ޝަރީއަތް މެދުވެރިކޮށް ނަހަމަ ގޮތުގައި ކުންފުންޏަކަށް ފައިސާ ނަގައިދިން ގއ. ވިލިގިނލީ މެޖިސްޓްރޭޓު ކޯޓުގެ މެޖިސްޓްރޭޓު އަހުމަދު ޝުކޫރުގެ މައްސަލަ މިއަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ފޮނުވާފައިވާ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނެފިއެވެ.

ހައިކޯޓުން މިދިޔަ އަންގާރަ ދުވަހު ކުރި ހުކުމެއްގައި ބުނެފައި ވަނީ ވިލިގިނލީ މެޖިސްޓްރޭޓް ކޯޓުން، އެ ކޯޓުގެ އެކައުންޓަށް އޮޅިގެން ޖަމާވެފައިވާ ފައިސާތަކެއް އަނބުރާ ދޭން ތަކުރާރުކޮށް އެދުމުން ދަނިކޮށް އެ ފައިސާ ވިމްސް މޯލްޑިވަސް ނަމަކަށް ކިޔާ ކުންފުންޏަކަށް ޖަމާކޮށްފައި ވަނީ ގާނޫނީ ހިލާފަށް ކަމަށެވެ.

އެ ހުކުމުގެ ވާހަކަ މީޑިއާތަކުން އިއްޔެ ރިޕޯޓުކޮށްފައި ވަނިކޮށް، ރޭ ޖޭއެސްސީން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ފައިސާ ނަގައިދިން މެޖިސްޓްރޭޓު ޝުކޫރުގެ އެ މައްސަލަ އޮކްޓޯބަރު 2020ގައި ބަލަން ފެށުމުން އޭނާ މަގާމުން އިސްތިއުފާ ދީފައިވާ ކަމަށެވެ. ނަމަވެސް އޭނާގެ މައްސަލަ އޭސީސީއަށް މިއަހަރުގެ ޖެނުއަރީ މަހު ފޮނުވާފައިވާ ކަމަށް ބުންޏެވެ.

ޖޭއެސްސީން ބުނީ އެ މައްސަލައިގެ ތަހުގީގުގައި ޝުކޫރު، ފަނޑިޔާރުކަމުގެ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ކަނޑައެޅިގެން ފާޅުކަން ބޮޑު ގޮތުގައި ފަރުވާލެއް ނެތި ގާނޫނާ ހިލާފަށް ހިންގާފައިވާ ކަމެއްކަން އެނގުނު ކަމަށެވެ.