މާލޭ ސިޓީ ކައުންސިލު ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް ކުއްޔަށް ނެގި ދެ ކޮޓަރީގެ އެޕާޓްމެންޓަކަށް ދައްކަން ޖެހޭ، އެހެން ނަމަވެސް ނުދެއްކި އޮތް 35,365.55 (ތިރީސް ފަސްހާސް ތިންސަތޭކަ ފަސްދޮޅަސް ފަސް ރުފިޔާ ފަންސާސް ފަސް ލާރި) އެއް މަސް ދުވަހުގެ ތެރޭގައި ދެއްކުމަށް ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.
ނަރީޝްގެ މައްޗަށް އެ ދައުވާ ކޮށްފައިވަނީ، ލ.ގަން, ތުނޑި، މެކްސް, އަބްދުއްރަހްމާން އިދުރީސް ކިޔާ މީހެކެވެ. ނަރީޝްގެ މައްޗަށް ކޮށްފައިވާ ދައުވާއަކީ، މ. އީސްޓްޕިންކް ކިޔާ ގޯތީގެ ފަސް ވަނަ ފަންގިފިލާގައި ހަދާފައިވާ ދެ ކޮޓެރީގެ އެޕާޓްމަންޓަށް ދައްކަން ޖެހޭ ކުލީގެ ތެރެއިން ނުލިބިވާ ފައިސާއާއި ކަރަންޓާއި ފެންބިލަށް ދައްކަން ޖެހޭ 98,865.55ރ. އެއްފަހަރާ ހޯދުމަށެވެ.
ސިވިލް ކޯޓުން ކުރި ހުކުމްގައި ބުނީ، މި ދައުވާއަށް އިންކާރު ކޮށް ނަރީޝް ވަނީ ދައުވާކުރާ ފަރާތަށް ދޭން ޖެހޭ އެއްވެސް ފައިސާއެއް ނޯންނާނެ ކަމަށް ބުނެ ޖަވާބުދީފައި ކަމަށެވެ. އެހެން ނަމަވެސް 29 ނޮވެމްބަރު 2021 ގައި ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ހޯދަން އެދިފައިވާ ފައިސާގެ ތެރެއިން ދައުވާ ލިބޭ ފަރާތުން ދައުވާ ކުރާ ފަރާތަށް ބާކީ ނުދެއްކި ވަނީ 35,365.55ރ ކަމަށާއި، މި ފައިސާ ނުދެއްކި ވަނީ ދިމާވި މާލީ ދަތިތަކެއްގެ ސަބަބުން ކަމަށާއި، އަދި ފައިސާ ދެއްކުމަށް ހަ މަސްދުވަހުގެ މުއްދަތެއް ދިނުމަށް ނަރީޝް އެދިފައިވާ ކަމަށެވެ.
ނަރީޝްގެ މައްޗަށް ދައުވާ އުފުލި ފަރާތުން ހޯދަން އެދިފައިވަނީ، އޭނާ ކުލި ނުދައްކާ މަސްތަކަށް ކުއްޔާއި ޖޫރިމަނާގެ ގޮތުގައި ހޯދަން އެދިފައިވާ 90،235.48ރ އެވެ. އަދި ކަރަންޓް ބިލާއި ފެންބިލަށް ދައްކަން ޖެހި ނުދެއްކިވާ 8،630.07ރ އާއެކު 98،865.55ރ އެވެ.
އެހެން ނަމަވެސް ނަރީޝްގެ މައްޗަށް ދައުވާ އުފުލި ފަހުން އޭނާ ވަނީ ގޭގެ ވެރިމީހާގެ އެކައުންޓަށް 35,000ރ ޖަމާކޮށްފައި ކަމަށާއި ޑިޕޮސިޓް ފައިސާގެ ގޮތުގައި 28,000ރ ދައްކާފައި އޮތުމުން، އޭނާ ދައްކަން ޖެހޭ ފައިސާއިން އެ ދެ އަދަދު އުނިކުރުމަށްފަހު، ނަރީޝް މިހާރު ދައްކަން ޖެހެނީ 35,365.55ރ ކަމަށް ސިވިލް ކޯޓުން ވަނީ ނިންމައިފައެވެ.
މި ފައިސާއަކީ 2017 ވަނަ އަހަރުން ފެށިގެން ދައުވާކުރާ ފަރާތަށް ނުލިބިވާ ފައިސާއެއް ކަމަށްވާތީ އާއި، އަދި މި އަހަރު އޭޕްރިލް މަހުގެ ނުވަ ވަނަ ދުވަހަށްފަހުގައި ނަރީޝް އިތުރު ފައިސާއެއް ދައްކާފައި ނުވާތީ، ފައިސާ ދެއްކުމަށް ހަ މަސްދުވަހުގެ މުއްދަތެއް ދިނުމަށް ނަރީޝް އެދިފައިވީ ނަމަވެސް، ދައުވާ ކުރާ ފަރާތުން ވަނީ ހަ މަސް ދުވަހުގެ މުއްދަތެއް ނަރީޝް އަށް ދިނުމަށް އިންކާރުކޮށްފައެވެ.
އެހެންކަމުން ކުލީގެ އެއްބަސްވުމުގެ ދަށުން ނަރީޝް ދައްކަން ޖެހި ނުދެއްކިވާ 35،365.55ރ މި މަހުގެ 13 ވަނަ ދުވަހުން ފެށިގެން އެއް މަސް ދުވަހުގެ ތެރޭގައި އެ ފައިސާ ސިވިލް ކޯޓަށް ދެއްކުމަށް ނަރީޝްއަށް ވަނީ ހުކުމް ކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު