށްރަށް ގުޅުވައިލުމަށް އެމްޓީސީސީން ތައްޔާރުވާންޖެހޭ ކަމަށް ވިދާޅުވެފައެވެ.
ރައީސް އިތުރަށް ވިދާޅުވީ، އެމްޓީސީސީގެ އަމާޒު ބަދަލު ކުރަންޖެހޭ ކަމަށާއި ބައިނަލް އަގުވާމީ ޕްރޮޖެކްޓްތަކާ ދިމާލަށް މިސްރާބު ބަދަލުކުރަން ޖެހޭ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު