އެމްޓީސީސީގެ އަމާޒު ބަދަލު ކުރަންޖެހޭ ކަމަށާއި ބައިނަލް އަގުވާމީ ޕްރޮޖެކްޓްތަކާ ދިމާލަށް މިސްރާބު ބަދަލުކުރަން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެމްޓީސީސީގެ 41 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އެމްޓީސީސީގެ މިސްރާބު މުޅިން އެހެން އަމާޒަކަށް ސީދާކުރަންވީ ވަގުތު ޖެހިފައިވާ ކަމަށާއި އެއީ ތަރައްގީގެ މަޝްރޫއުތަކުގެ ހަގީގީ ނަތީޖާ ހާސިލުކުރުމާ ގުޅިފައިވާ އެހެން ހިދުމަތްތައް ގާއިމުކުރުން ކަމަށެވެ.

އެންޓީސީސީގެ އަމާޒަކަށް ދެން ވާންވީ ބައިނަލް އަގުވާމީ ޕްރޮޖެކްޓްތަކާ ދިމާލަށް މިސްރާބު ޖެހުން. އެކަމުގެވެސް ހިޔާލު ކުންފުނީގައި ގެންގުޅުއްވާތީ އެކަމަށްޓަކައި ކުންފުނީގެ ހިންގުންތެރިންނަށް ޝުކުރުއަދާ ކުރަން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރަށްރަށުގެ މަގުތައް ރަނގަޅު ފެންވަރަށް ހެދުމަކީ ވެސް، މިހާރު އިތުރަށް ސަމާލުކަން ދޭންޖެހިފައިވާ ވަރަށް މުހިންމު މަސައްކަތެއް ކަމަށާއި މިހާރުވެސް އެމްޓީސީސީން އެފަދަ މަޝްރޫއުތައް ހިންގަމުން އަންނަ ކަމަށެވެ. ނަމަވެސް އިތުރު ހިތްވަރަކާއެކު އިތުރު މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށް ދެކިވަޑައިގަންނަވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އަޅުގަނޑުވެސް އަދި ދިވެހި ރައްޔިތުންވެސް މިއަދު ގަބޫލުކުރަނީ، އެމްޓީސީސީއަކީ އެކަމަށް އެންމެ ގާބިލު އަދި އެންމެ އިތުބާރުކުރެވޭ ކުންފުނިކަމަށް. ކޮންމެހެން ބޭރު ބަޔަކާ ހަވާލު ނުކުރިޔަސް، އެފަދަ މަޝްރޫއުތައް ދިވެހިންނަށް ހިންގޭނެ. އެ މަސައްކަތްތައް މެކުހަށް ޖެހުމަށްޓަކައި، މި ކުންފުނީގެ އިންސާނީ ވަސީލަތްތައް ވެސް އިތުރަށް ތަރައްގީކުރަންޖެހޭނެ. ކުންފުނީގެ ހަކަތަ އިތުރުކޮށް، ދިވެހިންގެ ދާ އޮހޮރުވައިގެން ހޯދާ ކާމިޔާބީ މާ ފޮނިވާނެ،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ގައުމުގެ ހިންގުންތެރިކަމުގެ ދާއިރާއަށް ބޭނުންވާ އިންސާނީ ވަސީލަތް ތަރައްގީކުރުމުގައި އެމްޓީސީސީއަކީ ވެސް، ވަރަށް މުހިންމު މަސައްކަތްތަކެއް ކުރާ ކުންފުންޏެއް ކަމަށާއި އެގޮތުން އެ ކުންފުނިން ހިންގާ ހުނަވަރު ޓެކްނިކަލް ސްކިލްސް ޕްރޮގްރާމްގެ ދަށުން، ތިން އަހަރުގެ ތެރޭގައި 100 މީހުން ތަމްރީންކުރަން އަމާޒު ހިފާފައިވާ ކަމަށެވެ. އަދި އެފަދަ ޕްރޮގްރާމުތައް ހިންގަނީ ދިވެހި ޒުވާނުންނަށް ފުރުސަތުތައް ހޯދައިދިނުމަށް ކަން ވެސް ރައީސް ފާހަގަކުރެއްވިއެވެ.