ޚަބަރު

މާވިންގެ ދިވެހި ލޯބިވެރިޔާ ހައްޔަރުކޮށްފި

މުހައްމަދު އިޝާން

އައިޖީއެމްއެޗްގައި މަސައްކަތް ކުރަމުންދިޔަ ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސް މަރާލި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި އޭނާގެ ފިރިމީހާ މާވިންއާ ލޯބީގެ ގޮތުން ގުޅުން އޮންނަ އައިޖީއެމްއެޗުގައި މަސައްކަތްކުރާ ދިވެހި އަންހެން ނަރުސް މީހާ ހައްޔަރުކޮށްފިއެވެ.

ފުލުހުން މިރޭ "ވަން" އަށް ވިދާޅުވީ މިދިޔަ އޮކްޓޯބަރު މަހުގެ 21 ގައި މޭރީ މަރާލި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ދިވެހި އަންހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއެވެ.

"ވަން" އަށް ކަށަވަރުވެފައިވާ ގޮތުގައި ހައްޔަރުކޮށްފައިވަނީ މާވިން ލޯބީގެ ގޮތުން ގުޅުން އޮންނަ އައިޖީއެމްއެޗްގައި މަސައްކަތްކުރާ 24 އަހަރުގެ ދިވެހި ނަރުހެވެ. އޭނާއަކީ ޅ. ހިންނަވަރަށް ނިސްބަތްވާ ހަލީމަތު ލަމްހާ ކަން އެނގިފައިވެއެވެ.

އައިޖީއެމްއެޗްގައި މަސައްކަތްކުރާ އެހެން ނަރުހަކު މީގެ ކުރިން "ވަން"އަށް މައުލޫމާތުދީފައިވާ ގޮތުގައި ލަމްހާ އާއި މާވިންއާ ލޯބީގެ ގޮތުން ގުޅުން އޮންނަކަން މޭރީ އަށްވެސް އެނގެއެވެ. އެކަމުގެ ސަބަބުން މޭރީ އާއި މާވިން ގުޅުން ގޯސްވިޔަސް ލަމްހާއާއި މާވިންގެ ގުޅުމަށް އަސަރު ނުކުރާކަމަށް އޭނާ ބުންޏެވެ.

މޭރީގެ ފިރިމީހާ އާއި ލަމްހާއާ ދެމީހުން ފާޅުގައި ހޮސްޕިޓަލް ތެރޭގައްޔާއި ބޭރު ތެރޭގައިވެސް އުޅޭ ކަމަށާއި ފަހުންފަހުން އައިސް މޭރީއާ ހަޑިހުތުރު ބަހުން މުއާމަލާތް ވެސް ކުރާ ކަމަށެވެ. މޭރީވެސް މި ލަމްހާއާ ޒުވާބު ކުރާ ކަމަށް "ވަން" އަށް މައުލޫމާތު ދިން މީހާ ބުންޏެވެ.

"ވަން" އާ ވާހަކަ ދެއްކި މީހާ ބުނީ ކޮންމެ ގޮތަކުން ވިޔަސް، ލަމްހާ ހާސިލުކުރުމަކީ މޭރީގެ ފިރިމީހާ އިންތިހާއަށް ބޭނުންވެފައި ހުރި ކަމެއްކަން ގިނަ ބަޔަކަށް އެނގޭ ކަމަށެވެ. އޭނާއާއި ލަމްހާއާ ދެމެދު އޮތް ގުޅުމަކީ ސިއްރު ގުޅުމެއް ނޫން ކަމަށާއި އެ ދެމީހުންގެ ގުޅުން ފަހުން ފަހުން އޮތީ "އޯޕަން" ކޮށް ކަމަށް ވެސް ބުންޏެވެ.

މޭރީ މަރުވި ދުވަހު މޭރީގެ ދަރިފުޅު ގޮވައިގެން ލަމްހާ ގެއިން ބޭރަށް ދިޔަ ކަމުގެ މައުލޫމާތު ލިބުނު ކަމަށް "ވަން" އާ ވާހަކަ ދެއްކި މީހާ ބުންޏެވެ. އެއީ މޭރީ މަރުވުމުގެ ހާދިސާގެ އިރުކޮޅެއް ކުރީން ކަމަށް ވެސް ބުންޏެވެ. ދިވެހި ނަރުހުގެ ފޯނަށް މޭރީ ގުޅި ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށާއި އޭގެ ފަހުން އެ ދެމީހުންގެ ދެމެދުގައި ޒުވާބެއް ހިނގި ކަމަށްވެސް އަޑު އިވިފައިވާ ކަމަށް އޭނާ ބުންޏެވެ. އަދި ލަމްހާ އޭގެ ފަހުން މޭރީއަށް "ގުޑްބައި" ޖަހާފައި މެސެޖެއް ކުރި ކަމަށްވެސް ވާހަކަ ދެކެވޭ ކަމަށް އޭނާ ބުންޏެވެ. އެފަދަ މެސެޖެއް ފޮނުވި ނަމަވެސް، އެއީ ނުބައި މާނައެއްގައި ފޮނުވި މެސެޖަކަށް ނުވެ ހިނގައިދާނެ ކަމަށްވެސް ބުނެޏެވެ.

"ވަން" އާ ވާހަކަ ދެއްކި އިތުރު މީހަކު ބުނީ މޭރީގެ ފިރިމީހާ، ލަމްހާއާ ލޯބީގެ ގޮތުން ގުޅިގެން އުޅުނަސް ރުންކުރު ގޮތެއް ހުރުން ފިޔަވައި އެހެން ކަމެއް އޭނާގެ ފަރާތުން ފާހަގަވެފައި ނުވާ ކަމަށެވެ. ހޮސްޕިޓަލް ތެރެއިންވެސް މޭރީއާ ދިމާލަށް ބާރަށް ވާހަކަ ދައްކާނީ ދިވެހި އަންހެންމީހާ އާ ދިމާލަށް މޭރީ އެއްޗެއް ބުނެފި ނަމަ އެކަނި ކަމަށްވެސް ބުންޏެވެ.

މޭރީ ގްރޭސްގެ ހަށިގަނޑު އައިޖީއެމްއެޗްއަށް ގެންގޮސްފައިވަނީ ފިރިމީހާ މާވިންއެވެ. އޭނާ އޭރު އެތާގައި ތިބި ހޮސްޕިޓަލުގެ އެހެން މުވައްޒިފުން ކައިރީގައި ބުނެފައިވަނީ މެރީ ގްރޭސް މަރުވެފައިވަނީ ދަން ޖެހިގެން ކަމަށެވެ.

ނަމަވެސް އެކަމުގައި ޝައްކުތަކެއް އުޅޭތީ ފުލުހުން އެ މައްސަލަ ދަނީ ތަހުގީގު ކުރަމުންނެވެ. ފުލުހުން އެ މަރާ ގުޅިގެން އަދި މިހާތަނަށް މާގިނަ މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ. ފުލުހުން ބުނެފައިވަނީ މޭރީ މަރުވީ ދަންޖެހިގެން ކަމަކަށް ނުބެލެވޭ ކަމަށާއި، ބޮޑަށް ބެލެވެނީ އަނިޔާތަކެއް ކުރުމަށްފަހު މަރާލީ ކަމަށެވެ. އޭނާގެ ޕޯސްޓަމުގައި ވެސް ވަނީ އެގޮތަށް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މޭރީގެ މަރުގެ މައްސަލައާ ގުޅިގެން މާވިން އަދިވެސް ހުރީ ފުލުހުންގެ ބަންދުގައެވެ.