ކޯލިޝަނަކާ ނުލައި އަންނަ ރިޔާސީ އިންތިހާބު މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)އަށް ކާމިޔާބުކުރެވޭނެ ކަމަށް އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނިއުސްކޮންފަރެންސްގައި ނާޒިމް ވިދާޅުވީ، ކޯލިޝަނަކީ ދަންނަ އެއްޗެއް ނޫން ކަމަށާއި، އެއީ ގާނޫނުއަސާސީ ވެސް ދަންނަ އެއްޗެއް ނޫން ކަމަށެވެ. ނަމަވެސް ރާއްޖޭގެ ސިޔާސީ މަސްރަހުގައި ކަންތައްތައް ދިމާވާގޮތުން މިހާތަނަށް ކޯލިޝަން ހަދަން ޖެހޭކަމަށް ވެސް ވިދާޅުވިއެވެ.

ނަމަވެސް ރާއްޖޭގެ ސިޔާސީ މަސްރަހުން މިހާރު ފެންނަ މަންޒަރުތަކަށް ބަލާއިރު ކޯލިޝަނަކާ ނުލައި އެމްއެންޕީއަށް ރިޔާސީ އިންތިހާބު ކާމިޔާބުކުރެވޭނެ ކަމަށް ނާޒިމު ވިދާޅުވީއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ މައްޗަށް ކުރި ޖަލު ހުކުމުން މިނިވަންވެ ވަޑައިގެން ސިޔާސީ މައިދާނަށް ނުކުންނަވާފައިވާ އިރު، އެކަމުގެ ސަބަބުން އެއްވެސް މާޔޫސްކަމެއް ކުރިމަތިވެދާނެތޯ ނޫސްވެރިޔަކު ކުރި ސުވާލުގެ ޖަވާބުގައި ނާޒިމް ވިދާޅުވީ، ރައީސް ޔާމީން އެގޮތަށް ނުކުމެވަޑައިގަތުމަކީ މައްސަލައެއް ނޫން ކަމަށެވެ.

ޖުޑީޝަރީގެ ނިންމުމަކީ އެންމެން ބަލައިގަންނަންޖެހޭ ނިންމުމެއް ކަމަށާއި ކޮންމެ ބޭފުޅެއްވެސް ސިޔާސީ މަސްރަހުގައި މަސައްކަތް ކުރުމަކީ އުފާކުރައްވާ ކަމެއް ކަމަށެވެ. އަދި ވަކި ބޭފުޅަކު މިނިވަންވުމަކީ ނުވަތަ ވަކި ބޭފުޅަކު ނެތުމަކީ މާޔޫސްވާންޖެހޭ ކަމެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ.

އެމްއެންޕީގެ ނާއިބު ރައީސް އަދި ތިމަރަފުށީ ދާއިރާގެ މަޖިލިސް މެންބަރު އަބުދުﷲ ރިޔާޒު ވިދާޅުވީ، ކޯލިޝަން ނަހަދައި ވެސް ރާއްޖޭގެ ވެރިކަމަށް އާދެވޭނެ ކަމަށެވެ. އެއީ އިންތިހާބުގައި ވާދަކުރާ ފަރާތްތަކުގެ ތެރެއިން ފުރަތަމަ ބުރުގައި އެއްވަނައަށްދާ ކެންޑިޑޭޓާއި ދެވަނައަށްދާ ކެންޑިޑޭޓް ދެވަނަ ބުރުގައި ވާދަކޮށްފިނަމަ ކޯލިޝަނަކާ ނުލައި އިންތިހާބުކުރެވޭނެ ކަމަށް ރިޔާޒު ވިދާޅުވިއެވެ.