އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އާސެނަލްއިން ކުޅުނު މެޗުގައި ވެސްޓްހަމް ޔުނައިޓެޑް ބަލިކޮށް، އެޓީމުން ގަދަ ހަތަރެއްގެ ތެރެއަށް ޖެހިލައިފިއެވެ.
ރޭ އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މެޗު އާސެނަލް އިން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ. ރޭގެ މެޗުގެ 66 ވަނަ މިނެޓުގައި ވެސްޓްހަމްގެ ކޯފުލްއަށް ރަތް ކާޑު ދައްކާފައިވާ އިރު، އާސެނަލްގެ ދެ ގޯލު ޖެހީ ގެބްރިއަލް މާޓިނޭލީއާއި އެމީލް ސްމިތު ރޯއެވެ.
ރޭގެ މެޗުން މޮޅުވެ އާސެނަލް ހަތަރު ވަނައަށް އެރީ 17 މެޗުން 29 ޕޮއިންޓް ހޯދައިގެންނެވެ. ރޭގެ މެޗަށް ނުކުތް އިރު، ހަތަރު ވަނައިގައި އޮތް ވެސްޓްހަމް މިވަގުތު ފަސް ވަނައިގައި އޮތީ 17 މެޗުން 27 ޕޮއިންޓާ އެކުއެވެ.
މެޗުގެ ފުރަތަމަ ހާފު ގޯލެއް ނުޖެހި ނިންމާލަން ޖެހުނު އިރު، އެންމެ ފަހި ފުރުސަތެއް ލިބުނީ ކިއެން ޓިއެރަނީއަށެވެ. އޭނާ އޭރިއާ ބޭރުން ފޮނުވާލި ބާރު ބޯޅަ ވެސްޓްހަމްގެ ގޯލްކީޕަރު ލޫކަސް ފަބިއާންސްކީ ވަނީ މަތަކޮށްފައެވެ. އާސެނަލުން ލީޑު ނެގީ މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅުގައެވެ. ރޭގެ މެޗުގައި ކެޕްޓަން ބޭންޑް އަޅައިގެން ނުކުތް އެލެކްސެންޑްރާ ލަކަޒޭޓް ހުސްކޮށްލާފައި ދިން ބޯޅަ ގޯލަށް ވައްދާލީ މާޓިނޭލީއެވެ.
މެޗުގެ 69 ވަނަ މިނެޓުގައި އާސެނަލަށް ލީޑުފުޅާ ކޮށްދޭން ލަކަޒޭޓަށް ޕެނަލްޓީއެއް ލިބުނެވެ. ނަމަވެސް އޭނާ ޖެހި ޕެނަލްޓީ ވެސްޓްހަމްގެ ފަބިއަންސްކީ ވަނީ މަތަކޮށްފައެވެ. އާސެނަލްގެ ދެވަނަ ގޯލު މެޗު ނިމެން ތިން މިނިޓަށް ވެފައި ހުއްޓައި ޖެހީ ސްމިތު ރޯއެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު