ކ މާފުށީ ޕިކްނިކް އައިލެންޑްގެ ބިން ހިއްކުމުގެ މަސައްކަތް ނިމިއްޖެއެވެ.
މި ތަނަކީ، މާފުށީ އިރު އުތުރުގައި އޮތް "ވައްމާފުށި" ކިޔާ ފަޅުރަށް ސުނާމީގައި އެއްކޮށް ގިރާލުމާ ގުޅިގެން އެރަށުގެ ރައްޔިތުންގެ އެދުމުގެ މަތީން ހިއްކައިދިން ރަށެކެވެ.
ވައްމާފުށްޓަކީ މާފުށީގެ އިރު އުތުރު ކަންމަތީގައި އޮތް ކުޑަކުޑަ ފަޅުރަށެކެވެ. މާފުށީ ފަޅުގައި އޮތް ގާތްގަނޑަކަށް ދޮޅު ހެކްޓަރުގެ އެ ރަށަކީ މާފުށީ ރައްޔިތުންގެ އިތުރުން މާލެއިންނާއި އެހެން ރަށްރަށުން ވެސް ގިނަ އަދަދެއްގެ ރަށްޔިތުން ދަތުރުގޮސް އުޅުނު ރަށެކެވެ. އެ ރަށް ގިރާލީ 2004 ވަނަ އަހަރު މުޅި ރާއްޖެ ދޮވެލި ސުނާމީގަ އެވެ.
މި މަސައްކަތުގެ ކޮންޓްރެކްޓަރު، އެމްޓީސީސީން މިއަދު ބުނީ، މާފުށީ ޕިކްނިކް އައިލެންޑްގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ދަށުން، ބިން ހިއްކުމުގެ މަސައްކަތް ނިމިފައިވާ ކަމަށެވެ. އަދި ގޮނޑުދޮށް ހިމާޔަތްކުރުމަށް ބޭނުންވާ ބޮޑުހިލައިގެ ފުރަތަމަ ޝިޕްމަންޓް ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައިވާ ކަމަށެވެ.
މި މަޝްރޫއުގެ ތެރޭގައި ދެ ހެކްޓަރުގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ހިމެނޭ ކަމަށާއި މިއީ 10.8 މިލިއަން ރުފިޔާގެ މަޝްރޫއެއް ކަމަށްވެސް އެމްޓީސީސީން ބުންޏެވެ.
މިއީ ޕިކްނިކް އައިލެންޑްގެ ގޮތުގައި އެމްޓީސީސީން ބިން ހިއްކާ ތިން ވަނަ މަޝްރޫއެވެ.
އެގޮތުން އެމްޓީސީސީން ވަނީ ކ. ގުރައިދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ތެރެއިން ކ. ގުރައިދޫ ޕިކްނިކް އައިލެންޑް ހިއްކައިފައެވެ. މީގެ އިތުރުން މާލޭ ސަރަހައްދުގައި ޕިކްނިކް އައިލެންޑްގެ ގޮތުގައި ތަރައްގީ ކުރާ ކ. ކުޑަގިރި ޕިކްނިކް އައިލެންޑްގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީން ވަނީ ފަށައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު