މިދުވަސްވަރު މެދުރާއްޖެއާއި އުތުރަށް ދުންފިނި ބޯވެފައިވާ ކަން ފާހަގަކުރެވިފައިވާ ކަމަށާއި އެއީ އިރުވަޔަށް ވައި ބަދަލުވާއިރު އާންމުކޮށްވާ ކަމެއް ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ, މެޓް އޮފީހުން ބުނެފިއެވެ.
ވޭތުވެދިޔަ ތިން ވަރަކަށް ދުވަހު ރާއްޖޭގެ އެކި ސަރަހައްދުތަކުގެ ޖައްވު ފެންނަނީ ވަރަށްވެސް ފުސްކޮށެވެ. މާލޭގައި ތިބޭ އިރު ހުޅުމާލެ އަދި ވިލިމާލޭގެ އިތުރުން ބަނދަރު ބޭރުގައި ހުންނަ ސަފާރީތައް ވެސް ފެންނަނީ ވަރަށް ފުސްކޮށެވެ.
އެކަމާ ގުޅިގެން "ވަން" އިން ސުވާލުކުރުމުން މެޓް އޮފީހުގެ އޮފިޝަލަކު ވިދާޅުވީ, މިދުވަސްވަރު ދުންފިނި ބޯވެފައިވާ ކަން ފާހަގަކުރެވިފައިވާ ކަމަށާއި ނަމަވެސް އެއީ ކޮންމެ އަހަރެއްގެވެސް އިރުވަޔަށް ވައި ބަދަލުވާއިރު ވާ ކަމެއް ކަމަށެވެ. އަދި މީގެ ކުރީން, މިއަށްވުރެވެސް ދުންފުނި ބޯވެފައިވާ ދުވަސްވަރު އައިސްފައި އެބަހުރި ކަމަށް އޮފިޝަލު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ, މިހާރު ހުރި ވަރުން, ފްލައިޓް އޮޕަރޭޝަންތަކަށް އެއްވެސް ދަތިކަމެއް އަންނާނެ ކަމަށް ނުބެލެވޭ ކަމަށެވެ. އަދި ވާރޭ ވެހުމުން ދުންފިނީގެ އަސަރު ފިލައިގެންދާނެ ކަމަށާއި ނަމަވެސް ފުންފިނި އަލިކުރާނެ ދުވަހެއް ދަންނަވަން އަދި ނޭނގޭ ކަމަށް ވިދާޅުވިއެވެ.
އޮފިޝަލު އިތުރަށް ވިދާޅުވީ، ދުންފުނި އާންމުކޮށް އުފެދެނީ އިރުވަޔަށް ވައި ބަދަލުވާއިރު، ނަމަވެސް ހުޅަނގަށް ވައި ބަދަލުވާއިރުވެސް ދުންފުނި ފެންނަ ކަމަށެވެ. އަދި ދުންފުނި ބޯވަނީ، އިރު އިތުރުގައި އޮންނަ ބޮޑު ބިމުގެ ސަރަހައްދުން ވައި އަންނާތީ ކަމަށްވެސް ވިދާޅުވިއެވެ.
ނަކަތް ކަލަންޑަރުން ބަލާ ނަމަ, މިހާރު މިދަނީ އިރުވައި މޫސުމުގެ ފުރަތަމަ ނަކަތް ކަމަށް ވާ މުލަ ނަކަތް ނިމޭށެވެ. މުލަ ނަކަތް ގުނަނީ ޑިސެމްބަރު 10 އިން 22 އަށެވެ. ދެވަނަ ނަކަތް ކަމަށް ވާ ފުރަހަޅަ ފެށޭނީ ޑިސެމްބަރު 23ގައެވެ.
ނަމަވެސް މެޓް އޮފީހުގެ އޮފިޝަލު ވިދާޅުވި ގޮތުގައި, ރާއްޖޭގެ އުތުރަށް އިރުވައި މޫސުން ފެށިފައިވާ ކަމަށް, ބަލާ މިންގަނޑުތަކުން ނުފެންނާތީ މިއީ އިރުވައި މޫސުން ކަމަށް މެޓް އޮފީހުން އަދި ކަނޑައަޅާފައި ނުވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު