ގަމު ކައުންސިލުން މުޅި ލ. އަތޮޅަށް ހުޅުވާލައިގެން ބޭއްވި ގަމު ފުޓުބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ލ. މާބައިދޫ ކައުންސިލުން ހޯދައިފިއެވެ.
އިއްޔެ ހަވީރު ގަމު ޒޯން ސްޓޭޑިއަމުގައި ކުޅުނު ފޯރިގަދަ ފައިނަލް މެޗުގައި މާބައިދޫން ލ. ގަމު ތުނޑީ ގޯޅި ސްޕޯޓްސް ކްލަބު ބަލިކުރީ 4-0ގެ ނަތީޖާއަކުންނެވެ. ޒޯން ސްޓޭޑިއަމްގެ ސިޑިބަރީގެ އިތުރުން މުޅި ސަރަހައްދުގައިވެސް ސަޕޯޓަރުން ފުރާލާފައި އިއްޔެ އޮތް އިރު، ފައިނަލް މެޗު ޝަރަފުވެރި ކޮށްދެއްވީ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފެވެ.
ސަޕޯޓަރުންގެ ބެރު ދުންމާރީގެ ބާރު އަޑާއެކު މެޗު ފެށިގެން، ކުރީކޮޅުގައި ފެނުނީ ދާދި ހަމަހަމަ ކުޅުމެކެވެ. ފައިނަލެއްގެ ޕްރެޝަރުގައި މެޗު ދަނިކޮށް، އޮއިވަރު ބަދަލުވެގެން ދިޔައީ ފުރަތަމަ ހާފުގައި މާބައިދޫގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ، ޖާޒީ ނަންބަރު 12 މުހައްމަދު ވަހީދަށް ދެއްކި ރަތް ކާޑާ އެކުގައެވެ. އެ ރަތް ކާޑާއެކު މާބައިދޫ ސަޕޯޓަރުންނާއި ކުޅުންތެރިން އަދި އޮފިޝަލުންވެސް ވަރަށް ބޮޑަށް ރެފްރީއަށް ޝަކުވާކޮށް، ނުރުހުން ފާޅު ކޮށްފައިވެއެވެ.
މާބައިދޫގެ ކުޅުންތެރިޔަކު މަދުވުމާއެކުވެސް އެޓީމުން ފަހަތަށް ޖެހުމުގެ ވިސްނުމެއް ނެތެވެ. ކުރިއަށް ޖެހި އެޓޭކް ކުރުމުގައި މާބައިދޫ ފެނުނީ އާދަޔާހިލާފު ވަރުގަދަކޮށެވެ. ހާއްސަކޮށް ކޮންމެ ސެޓްޕީސްއެއްގައި މާބައިދޫން ގޯޅީގެ ގޯލަށް ނުރައްކާ ކުރިތަން ފެނިގެން ދިޔައެވެ. މެޗުގައި ހިތްވަރާއެކު ކުޅުނު މާބައިދޫގެ ގޯލުތައް އަބްދުﷲ ފަރީސްއާއި ޝާފިއު ރަޝީދު އަދި އިބްރާހިމް (ޓާގެޓް) ޖަހައިދިން އިރު، ފަރީސް ވަނީ މެޗުގައި ދެ ގޯލު ޖަހައިފައެވެ.
އިއްޔެގެ ފައިނަލް މެޗުގައި މާބައިދޫން ދެ ގޯލު ޖަހާފައި ވަނިކޮށް ގޯޅިއަށް ވަނީ ޕެނަލްޓީއެއްވެސް ލިބިފައެވެ. ގޯޅީގެ ޑިފެންޑަރު އަބްދުﷲ ޝުއާއު ޖެހި ޕެނަލްޓީ މާބައިދޫ ގޯލްކީޕަރު ވަނީ ހުށިޔާރުކަމާ އެކު މަތަކޮށްފައެވެ.
މުބާރާތް ނިންމުމަށްފަހު ގަމު ކައުންސިލުން ވަނީ އެހީތެރިކަން ފޯރުކޮށްދެއްވި ޔޫތު މިނިސްޓްރީގެ އިތުރުން ގަން ޕޮލިސް އަދި އެމްޓީސީސީއަށްވެސް ހަނދާނީ ލިޔުން އަރުވައިފައެވެ. އޭގެ އިތުރުން މުބާރާތުގެ އެކިއެކި މަގާމުތަކަށް ޓްރޮފީއާއި ހަނދާނީ ލިޔުން ދީފައިވާ އިރު، މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ މާބައިދޫގެ މުހައްމަދު އަމީނެވެ.
އެންމެ މޮޅު ގޯލްކީޕަރުގެ މަގާމު ގޯޅީގެ ޒައިދާން އަބްދުﷲ ހޯދި އިރު، އެންމެ އުންމީދީ ކުޅުންތެރިޔަކަށް ހޮވުނީ ފޮނަދޫ ކައުންސިލްގެ އިސްމާއީލް އަފާޒެވެ. މުބާރާތުގެ އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔަކީ ކުނަހަންދޫ ފުޓުބޯޅަ ޓީމުގެ މުހައްމަދު އަނިލްއެވެ. މުބާރާތުގެ ފެއާ ޕްލޭ ޓީމަކަށް ހޮވުނީ ތިއްތި ސްޕޯޓްސް ކްލަބެވެ.
ޗެމްޕިއަން ޓީމަށް ތަށްޓާއި މެޑަލް، އަދި ފައިސާގެ އިނާމް ހަވާލު ކޮށްދެއްވީ ޝަރަފުވެރި މެހެމާން މިނިސްޓަރު މަހުލޫފެވެ. ޗެމްޕިއަން ޓީމަށް ގަމު ކައުންސިލުން ވަނީ 50،000 ރުފިޔާގެ ފައިސާގެ އިނާމު ދީފައެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު