ހުސައިން ޝަރީފް (އޮންލީ) ޖެހި ގޯލާއެކު ލ. ގަމު މުކުރިމަގު އައިލެންޑް ޔޫތު ޔުނައިޓެޑް (އައިވައިޔޫ) ބަލިކޮށް، ލ. ގަމު ތުނޑީ ގޯޅި ސްޕޯޓްސް ކްލަބުން ގަމު ފުޓުބޯޅަ މުބާރާތުގެ ފައިނަލްގެ ފުރަތަމަ ޖާގަ ހޯދައިފިއެވެ.

ގަމު ކައުންސިލުން މުޅި ލ. އަތޮޅަށް ހުޅުވާލައިގެން ބާއްވަމުންދާ ގަމު ފުޓުބޯޅަ މުބާރާތުގެ ފުރަތަމަ ސެމީ ފައިނަލް މެޗުގައި މިއަދު ކުޅުނު މެޗު ގޯޅި ސްޕޯޓްސް ކްލަބުން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ. މެޗުގައި އޮންލީ ޖެހި ހަމައެކަނި ގޯލު ފެނިގެން ދިޔައީ ފުރަތަމަ ހާފުގެ ކުރީކޮޅުގައެވެ.

މިއަދުގެ މެޗަށް އައިލެންޑް ޔޫތު ޔުނައިޓެޑުން ނުކުތީ އެޓީމުގެ އިތުބާރު ޑިފެންޑަރު މުހައްމަދު ނިޒާމް (ޕީކޭ)އާ ނުލައެވެ. އައިލެންޑް ޔޫތު ޔުނައިޓެޑުން ކުޅުނު ގްރޫޕް ސްޓޭޖުގެ އެންމެ ފަހު މެޗުގައި ޕީކޭ އަށް ސީދާ ރަތް ކާޑެއް ދައްކާފައިވުމާއެކު މިއަދުގެ ސެމީއަށް އޭނާ ހުރީ ސަސްޕެންޝަނުގައެވެ.

މެޗުގެ ކުރީކޮޅުގައި ދެޓީމުންވެސް އެޓޭކިން ގޭމެއް ކުޅުނު އިރު، ގޯލަށް ގިނަ ހަމަލާތަކެއްވެސް އުފެއްދިކަން ފާހަގަވިއެވެ. މެޗުގެ އޮއެވަރު އެނބުރިގެން ދިޔައީ ފުރަތަމަ ހާފުގައި އޮންލީ ޖެހި ގޯލުންނެވެ. ދެވަނަ ހާފަށް ނުކުމެ އައިލެންޑް ޔޫތު ޔުނައިޓެޑަށް ގޯލަކަށް ބުރަކޮށް މަސައްކަތް ކުރި އިރު، އެޓީމުން ވަނީ އަލީ ހާފިޒު (ހާއްޕެ) ވެސް ކުޅެން ނެރެފައެވެ. އެހެން ނަމަވެސް އެޓީމުން ގޯލަކަށް ކުރަމުން ދިޔަ މަސައްކަތް ކާމިޔާބު ވާގޮތެއް ނުވިއެވެ.

މެޗުގެ ފަހު ކޮޅުގައި ފޯރިގަދަކޮށް ފެނުނު އިރު، ކޮންމެވެސް ވަރަކަށް މެޗު ހޫނުވެގެންވެސް ދިޔައެވެ. މެޗު ނިމުމާއެކު ގޯޅީގެ ސަޕޯޓަރުން ވަނީ ޓީމާއެކު ވަރަށް ބޮޑަށް އުފާފާޅުކޮށްފައެވެ.

މުބާރާތުގެ ދެވަނަ ސެމީ ފައިނަލްގައި މާދަމާ ލ. މާބައިދޫ ކައުންސިލް ނުކުންނާނީ ލ. ދަނބިދޫ ކައުންސިލާ ދެކޮޅަށެވެ.