ޚަބަރު

ޑރ. އަފްރާޝީމްގެ ހަނދާނުގައި އިމާރާތްކުރި އިސްލާމީ މަރުކަޒު ހުޅުވައިފި

އަހުމަދު ޖައިޝަން

މީގެ ނުވަ އަހަރު ކުރިން އަވަހާރަކޮށްލި ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު އަދި ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝީމް އަލީގެ ހަނދާނުގައި ރ. އުނގޫފާރުގައި އިމާރާތްކުރި އިސްލާމީ މަރުކަޒު އިއްޔެ ހުޅުވައިފިއެވެ.

އުނގޫފާރު އިސްލާމީ މަރުކަޒު "މަސްޖިދު އައްދުކްތޫރު އަފްރާޝިމް އަލީ"' ހުޅުއްވައިދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ، އިސްލާމީ ތައުލީމު ދޭ މަރުކަޒެއް ބިނާކުރުމުގެ މަގުސަދުގައި އިމާރާތްކޮށްފައިވާ އެ މިސްކިތުގައި ހަތަރު ކުލާސް ރޫމާއި ލައިބްރަރީ އަދި ޕޭންޓްރީއެއްގެ އިތުރުން އެޑްމިން އޮފީހަކާއި ޖަލްސާކުރާ ހޯލެއް ހުންނާނެ ކަމަށެވެ.

ދެ ފަންގިފިލާ ހިމެނޭ އެ މިސްކިތުގައިި އެއްފަހަރާ 900 މީހުންނަށް ނަމާދުކުރެވޭނެ ކަމަށާއި އަންހެނުންނަށް ވަކިން ވުޟޫ ކުރުމާއި ނަމާދު ކުރެވޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ. އެ މިސްކިތުގައި ނަމާދު ކުރުމަށް ކަނޑައަޅާފައިވަނީ 5380 އަކަފޫޓުގެ ސަރަހައްދެކެވެ.

ދައުލަތުގެ ބަޖެޓުން 27 މިލިއަން ރުފިޔާ ހަރުދުކޮށްގެން އިމާރާތްކޮށްފައިވާ އެ މިސްކިތުގެ އެއްބަސްވުމުގައި ސޮއިކުރެވުނީ 2 މާޗް 2017 ގައެވެ. މިސްކިތުގެ މަސައްކަތް ނިމިފައިވަނީ 10 ޖެނުއަރީ ގައެވެ. މިސްކިތް އިމާރާތް ކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވާ އެސްޖޭ ކޮންސްޓްރަކްޝަނާއެވެ.