ފުރަމާނަ ދަތުރުފުޅެއްގައި ރާއްޖެއަށް ޒިޔާރަތް ކުރެއްވުމަށް ހަމަޖެހިފައިވާ ބަންގްލަދޭޝްގެ ބޮޑުވަޒީރު، ރައްޔިތުންގެ މަޖިލިސް ތަޅުމުގައި ތަގުރީރު ކުރެއްވުމަށް، މަޖިލީހަށް ވަޑައިގެންދެއްވުމަށް އެދި ދައުވަތު އެރުވުމުގެ މައްސަލައަށް ގޮތެއް ނިންމުމަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް މާދަމާ ބާއްވަން މަޖިލިސް އިދާރާއިން ނިންމައިފިއެވެ.
މަޖިލީހުގެ އިދާރާއިން ބުނީ މާދަމާގެ ޖަލްސާއަކީ ދައުރުން ބޭރުން ބާއްވާ ޖަލްސާއެއް ކަަމަށެވެ. މާދަަމާގެ ޖަލްސާ ފެށުމަށް ހަމަޖެހިފައި ވަނީ 11:00 ގައެވެ.
މާދަމާގެ ޖަލްސާގެ އެޖެންޑާގައި އޮތީ، ފުރަމާނަ ދަތުރުފުޅެއްގައި ރާއްޖެއަށް ޒިޔާރަތް ކުރެއްވުމަށް ހަމަޖެހިފައިވާ ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިހު ހަސީނާ ރައްޔިތުންގެ މަޖިލީހަށް ޒިޔާރަތްކުރައްވައި ރައްޔިތުންގެ މަޖިލީހުގައި ތަގުރީރު ކުރެއްވުމަށް މަޖިލީހަށް ވަޑައިގެންދެއްވުމަށް ދައުވަތު އެރުވުމުގެ މައްސަލައަށް ގޮތެއް ނިންމުމެވެ.
އޭގެ އިތުރުން ވޯޓުން ނިންމާ ހިސާބަށް ގޮސްފައިވާ ކަންކަމަށް ވޯޓަށް އެހުން އޮންނާނެ ކަމަށްވެސް އެޖެންޑާގައި ވެއެވެ.
މިއަހަރަށް މަޖިލީހުގެ މަސައްކަތްތައް ނިންމައި މަޖިލިސް އަހަރީ ޗުއްޓީގައި އޮތް އިރު، މިއީ މި ޗުއްޓީގެ ތެރޭގައި ދައުރުން ބޭރުން ބާއްވާ ދެވަނަ މަޖިލިސް ޖަލްސާއެވެ.
މިދިޔަ ބުރާސްފަތި ދުވަހު ދައުރުން ބޭއްވި މަޖިލިސް ޖަލްސާގައި އޮތީ އެންޓިކޮރަޕްޝަން (އޭސީސީ) ގެ މެންބަރުން ވަކި ކުރުމާބެހޭގޮތުން ހުށަހެޅި މައްސަލައެވެ. އެދުވަހު އެ މައްސަލަ އިތުރަށް ދިރާސާ ކުރުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވުމުން އެ ކަމުގައި ލިޔުމުން ޖަވާބުދާރީ ވުމަށް އެ ކޮމިޝަންގައި ތިއްބެވި މެންބަރުންނަށް ވަނީ ފަސް ދުވަހުގެ މުއްދަތެއް ދީފައެވެ.
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް