އެމްޓީސީސީގެ މިސްރާބު މުޅިން އެހެން އަމާޒަކަށް ސީދާކުރަންވީ ވަގުތު ޖެހިއްޖެ ކަމަށާއި އެގޮތުން ކައިރީގައި ހުރި ރަށްރަށް ބުރިޖަކުން ނުވަތަ ކޯޒްވޭއަކުން ވިޔަސް ގުޅުވައިލުމަށް ތައްޔާރުވާން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އެމްޓީސީސީގެ 41 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ރައްޔިތުންނަށް އަސާސީ ހިދުމަތްތައް ދިނުމަށް ސަރުކާރުން އެކަށައަޅާ ސިޔާސަތުތައް ތަންފީޒުކުރުމުގައި، ސަރުކާރުގެ ކުންފުނިތަކުން އަންނަނީ ވަރަށް މުހިންމު ދައުރެއް އަދާކުރަމުން ކަމަށެވެ. ހާއްސަކޮށް އަސާސީ ހިދުމަތްތަކާ ގުޅިފައިވާ ކުންފުނިތަކުގެ ދައުރު ވަކިން ބޮޑު ކަމަށެވެ.
"އަޅުގަނޑުގެ ނަޒަރުގައި މިހާރު މިއޮތީ މި ކުންފުނީގެ މިސްރާބު މުޅިން އެހެން އަމާޒަކަށް ސީދާކުރަންވީ ވަގުތު ޖެހިފައި. ދެން ރާއްޖޭގެ އަތޮޅުތަކުގެ އުމްރާނީ ތަރައްގީއަށްޓަކައި ކުރަންޖެހޭނެ ކަންތައްތަކުގެ ގޮތުގައި އަޅުގަނޑަށް ގަބޫލު ކުރެވެނީ މަގުތައް ހެދުމާއި އެއްރަށް އަނެއްރަށް ކަނޑުމަގުން ގުޅުމާއި ބްރިޖާއި ކޯސްވޭތަކުން ގުލައިލުން. މިކަމަށް އެމްޓީސީސީން ތައްޔާރުވާންޖެހޭ،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނުގެ އެދުމަކީ ޒަމާނީ ޓެކްނޮލޮޖީ އާއި ތަމްރީނު ހޯދައިގެން އެކަމަށް ތައްޔާރުވުން ކަމަށެވެ. އެމަނިކުފާނުގެ ފުރިހަމަ އިތުބާރު އެމްޓީސީސީއަށް އެބައޮތް ކަމަށްވެސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރައްޔިތުންގެ އަސާސީ ހިދުމަތްތައް މިހާރު އެ އަންނަނީ ރަށްރަށުގައި ފުރިހަމަވަމުން ކަމަށާއި ބޯފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމާއި ބަނދަރު ހެދުމުގެ މަޝްރޫއުތަކާއި ރަށްރަށުގެ ރައްޔިތުންނަށް ކަރަންޓުގެ ހިދުމަތް ދިނުމުގެ މަޝްރޫއުތައް ވެސް ނިމުމުން އަންނަ ކަމަށެވެ. އަދި ކޮވިޑުގެ ފުރަތަމަ އަހަރުގެ ތެރޭގައި ވެސް އެމްޓީސީސީގެ ހަރަކާތްތައް ހުއްޓުމެއް ނެތި ކުރިއަށްދިޔަ ކަން ވެސް ރައީސް ފާހަގަކުރެއްވިއެވެ.
"ކޮވިޑުގެ ދަތިތަކާ އެކުގައިވެސް، އަޅުގަނޑުމެން މިހާރު މިވަނީ އިގުތިސާދީ ހަރަކާތްތައް އަލުން ފަށާފައި. އެހެންކަމުން، ކުރިއަށް މިއޮތް ދުވަސްތަކުގައި މި ކުންފުނީގެ ހިދުމަތްތައް އިތުރަށް ފުޅާވެ، ކުންފުނީގެ ދުވެލި މާބޮޑަށް ހަލުވިވެގެންދާނެ ކަމަށް އަޅުގަނޑު އުންމީދުކުރަން،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ އާންމު ރައްޔިތުން ބޭނުންވާ އެންމެ މުހިންމު ހިދުމަތްތަކާ އެންމެ ބޮޑަށް ގުޅިފައިވާ ކުންފުންޏަކީ އެމްޓީސީސީއޭ ދެންނެވުން ދޮގަކަށް ނުވާނެ ކަމަށާއި ރާއްޖޭގެ އިގުތިސާދީ ދާއިރާގައި ރައްޔިތުންނަށް މަގުފަހިކޮށްދިނުމުގައި އެ ކުންފުނިން ކުރަމުން އަންނަނީ ތައުރީފު ހައްގު މަސައްކަތްތަކެއް ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު