އެމްޓީސީސީގެ ކެޕޭސިޓީ އިތުރު ކުރެވިފައިވާ ކަމަށާއި އެތައް ގުނައަކުން މަސައްކަތުގެ ސްޕީޑް މިހާރު އަވަސް ވެފައިވާ ކަމަށް އެކުންފުނީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
އެމްޓީސީސީގެ 41 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް މިރޭ ބޭއްވި ޖަލްސާގައި އާޒިމް ވިދާޅުވީ އެމްޓީސީސީގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާ ކަމަށާއި އެމްޓީސީސީގެ ވަޒީފާތަކުގައި މިހާރު ތިބޭނީ އެކަމަށް އެންމެ ގާބިލު މުވައްޒަފުން ކަމަށެވެ.
އާޒިމް ވިދާޅުވީ 2018 ވަނަ އަހަރު އެމްޓީސީސީން އެއްފަހަރާ ހިންގަމުން އައީ 25 ވަރަކަށް މަޝްރޫއު ކަމަށާއި ނަމަވެސް ކެޕޭސިޓީ މިހާރު އިތުރުކޮށް އެއް ފަހަރާ 64 މަޝްރޫއު ހިންގުމުގެ ގާބިލުކަން މިހާރު އެމްޓީސީސީގައި އެބަހުރި ކަމަށެވެ.
"މިހާރު އެއްފަރާ 94 މަޝްރޫއެއްގައި ހަރަކާތްތެރި އެބަވަން، އަދި 64 މަޝްރޫއެއްގެ މަސައްކަތް އެބަކުރަން" އާޒިމް ވިދާޅުވިއެވެ.
އެމްޓީސީސީން މަސައްކަތް ކުރާ ސްޕީޑު ވެސް އަވަސްކޮށްފައިވާ ކަމަށާއި އެގޮތުން އެ ކުންފުންޏަށް ކުރިން ބަނދަރެއް ހެދެނީ ތިން އަހަރުން ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް މިހާރު އެ މުއްދަތު އެއް އަހަރަށް ކުޑަކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
"މީގެ ކުރިން މި ކުންފުންޏަށް ބަނދަރެއް ހެދެނީ ތިން އަހަރުން. އެ ސްޕީޑު މިއަދު މިވަނީ އެއް އަހަރަށް ބަދަލުކޮށްފަ. އެއް އަހަރު ތެރޭގައި ހަދާ ނިންމި ހިމަންދޫ ބަނދަރު، އިއްޒަތްތެރި ރައީސް ވަނީ ހުޅުވާދެއްވައި، އެ ޝަރަފު އަޅުގަނޑުމެންނަށް ދެއްވައިފަ،" އާޒިމް ވިދާޅުވިއެވެ.
އާޒިމް ވިދާޅުވީ އެމްޓީސީސީއަކީ ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުގެ އެންމެ މުހިންމު ބައިވެރިޔާ ކަމަށާއި އެމްޓީސީސީން މަސައްކަތް ކުރާނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އިރުޝާދާ އެއްގޮތަށް އަވަހަށް މަޝްރޫއުތައް ނިންމުމަށް ކަމަށެވެ.
"މަޝްރޫއެއް ނުހިންގާ، އެންމެ އަތޮޅެއް އެންމެ ރަށެއް ރާއްޖެއަކު މިހާރު ނޯންނާނެ" އާޒިމް ވިދާޅުވިއެވެ.
އާޒިމް އިތުރަށް ވިދާޅުވީ އެމްޓީސީސީގައި މީގެ ތިން އަހަރު ކުރިން މަސައްކަތް ކުރަމުން އައީ 1،500 މުވައްޒަފުން ކަމަށާއި މިހާރު އެ އަދަދު 3،000 އަށް އިތުރުކުރެވިފައިވާ ކަމަށެވެ. އަދި އެމްޓީސީސީއަކީ ރައްޔިތުންނާއި ސަރުކާރުގެ އިތުބާރު ލިބިފައިވާ ކުންފުންޏަކަށް ބަދަލުކުރެވިފައިވާ ކަމަށްވެސް އާޒިމް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު