ވިލާ އެޑިއުކޭޝަނަލް ސާވިސަސް ޕްރައިވެޓް ލިމިޓެޑުގައި އަދާކުރަމުންދިޔަ ވަޒީފާއިން ވަކިކުރި ފ. ނިލަންދޫ އަތިރީގެ އަބްދުއްސަމަދު އަހުމަދާއި ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުގައި އަދާކުރަމުންދިޔަ ވަޒީފާއިން ވަކިކުރި ރ. މަޑުއްވަރީ ސައިމާވިލާ އަހުމަދު ރަޝީދާ ދެމީހުން ކުރެ ކޮންމެ މީހަކަށް ދޮޅު ލައްކަ ރުފިޔާ ދިނުމަށް އެ ދެފަރާތުގެ މައްޗަށް ހައި ކޯޓުން އަމުރުކޮށްފިއެވެ.
މި ދެ މައްސަލައަކީވެސް ގާނޫނާ ހިލާފަށް އެ ދެމީހުން ވަޒީފާއިން ވަކި ކުރި މައްސަލައިގައި ބަދަލު ހޯދުމަށް ވަޒިފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅުމުން އެތަނުން ނިންމި ނިންމުމާ މެދު ހިތްހަމަ ނުޖެހިގެން ވިލާގެ ފަރާތުން ހައިކޯޓަށް ހުށަހެޅި ދެ މައްސަލައެވެ.
މީގެ ތެރެއިން ފުރަތަމަ މައްސަލައަކީ، އަބްދުއްސަމަދު އަހުމަދު ވިލާ އެޑިއުކޭޝަނަލް ސާވިސަސް ޕްރައިވެޓް ލިމިޓެޑުގައި 2 މެއި 2012 އިން ފެށިގެން އަދާކުރަމުންދިޔަ އިސްލާމް ޓީޗަރުގެ މަގާމުން އެއްވެސް ސަބަބެއްނެތި ނަސޭހަތެއް، އިންޒާރެއް ދިނުމަކާ ނުލައި 22 ނޮވެމްބަރު 2018 ގައި ވަކިކުރި މައްސަލައެވެ.
މި މައްސަލައިގައި އޭނާ ވަޒީފާއިން ވަކިކުރީ ގާނޫނާ ހިލާފަށް ކަމަށްބުނެ އެކަމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ލިބިދިނުމަށާއި، ވަޒީފާއިން ވަކިކޮށްފައި ވަނީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައި ދިނުމަށާއި، އެ ވަޒީފާގައި ދެމިހުރުމަކީ ސަމަދަށް ލިބިގެންވާ ހައްގެއް ކަމަށް ކަނޑައަޅައި ދިނުމަށާއި، ޗުއްޓީ ފެށުނު ދުވަހުގައި ވަޒީފާއިން ވަކިކުރާ ނޯޓިސް ދިނުމަކީ ގާނޫނާ ހިލާފަށް ކޮށްފައިވާ ކަމެއް ކަމަށް ކަނޑައަޅައިދިނުމަށް އެދި ވިލާއަށް ރައްދުވާގޮތަށް ސަމަދުގެ ފަރާތުން އެ މައްސަލަ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް 2019 ފެބްރުއަރީ 19 ވަނަ ދުވަހު ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅިއެވެ.
މި މައްސަލައާ ބެހޭގޮތުން ޓްރައިބިއުނަލުން ނިންމި ނިންމުމުގައި ބުނެފައި ވަނީ، ވަޒީފާ އަނބުރާ ލިބިދިނުމަށް އެފަރާތުން ފަރާތުން އެދިފައިވީ ނަމަވެސް އޭނާ ވަޒީފާއަށް ރުޖޫއަ ކުރާނެފަދަ އަމުރެއް މި މައްސަލައިގައި ނެރެދިނުމަކީ، މައްސަލައިގެ ވަށައިގެންވާ ކަންކަމަށް ރިއާޔަތް ކުރާއިރު، ދެފަރާތުގެ މަސްލަހަތަށް ބަލާއިރު އެންމެ އަދުލުވެރިގޮތް ކަމަށް ނުފެންނަ ކަމަށެވެ. އެހެންކަމުން އޭނާއަށް އަލުން އަނބުރާ ވަޒީފާދޭން އަންގާނެ ޖާގައެއް ނެތްކަމަށް ކަނޑައަޅާ ކަމަށްވެސް ބުނެފައިވެއެވެ.
ނަމަވެސް ސަމަދު ވަޒީފާއިން ވަކިކޮށްފައި ވަނީ ގާނޫނާ ހިލާފަށް ކަމަށްވާތީ މާލީ ބަދަލުގެ ގޮތުގައި 213،085 ރުފިޔާ ނަގައިދިނުމަށް ކަނޑައަޅައި މި ފައިސާ 21 ދުވަހުގެ ތެރޭގައި ދިނުމަށް މިއަހަރުގެ ފެބްރުއަރީ މަހުގެ 25 ގައި ޓްރައިބިއުނަލުން ނިންމި ނިންމުގައި ޓްރައިބިއުނަލުން ވަނީ އަމުރުކޮށްފައެވެ.
ދެވަނަ މައްސަލައަކީ 13 ޖޫން 2010 އިން ފެށިގެން ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުގައި އަހުމަދު ރަޝީދު އަދާކުރަމުންދިޔަ އެ ސްކޫލުގެ އިސްލާމިކް ކޯޑިނޭޓަރު ކަމުގެ މަގާމުން ގަވާއިދާ ހިލާފަށް ވަކިކޮށްގެން ހުށަހެޅި މައްސަލައެކެވެ.
ނަސޭހަތެއް ދިނުމެއްނެތި އަދި ސަބަބެއް އެންގުމަކާ ނުލައި 22 ނޮވެމްބަރު 2018 ގައި އޭނާ ވަޒީފާއިން ވަކިކޮށްފައިވާތީ، އޭނާއަކީ އެތަނުގެ ދާއިމީ މުވައްޒަފެއްކަމުގައި ކަނޑައަޅައި ދިނުމަށާއި، އޭނާއަކީ ވަޒިފާއިން ވަކިކޮށްފައިވާ ފަރާތެއް ކަމަށް ނުބެލުމަށާއި، ވަޒީފާއިން ވަކިކުރިއިރު ހުރި މަގާމު އަނބުރާ ދިނުމަށް އަމުރުކޮށްދިނުމަށާއި، އެ އަހަރުގެ މާޗު މަހުން ފެށިގެން ފާއިތުވި ކޮންމެ މަހެއްގެ މުސާރަ އާއި އިނާޔަތްތައް ދިނުމަށް އަމުރުކޮށްދިނުމަށް އޭނާ ޓްރައިބިއުނަލަށް ހުށަހެޅި މައްސަލައިގައި އެދިފައިވެއެވެ.
މި މައްސަލައިގައި ޓްރައިބިއުނަލުން ނިންމާފައި ވަނީ، އަހުމަދު ރަޝީދަށް އަލުން އަނބުރާ ވަޒީފާ ދޭން އަންގާނެ ޖާގައެއް ނެތް ކަމަށެވެ. ނަމަވެސް، މައްސަލަ ހުށަހެޅި އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ ގާނޫނާ ހިލާފަށް ކަމަށްވާތީ، މާލީ ބަދަލުގެ ގޮތުގައި، 212،634 ރުފިޔާ 21 ދުވަހުގެ ތެރޭގައި އަހުމަދު ރަޝީދަށް ދިނުމަށް މިއަހަރުގެ ފެބްރުއަރީ 25 ގައި ޓްރައިބިއުނަލުން ވަނީ ވިލާއަށް އަމުރުކޮށްފައެވެ.
ނަމަވެސް މި ދެ މައްސަލައިގައި ޓްރައިބިއުނަލުން ނިންމި ނިންމުމާ މެދު ހިތްހަމަނުޖެހިގެން ވިލާގެ ފަރާތުން އެ ދެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ.
މި ދެ މައްސަލަ ބަލައި މިދިޔަ ބުދަ ދުވަހު ހައިކޯޓުން ކުރި ހުކުމުން ވަނީ، ޓްރައިބިއުނަލްގެ ނިންމުން ބާތިލުކޮށްފައެވެ.
އެއަށްފަހު ޓްރައިބިއުނަލުން ކަނަޑައެޅި ބަދަލުގެ މިންވަރު ކުޑަކޮށް، އަބުދުއްސަމަދު ގާނޫނާ ހިލާފަށް ވަޒީފާއިން ވަކިކުރުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 159،813.90 ރުފިޔާ 14 ދުވަހުގެ ތެރޭގައި އޭނާއަށް ދިނުމަށާއި، އަހުމަދު ރަޝީދަށް 159،476 ރުފިޔާ ހަމަ އެ މުއްދަތުގައި ދިނުމަށް ވިލާގެ މައްޗަށް އަމުރު ކުރާ ކަމަށްވެސް ހައިކޯޓުން ވަނީ ހުކުމް ކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު