އިންޑިޔާގައި ގަވައިދާ އެއްގޮތަށް ދިވެހި ކިތަންމެ ސިފައިންނެއް މިވަގުތުވެސް އެބަތިބި ކަމަށާއި، އެކަމުން އިންޑިއާގެ އިސްތިގުލާލަށް އެއްވެސް އުނިކަމެއް އަތުވެދާނެތޯ، ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ސުވާލު ކުރައްވައިފިއެވެ.

ސަލީމް މިގޮތަށް ސުވާލު ކުރެއްވީ، އިދިކޮޅު ޕީޕީއެމް ޕީއެންސީން އިންޑިއާ އައުޓްގެ ނަމުގައި، ރާއްޖޭގައި ތިބި އިންޑިއާ ސިފައިންނާ ދެކޮޅަށް ކުރިއަށް ގެންދާ ހަރަކާތަށް ނިސްބަތް ކުރައްވައެވެ.

އިންޑިއާ އައުޓުގެ ނަމުގައި، އިދިކޮޅު ފަރާތްތަކުން ކުރިއަށްގެންދާ ހަރަކާތުގެ ދަށުން މިދިޔަ ހުކުރު ދުވަހުވެސް ވަނީ މާލޭގައި ސައިކަލު ބުރެއް ބާއްވަން މަސައްކަތް ކޮށްފައެވެ. އެ ކެމްޕެއިންގެ ދަށުން ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމުވެސް ވަނީ ކ. ތުލުސްދޫއަށް ދަތުރު ކުރައްވައިފައެވެ.

އެ ދަތުރުގައި ތުލުސްދޫގައި ވާހަކަފުޅު ދައްކަވަމުން، ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާމެދު ފެންނަ ނުފެންނަ ވޯޓެއް ނަގަން ރައީސް ޔާމީން ވަނީ ގޮވާލައްވައިފައެވެ.

މެންބަރު ސަލީމް ވިދާޅުވީ އަސްކަރީ ގުޅުމުގެ ތެރެއިން އެއް ގައުމެއްގެ ސިފައިން އަނެއް ގައުމެއްގައި ތިބުމަކީ މިޒަމާނުގަައި އާންމު ކަމެއް ކަމަށެވެ.