އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެންބަރުކަމުން އިބްރާހިމް ޝަކީލް އިސްތިއުފާ ދެއްވައިފިއެވެ.

އޭސީސީގެ މަސައްކަތްތައް އެކަށީގެންވާ ގޮތަށް ކުރިއަށް ނުދާކަމަށް، އޮޑިތް އޮފީހުން ހެދި ޕާފޯމެންސް ކޮޑިޓް ރިޕޯޓުން ހާމަވާތީ، އޭސީސީގެ މެންބަރުން މަގާމުން ވަކި ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފާސްކޮށް މަޖިލީހުގެ ތަޅުމަށް ހުށަހެޅުމުން އެކަމަށް ގޮތެއް ކަނޑައެޅުމަށް ދައުރުން ބޭރުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް މިއަދު ވަނީ ބާއްވައިފައެވެ.

މަޖިލީހުގެ ގަވާއިދުގައިވާގޮތުގެ މަތިން އެ ޖަލްސާ ބޭއްވީ މަޖިލީހުގެ 30 މެންބަރުން އެކަމަށް އެދިވަޑައިގެން ހުށަހެޅުއްވުމާ ގުޅިގެންނެވެ.

މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން ސަބަބުން ބަޔާންކޮށް މަޖިލީހުގެ 30 މެންބަަރުން ސޮއި ކުރައްވައި ދައުރުން ބޭރުން މަޖިލީހުގެ ޖަލްސާއެއް ނުވަތަ ޖަލްސާތަކެއް ބާއްވަން އެދިވަޑައިގެން މަޖިލީހުގެ ރައީސަށް ހުށަހަޅުއްވައިފި ނަމަ 14 ދުވަހުގެ ތެރޭގައި އެ ޖަލްސާ ނުވަތަ އެ ޖަލްސާތައް ބާއްވަން ޖެހެއެވެ.

އެގޮތުން މިއަދު ބޭއްވި ޖަލްސާގައި ކޮމިޓީން އެދިފައިވާ ގޮތަށް އޭސީސީގައި ތިއްބެވި ހަތަރު މެންބަރުން ވަކި ކުރުމުގެ މައްސަލަ މަޖިލީހުގައި އިއުލާން ކުރެއްވުމަށް ތައްޔާރުވެ ވަޑައިގެން އެކަން މަޖިލީހުގެ އަމީން އާއްމަށް ދެންނެވުމުގެ ކުރިން މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ސީޓިއެއް ލިބިވަޑައިގެންފައިވާ ކަމަށެވެ.

މިއަދު ހެނދުނު ރައީސް އޮފީހުން ފޮނުވި އެ ސިޓީގައި، އޭސީސީގެ ގާނޫނުގެ 10 ވަނަ މާއްދާގެ (ހ) ގެ ދެވަނަ މާއްދާގައި ވާގޮތުގެމަތިން އެ ކޮމިޝަނުންގެ މެންބަރުކަމުން އިބްރާހިމް ޝަކީލް މިއަދުން ފެށިގެން އިސްތުފާ ހުށަހަޅުއްވާފައިވާކަން މަޖިލީހަށް އަންގާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

އެހެންކަމުން މަޖިލީހުން ވަކި ކުރަން ޖެހެނީ މިހާރު ކޮމިޝަންގައި ތިއްބެވި ތިން މެންބަރުން ކަމަށްވާ އެ ކޮމިޝަންގެ ރައީސް މަރިޔަމް ޝިއުނާ އާއި ނާއިބު ރައީސް ފާތުމަތު އަނޫލާ އާއި މެންބަރު އާއިޝަތު އަބުދުﷲ ކަމަށްވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ.

ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ އޭސީސީގެ މެންބަރުކަމުން އަލީ އަޝްރަފު ވަނީ ޕާފޯމަންސް އޮޑިޓު ހެދުމާ ގުޅިގެން މި ޑިސެމްބަރު މަހުގެ ދެވަނަ ދުވަހު އިސްތިއުފާ ދެއްވައިފައެވެ.