މައްސަލަ ބަލައި ނިމެންދެން ހުޅުމާލޭގެ ރަޖިސްޓްރީ ބާތިލުކުރި ނިންމުމަށް އަމަލުކުރުން ފަސްކުރުމަށް ސިވިލް ކޯޓުން މިއަދު އަމުރުކޮށްފިއެވެ.

މާލޭ ސިޓީ ކައުންސިލުން ހުޅުމާލޭގެ ރަޖިސްޓްރީ ބާތިލުކޮށްފައިވަނީ މި މަހުގެ އަށްވަނަ ދުވަހުއެވެ. މާލޭ ސިޓީ ކައުންސިލުން ހުޅުމާލޭގެ ރަޖިސްޓްރީ ބާތިލުކުރީ ގާނޫނާ ހިލާފަށް ކަމަށް ބުނެ އެ ނިންމުމަށް އަމަލު ކުރުން ފަސްކޮށްދިނުމުގެ ވަގުތީ އަމުރަކަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ސިވިިލް ކޯޓުގައި އެދިފައިވަނީ މިމަހުގެ ނުވަވަނަ ދުވަހުއެވެ.

އެ މައްސަލަ ބެލުމަށްފަހު ސިވިލް ކޯޓުން މިއަދު ނެރުނު ވަގުތީ އަމުރުގައި ވަނީ ހުޅުމާލޭގެ ފޭސް އެކެއް އަދި ފޭސް ދޭއްގެ ބިމަކީ އެޗްޑީސީގެ ނަމުގައި ރަޖިސްޓަރީ ކޮށްފައިވާ ދެ ބިންކަމާއި އެ ދެބިމަށް ހަދައިދީފައިވާ ރަޖިސްޓަރީން އެނގެން އޮތުމުން މި މައްސަލައިގައި ވަގުތީ އަމުރަކަށް އެދުމުގެ ހައިސިއްޔަތު އެޗްޑީސީއަށް ލިބިގެންވާ ކަމަށެވެ.

ހުޅުމާލޭގެ ފޭސް އެކެއް އަދި ފޭސް ދޭއް ގައިވާ ބިމުގައި ހިމެނޭ އަމިއްލަ މީހުންގެ ނަމުގައި ރަޖިސްޓަރީ ކުރެވިފައިވާ ބިންތައް ފިޔަވައި، ދެން ހުރި ހުރިހާ ބިންތަކަކީ އެޗްޑީސީގެ މިލްކުގައިވާ މުދަލެއް ކަމަށާއި އެ ބިންތަކަށް މާލެ ސިޓީ ކައުންސިލުން ހަދައިދީފައިވާ ރަޖިސްޓަރީތަކުން އެނގެން އޮންނަ ކަމަށްވެސް އަމުރުގައިވެއެވެ.

އެ ރަޖިސްޓަރީތައް ބާތިލު ކުރުމުގައި މާލޭ ސިޓީ ކައުންސިލުގެ ފަރާތުން އަމަލުކޮށްފައިވަނީ އެކަންކަމުގެ އަމަލުކުރުމަށް ހަދާފައިވާ ގާނޫނުތަކާ ތައާރުޒުވާ ގޮތަކަށް ކަމަށާއި އަދި ވަގުތީ އަމުރަށް އެދޭ ފަރާތަށް، ގާނޫނީ ގޮތުން ހިމާޔަތް ލިބެންޖެހޭ މައުލޫއީ ހައްގެއް ނުވަތަ ގާނޫނީ މަރުކަޒެއް އޮތުމުގެ އިހުތިމާލު ފާޅުކަން ބޮޑުގޮތެއްގައި ގާއިމުވެފައި އޮތްކަން އެނގޭ ކަމަށްވެސް އަމުރުގައިވެއެވެ.

އަމުރުގައި ވަނީ ހުޅުމާލޭގެ ފޭސް އެކެއް އަދި ފޭސް ދޭއް ގައިވާ ބިންތައް، އެޗްޑީސީއަށް ސަރުކާރުގެ ފަރާތުން މިލްކުކޮށްދީ ރަޖިސްޓަރީ ކޮށްދީފައިވަނީ އެ ބިން ހިއްކުމަށްޓަކައި ސަރުކާރުން ކުރި ހަރަދާއި ސަރުކާރުން ނަގާފައިވާ ދަރަންޏަށް އެޗްޑީސީ ޖާމިނުކޮށް، އޭގެ މުގާބިލުގައި ކަމަށެވެ.

ވަގުތީ އަމުރު ނެރުމަކާ ނުލައި އަސްލު މައުލޫއީ ދައުވާ ލަސްވެގެން ހިނގައްޖެނަމަ، އިއާދަ ނުކުރެވޭފަދަ ނުރައްކަލަކާ ނުވަތަ ގެއްލުމަކާ ކުރިމަތިލާން ޖެހިދާނެކަން ދެފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި ކަން ހިނގާފައިވާ ގޮތުގެ މައްޗަށް ބެލުމުން އެނގޭ ކަމަށްވެސް އަމުރުގައިވެއެވެ.

އެހެންކަމުން މާލޭ ސިޓީ ކައުންސިލުން ހުޅުމާލެ ރަޖިސްޓަރީ ބާތިލު ކުރުމަށް ނިންމާފައިވާ ނިންމުމަށް އަމަލުކުރުން ފަސްކުރުމަށާއި މާލޭ ސިޓީ ކައުންސިލުގެ އެ ނިންމުން ތަންފީޒު ކުރުމުގެ ގޮތުން ދައުލަތުގެ އެއްވެސް އިދާރާއަކުން އެއްވެސް ކަމެއް ނުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

މީގެ އިތުރުން ހުޅުމާލޭގެ ބިމުގެ މިލްކުވެރި ފަރާތުގެ ހައިސިއްޔަތުން ލިބިފައިވާ އެންމެހައި ގާނޫނީ ހައްގުތަކާއި ބިމާ ގުޅިގެން ކުރަމުން އައި އެންމެހައި ކަންކަމާއި ހުޅުމާލެ ތަރައްގީ ކުރުމާއި ބެލެހެއްޓުމުގެ ގޮތުން އެޗްޑީސީން ކުރަމުން އައި ކަންކަމަށް ހުރަސްއެޅޭ ފަދަ އެއްވެސް ކަމެއް އެއްވެސް ފަރާތަކުން ނުކުރުމަށެވެ. އަދި ކުރަމުންދާނަމަ އެކަމެއް ހުއްޓުވައިދިނުމަށް ދައުލަތުގެ ކަމާބެހޭ އެންމެހައި އިދާރާތަކަށާއި މޯލްޑިވްސް ޕޮލިސް ސާވިސްގެ މައްޗަށްވެސް ސިވިލް ކޯޓުން ވަނީ އަމުރުކޮށްފައެވެ.