އެސްޓީއޯ

އެސްޓީއޯއިން ނެރޭ އަންނަ އަހަރުގެ ކަލަންޑަރު ދިވެހި އަދަބީ ބަސް ދިރުވުމަށް ހާއްސަ

އައިޝަތު ނިއުޝާ

އެސްޓީއޯ އިން 2022 ވަނަ އަހަރަށް ތައްޔާރުކުރި ދިވެހިވަންތަ ކަލަންޑަރު ތައާރަފުކޮށްފިއެވެ.

އެސްޓީއޯ އިން އަންނަ އަހަރަށް ތައްޔާރު ކުރި ކަލަންޑަރު ތައާރަފުކޮށްފައިވަނީ، އިއްޔެ ހަވީރު އާޓިފިޝަލް ބީޗްގައި ބޭއްވި ކުޑަކުދިންގެ ހަވީރުގައެވެ. އެ ކަލަންޑަރު ތައާރަފު ކޮށްދެއްވީ އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު މުހައްމަދު ރަޝާދެވެ.

އެސްޓީއޯގެ ހުނަރުވެރި މުވައްޒަފުން ފަރުމާ ކުރާ ހާއްސަ ކަލަންޑަރެއް ކޮންމެ އަހަރަކު ވެސް އެ ކުންފުނީން ނެރެއެވެ. އެގޮތުން އަންނަ އަހަރުގެ ކަލަންޑަރުގައި ވަނީ ދިވެހިވަންތަ ތަސައްވުރެކެވެ. އެސްޓީއޯ އިން ބުނީ، އެއީ ދިވެހި އަދަބީ ބަސްތައް ދިރުވައި އާލާކުރުމުގެ މަގުސަދުގައި ތައްޔާރުކޮށްފައިވާ ކަލަންޑަރެއް ކަމަށާއި، އަދި އެ ކަލަންޑަރުގެ ގަނޑުތަކުން ހިޔާލީ ދުނިޔެއަކަށް ފީނާލެވޭނެ ކަމަށެވެ.

މި ރަސްމިއްޔާތުގައި އަމްރު ވިދާޅުވީ، ދުނިޔޭގެ އެހެން ގައުމުތަކުގެ ބަސްތަކުގައި ވެސް އަދަބީބަސް ބޭނުންކޮށް އުޅޭ ކަމަށާއި، އެފަދަ ބަސްތައް އުފެދިފައި ހުންނަނީ ވަރަށް ގިނަ ބައެއްގެ ތަޖުރިބާތަކުގެ ތެރެއިން ކަމަށެވެ. އެގޮތުން 2022 ވަނަ އަހަރުގެ ކަލަންޑަރު އަދަބީ ބަހަށް ހާއްސަކޮށްގެން ނެރެން ނިންމާފައިވަނީ، މިހާރު ދިވެހިންގެ ތެރޭގައި ބޭނުންކުރާ ހަރުބަސްތަކާއި މިސާލުބަސް ތަކަކީ ކުރީއްސުރެ އުފެދިގެން އައިސްފައިވާ ބަސްތަކެއް ނަމަވެސް، ދުނިޔެ ބަދަލުވެ އާ ކަންތައްތައް ތައާރަފުވަމުން އަންނައިރު، އަދަބީބަހަކީ ވެސް އާ ވަމުން އަންނަ އެއްޗަކަށް ވުމަކީ މުހިއްމު ކަމެއްގެ ގޮތުގައި ދެކެވަޑައިގަންނަވާތީ ކަމަށެވެ. އަދި އާ މިސާލުބަސްތަކާއި ހަރުބަސްތައް އިތުރަށް އުފައްދަން ޖެހޭ ކަމަށް ވެސް އަމްރު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި އެސްޓީއޯ އިން ވަނީ ކުޑަކުދިންނަށް ހާއްސަ އަދަބީ ބަސް ފޮތެއް ވެސް ނެރެފައެވެ.